އުތީމުގެ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ހުޅުވައިފި
15 އޯގަސްޓު 2026 | ހޮނިހިރު 06:39މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން ހުޅުއްވައިދެއްވި މި ދޮރޯށްޓަކީ ކަޅުއޮށްފުންމީގެ ހަ ބަޠަލުން ރަމްޒުކޮށްދޭ ގޮތަށް، ދިވެހި އާސާރީ ފަރުމާތަކަށް ބިނާކޮށްފައިވާ ތަނެއް. މިއީ ތަރިކަ ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ހއ. އަތޮޅުގައި ކުރިއަށްގެންދާ ޤައުމީ މަޝްރޫޢުގެ ދަށުން ބިނާކުރި ތަނެއް

ހއ. އުތީމުގައި ތަރައްގީކޮށްފައިވާ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވަނީ | ރައީސް އޮފީސް
ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝްރޫޢުގެ ދަށުން ހއ. އުތީމުގައި ތަރައްޤީކޮށްފައިވާ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ، މި ދޮރޯށި ހުޅުއްވައިދެއްވީ މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ހއ. އުތީމުގައި ކުރިއަށްގެންދަވާ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ހޮނިހިރު ދުވަހު ހެނދުނުއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމު ޢަބްދުﷲ، އުއްތަމަ ފަނޑިޔާރު، އަލްއުސްތާޛު އަބްދުލްޣަނީ މުޙައްމަދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢުއާއި، ދަޢުލަތުގެ ވަޒީރުން ބައިވެރިވެވަޑައިގަތް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. އަދި ދަޢުލަތަށް ދިގުމުއްދަތެއްގައި ޚިދުމަތްކުރެއްވި ބޭބޭފުޅުންނާއި، ބޭރު ޤައުމުތަކުން ވަޑައިގެން ތިއްބެވި ޑިޕްލޮމެޓުންނާއި ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި ފަރުމާކުރެވިފައިވަނީ އެތަކުރުފާނުގެ ތާރީޚީ ޖިހާދު ރަމްޒުކުރެވިގެންދާ ގޮތަށް ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. މި ބިނާގައި މައިގަނޑު 6 ތަނބެއް ހިމެނޭއިރު، މި ތަނބުތައް ފަރުމާކުރެވިފައިވަނީ ދިވެހި އެވޭލާ މިސްކިތްތަކުން ފެންނަ ތަނބުތައް ނަކަލުކޮށްގެންނެވެ. މި 6 ތަނބު ރަމްޒުކޮށްދެނީ ދިވެހީންގެ މިނިވަންކަމަށްޓަކައި ކަޅުއޮށްފުންމީގައި ޖިހާދުކުރެއްވި 6 ބަޠަލުންނެވެ.
ދިވެހި ޤައުމިއްޔަތާއި ސަގާފަތް ދިރުވާ އާލާކުރުމުގެ ސިޔާސަތުގެ ދަށުން، ޣާޒީ ބަންޑާރައިން (އުތީމު މުޙައްމަދު ތަކުރުފާނު) ގެ ހަނދާންތަކާއި އަސަރުތައް ހިމާޔަތް ކުރެއްވުމަށް ހއ. އަތޮޅުގައި ޚާއްޞަ ޤައުމީ މަޝްރޫޢެއް ކުރިޔަށްގެންދާ ކަމަށާއި، މި ސިޔާސަތުގެ މައިގަނޑު އަމާޒަކީ ތަރިކަ ރައްކާތެރިކޮށް، ފަތުރުވެރިކަމާ ގުޅުވައިގެން އެ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙުކުރެއްވީ، ރައީސް ޑރ. މުއިއްޒު، ހއ. އުތީމަށް މިދިޔަ އަހަރު ކުރެއްވި ޒިޔާރަތުގައި އެވެ.











