ހއ. އުތީމުގައި ތާރީޚީ "ވާހަކަ ވައު" ހުޅުވައިފި
15 އޯގަސްޓު 2026 | ހޮނިހިރު 13:12ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދުގެ މުހިންމު ހާދިސާތައް ސިފަކޮށްދޭ "ވާހަކަ ވައު" ފަރުމާކޮށްފައިވަނީ ގުދުރަތީ ރީތިކަމުގެ ތެރެއިން ތާރީޚީ މަޢުލޫމާތު ލިބޭނެ ފަދަ ހިނގާލުމެއްގެ ގޮތުގައި. ސަގާފީ ފަތުރުވެރިކަން ކުރިއެރުވުމަށް ހިންގި މި މަޝްރޫޢުގެ ސަބަބުން އުތީމަކީ ތާރީޚީ މުހިންމު މަރުކަޒަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ބުނޭ

ރައީސުލްޖުމްހޫރިއްޔާ، ހއ. އުތީމުގައި ތަރައްޤީކޮށްފައިވާ ތާރީޚީ "ވާހަކަ ވައު" ހުޅުއްވައިދެއްވައިފި | ރައީސް އޮފީސް
ހއ. އުތީމު ކަނދުވަލު މިސްކިތް ސަރަހައްދުގައި ތަރައްގީކޮށްފައިވާ ތާރީޚީ "ވާހަކަ ވައު" ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފި އެވެ.
ދިވެހި ތާރީޚީ ބިނާއެއްކަމަށްވާ އުތީމު ކަނދުވަލު މިސްކިތާ އިންވެގެން އޮތް ޤުދުރަތީ ވަލުގެ ތެރޭގައި ތަރައްގީކުރެވިފައިވާ "ވާހަކަ ވައު" އަކީ ބޮޑުތަކުރުފާނުގެ މިނިވަންކަމުގެ ޖިހާދުގެ ވާހަކަ ކިޔައިދީ، އޭގެ މަންޒަރުތައް ސިފަކޮށްދޭ ބޯޑުތަކެއްގެ އެހީގައި އެ ޖިހާދު އިހުސާސްކޮށްދިނުމަށްޓަކައި ތާރީޚުގެ ތެރެއަށް ހިނގާލެވޭ ހިނގާލުމެއްގެ ގޮތުގައި ފަރުމާކުރެވިފައިވާ ޕާކެއް ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ.
ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކުން ވާހަކަ ވަލުގެ މަގުތަކުން ހިނގަމުންދާއިރު، ގަސްގަހާގެހީގެ ތެރެއިން ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގެ މުހިންމު ހާދިސާތައް ތަރުތީބުން ފެންނަން ހުންނަ ގޮތަށް ފަރުމާކުރެވިފައިވާ މި ހިނގާލުމުގައި، މިލާދީ ސަނަތުން 1558 ގައި، މާލެ އިސްތިޢުމާރު ކުރި ހިސާބުން ފެށިގެން، ހއ. ބާރަށުގައި ކަޅުއޮށްފުންމި ބެންނެވުމާއި، މީލާދީ ސަނަތުން 1573 ގައި ލިބުނު ފަޚްރުވެރި ނަޞްރާ ހަމައަށް ވާހަކަތައް ގެނެސްދެވިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. މިއީ ފަންނުވެރިކަމާއި ޤުދުރަތީ ރީތިކަމާއި ތާރީޚު އެއްތަނަކުން ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިވެގެންދާގޮތަށް ފަރުމާކުރެވިފައިވާ ޕާކެއް ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގޮސްފައިވާ މި މަޝްރޫއުގެ ބޭނުމަކީ ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި ތަރިކައިން އާމްދަނީ ހޯދުމާއެކު އުތީމަކީ ސަގާފީ ފަތުރުވެރިކަމާއި ގައުމީ ތާރީޚުގެ މުހިންމު މަރުކަޒަކަށް ހެދުން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.











