ޤައުމީ ދުވަހުގެ މުނާސަބަތުގައި ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު މާލެ އާއި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބާއްވައިފި
14 އޯގަސްޓު 2026 | ހުކުރު 02:54މި ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި. މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ހއ. އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ޖަލްސާގައި ގައުމީ އިނާމު ދިނުން އޮންނާނެ

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ޖުމްހޫރީ މައިދާނުގައި ގައުމީ ބޮޑު ދިދަ ނަގަނީ | ރައީސް އޮފީސް
ޤައުމީ ދުވަހުގެ މުނާސަބަތުގައި ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު މާލެ އާއި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބާއްވައިފި އެވެ.
ހުކުރުދުވަހުގެ ހެނދުނު 6:00 ގައި މާލޭގެ ޖުމްހޫރީ މައިދާނުގައި އޮތް ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންނެވި އެވެ.
އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އުއްތަމަ ފަނޑިޔާރު އަދި ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދުވަހުގެ ޚާއްސަ ދުޢާއެއްވެސް ވަނީ ކޮށްފަ އެވެ. އިސްވެ ދުއާ ކޮށްދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު ފަޟީލަތުއްޝައިޚް ޢިއްޒުއްދީން އަދުނާން އެވެ.
މި ރަސްމިއްޔާތު ނިންމަވާލައްވާފައި ވަނީ ޤައުމީ ސަލާމުންނެވެ. ޤައުމީ ސަލާން ހުށައަޅައިދިނީ ޤައުމީ ދިފާއީ ބާރުގެ ބޭންޑްޕާޓީންނެވެ.
ޤައުމީ ދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަތްދަށުން އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، ރާއްޖެ މިނިވަންކޮށްދެއްވި ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. އެ ދުވަހަކީ ހިޖުރީގޮތުން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ.
އެ ގޮތުން ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލު މަހުގެ އެއްވަނަ ދުވަސް ރާއްޖޭގައި ފާހަގަ ކުރަނީ ގައުމީ ދުވަހުގެ ގޮތުގަ އެވެ.
މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ޤައުމީ ދުވަހުގެ ބަޠަލު މުޙައްމަދު ތަކުރުފާނުގެ އުފަން ރަށްކަމުގައިވާ ހއ.އުތީމުގަ އެވެ. ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ އިނާމު ދިނުން އޮންނާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
މި ޖަލްސާ އޮންނާނީ، މި މަހުގެ 15ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10 ޖަހާއިރު އެވެ.
މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ ތިން ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ ހަތް ބޭފުޅަކަށާއި، އެއް ކުންފުންޏަކަށެވެ. މީގެއިތުރުން، ޚިދުމަތުގެ ޤައުމީ އިނާމު، އެއް ބޭފުޅެއްގެ ހަނދާނަށް އެރުވުމަށް ވަނީ ނިންމަވާފަ އެވެ.











