ޤައުމީ ދުވަހު އުތީމުގައި ބާއްވާ ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެއްބޭފުޅަކަށާއި ޖަމްއިއްޔާއަކަށް ދޭން ނިންމައިފި
13 އޯގަސްޓު 2026 | ބުރާސްފަތި 08:28މި އަހަރުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ތިން ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށް، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހަތް ބޭފުޅަކަށާއި ކުންފުންޏަކަށް ދިނުމަށް ވަނީ ނިންމާފައި. މީގެ އިތުރުން އެއް ބޭފުޅެއްގެ ހަނދާނަށް ޚިދުމަތުގެ ޤައުމީ އިނާމު އެރުވުމަށް ވަނީ ހަމަޖެހިފައި

ސެޕްޓެމްބަރު 7، 2024 ގައި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަ ކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ސަގާފީ ހަވީރުގެ ތެރެއިން | ރައީސް އޮފީސް
މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ބާއްވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ. މި ޖަލްސާ އޮންނާނީ، މި މަހުގެ 15ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10 ޖަހާއިރު އެވެ.
މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ ތިން ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށް ކަމަށާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ ހަތް ބޭފުޅަކަށާއި، އެއް ކުންފުންޏަކަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ. މީގެއިތުރުން، ޚިދުމަތުގެ ޤައުމީ އިނާމު، އެއް ބޭފުޅެއްގެ ހަނދާނަށް އެރުވުމަށް ވަނީ ނިންމަވާފަ އެވެ.
ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.






