މައުލޫމާތު ހޯދުމުގެ ހުށަހެޅުންތަކަށް ޖަވާބު ދިނުން ހަރުދަނާކުރަން ޕްލޭނެއް ހަދަން ރައީސް އޮފީހަށް އަންގައިފި
16 އޯގަސްޓު 2026 | އާދީއްތަ 06:33މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތަކަށް ގާނޫނީ މުއްދަތުގައި ޖަވާބުދިނުން ރައީސް އޮފީހުން ތަކުރާރުކޮށް ލަސްވަމުންދާތީ، އެ ނިޒާމު ހަރުދަނާކުރުމުގެ ޕްލޭނެއް ހުށަހެޅުމަށް އިންފޮމޭޝަން ކޮމިޝަނަރު އެ އޮފީހަށް ވަނީ އަންގާފައި. މި އެންގުން އައީ ރައީސް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ މައުލޫމާތު ހޯދަން ހުށަހެޅި އާރުޓީއައިއަކަށް ޖަވާބުދިނުން ބޮޑުތަނުން ލަސްވި މައްސަލަ ބެލުމަށްފަހު. އެހެންކަމުން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށްގެން މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމުތައް އިސްލާހު ކުރުމަށް އަންގާފައިވޭ


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭރުން ނަގާފައިވާ ފޮޓޯއެއް
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅޭ ހުށަހެޅުންތަކަށް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ޖަވާބުދާރީވުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި 'އިމްޕްލިމެންޓޭޝަން ޕްލޭން' އެއް ތައްޔާރުކޮށް ހިއްސާކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގައިފި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިގޮތަށް އެންގީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަކީ އެ ގައުމުގެ ސަރުކާރުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެއްތޯ ނުވަތަ އަމިއްލަފުޅު ދަތުރުފުޅެއްތޯ ސާފުކުރުމަށް ރާއްޖެޓީވީން ހުށަހެޅި ރައިޓް ޓު އިންފޮމޭޝަން (އާރުޓީއައި) އެއްގެ މައްސަލައެއް ބެލުމަށްފަހުގަ އެވެ.
އެ ހުށަހެޅުމާ ގުޅިގެން ރައީސް އޮފީހުން ފަހުން ޖަވާބު ދީފައިވަނީ 2025 ޖުލައި 15 އިން 19 އަށް ރައީސް އެ ގައުމަށް ކުރެއްވީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.
މި މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، 19 ޖުލައި 2025 ގައި މައުލޫމާތު ހޯދުމަށް ހުށަހެޅުމުން، މުއްދަތު 14 ދުވަހަށް އިތުރުކުރިކަން އަންގާފައިވަނީ 13 އޮގަސްޓު 2025 ގަ އެވެ. ނަމަވެސް އެ މުއްދަތުގައި ޖަވާބު ނުދިނުމުން 24 ޖަނަވަރީ 2026 ގައި އިންފޮމޭޝަން ކޮމިޝަނަރަށް ޝަކުވާ ހުށަހެޅުމާ ގުޅިގެން، ރައީސް އޮފީހުން ވަނީ 24 ޖަނަވަރީގައި މައުލޫމާތު ފޯރުކޮށްދީފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރު ނިންމެވި ނިންމެވުމުގައި ފާހަގަކުރައްވާފައިވަނީ، ހޯދުމަށް އެދުނު މައުލޫމާތު ފަހުން ފޯރުކޮށްދީފައިވާ ކަމަށެވެ.
ނަމަވެސް، ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ޖަވާބު ނުދިނުމަކީ މައުލޫމާތު ދިނުމަށް އިންކާރުކުރުން ކަމަށް ބެލެވޭނެ ކަމަށާއި، މިގޮތަށް މުއްދަތު ހަމަވާއިރު ޖަވާބު ނުދިނުން ރައީސް އޮފީހުގެ ފަރާތުން ތަކުރާރުވަމުންދާ ކަމަށެވެ.
އެހެންކަމުން، ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށްގެން، ގާނޫނީ މުއްދަތުގެ ތެރޭގައި މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަރުދަނާކުރުމަށްޓަކައި ޕްލޭނެއް އެކުލަވާލައި އައިކޮމްއާ ހިއްސާކުރުމަށް ރައީސް އޮފީހަށް ވަނީ އަންގާފަ އެވެ.











