ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ރޮނގުން ޚިދުމަތުގެ ޤައުމީ އިނާމު، އަލްމަރްހޫމް އިހްސާން އަބްދުލްޣަނީގެ ހަނދާނަށް އަރުވައިފި
15 އޯގަސްޓު 2026 | ހޮނިހިރު 07:07ދިވެހި ފުޓްބޯޅައިގެ ތާރީޚީ ކާމިޔާބީތަކާއި ކުޅުންތެރިން ބިނާކުރުމުގައި އިހްސާން އަބްދުލްޣަނީ (ސާންތީ) ވަނީ ނަމޫނާ މަސައްކަތްތަކެއް ކުރައްވާފައި. އެގޮތުން ޤައުމީ ޓީމަށް ސާފް ޗެމްޕިއަންޝިޕް ހޯދައިދިނުމުގައާއި އަތޮޅުތަކުގެ ހުނަރުވެރި ޒުވާނުން ފުޓްބޯޅައިގެ ތަރިންނަށް ހެއްދެވުމުގައި އޭނާގެ ހިއްސާ ބޮޑު. މި އަގުހުރި ޚިދުމަތްތެރިޔާ ނިޔާވީ 2025 މާރިޗު 22 ގައި


ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ރޮނގުން ޚިދުމަތުގެ ޤައުމީ އިނާމު، އަލްމަރްހޫމް އިހްސާން އަބްދުލްޣަނީގެ ހަނދާނަށް އަރުވައިފި | ރައީސް އޮފީސް
ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއިން، ޚާއްސަކޮށް ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކުރުމުގެ ރޮނގުން ދިވެހި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، ޚިދުމަތުގެ ޤައުމީ އިނާމު، ގ. އިލާ، އަލްމަރްހޫމް އިހްސާން އަބްދުލްޣަނީ (ސާންތީ) ގެ ހަނދާނަށް އަރުވައިފި އެވެ.
ދިވެހި ފުޓްބޯޅައިގެ ދަނޑުގައި ސާންތީގެ ނަމުން މަޝްހޫރުވެފައިވާ އިހްސާން އަބްދުލްޣަނީއަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚު ދުށް އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ކާމިޔާބު އެއް ކޯޗެވެ. މަޖީދިއްޔާ ސްކޫލް އަދި ޔޫތު ސްޕޯޓްސް ކްލަބުގެ ހުނަރުވެރި މިޑްފީލްޑަރެއްގެ ގޮތުގައި ފުޓްބޯޅައިގެ ތެރެއަށް ވަދެވަޑައިގެންނެވި ނަމަވެސް، ޒުވާން އުމުރުފުޅުގައި އިހްސާން ޚާއްސަވެވަޑައިގަތީ ކޯޗިންގގެ ދާއިރާއަށެވެ.
ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑެތި ކާމިޔާބީތަކުގެ ފަހަތުގައި އިހްސާން އަބްދުލްޣަނީގެ ހިއްސާ ބޮޑެވެ. އެގޮތުން 2004 ވަނަ އަހަރު އޭޝިއާގެ ގަދަބާރު، ދެކުނު ކޮރެއާއާއި ދެކޮޅަށް ކުޅެ ރާއްޖެއިން އެއްވަރުކުރި ތާރީޚީ މެޗުގައި އެސިސްޓެންޓް ކޯޗަކީ އޭނާ އެވެ. މީގެއިތުރުން، 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ހެޑް ކޯޗުގެ އެންމެ އިސް އެސިސްޓެންޓަކީ ވެސް އިހްސާން އެވެ. އަދި އޭގެ 10 އަހަރު ފަހުން، ދެވަނަ ފަހަރަށް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އޭނާ ހުންނެވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަޤާމުގަ އެވެ. ކްލަބް ފެންވަރުގައި ބަލާއިރު، ކްލަބް އީގަލްސްއަށް އައު ޒުވާން ކުޅުންތެރިން ތައާރުފުކުރައްވައި، އެ ކުޅުންތެރިންނާއެކު 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރެއްވުމަކީ އިހްސާންގެ ކޯޗިންގ ހަޔާތުގެ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.
އަލްމަރްހޫމް އިހްސާން ޢަބްދުލްޣަނީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯޗިންގ ކޭމްޕުތައް ހިންގަވައި، އަތޮޅުތަކުން ހުނަރުވެރި ޒުވާން ކުޅުންތެރިން ހޯއްދަވައި މާލެ ގެންނަވައިގެން އެ ކުޅުންތެރިން ފުޓްބޯޅައިގެ ތަރިންނަށް ހައްދަވައިދެއްވުމުގައި ނަމޫނާ މަސައްކަތްތަކެއް ކުރެއްވި ޚިދުމަތްތެރިއެކެވެ. އޭނާގެ މުޅި ހަޔާތް ހޭދަކުރެއްވީ ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށާއި އަންނަން އޮތް ޖީލުތަކަށް ފުރުސަތުތައް ފަހިކޮށްދެއްވުމުގަ އެވެ.
އަލްމަރްހޫމް އިހްސާން އަބްދުލްޣަނީ (ސާންތީ) ނިޔާވީ 2025 ވަނަ އަހަރުގެ މާރިޗު މަހުގެ 22 ވަނަ ދުވަހު އެވެ.







