ޒުވާނުންނަށް ކުޅިވަރުކުޅެވޭނެ ފަހި ފުރުޞަތުތައް ހޯދައިދޭން މީގެ ކުރިން ރާއްޖެ ދެކެފައި ނުވާ މިންވަރަށް މިދަނީ ތަރައްގީ ކުރަމުން: ރައީސް މުއިއްޒު
24 ޖުލައި 2026 | ހުކުރު 12:29ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި އިޤްތިޞާދީ އަދި ތަޢުލީމީ ދާއިރާއިން ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި. މިގޮތުން 2030 ވަނަ އަހަރާ ހަމައަށް ކްރިއޭޓިވް އިކޮނޮމީގެ ހިއްސާ ޖީޑީޕީގެ 15 އިންސައްތައަށް އިތުރުކުރުމާއި، ޒުވާނުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ވަނީ އަމާޒުހިފާފައިކަމަށް ވެސް ރައީސް ވިދާޅުވި.

"ދަ ޕަލްސް" ގެ 5 ވަނަ އެޕިސޯޑްގައި، ނޫސްވެރިއެއްގެ ހައިސިއްޔަތުން، ދަޢުވަތު ދީގެން ބައިވެރިވެފައިވަނީ އެކި އެމްވީގެ ސީނިއަ ޖަރނަލިސްޓް، ހައްވާ ޝިފްލާ | ރައީސް އޮފީސް
ހަށިހެޔޮ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ޒުވާނުންނަށް ކުޅިވަރުކުޅެވޭނެ ފަހި ފުރުޞަތުތައް މީގެ ކުރިން ރާއްޖެ ދެކެފައި ނުވާ މިންވަރަށް ތަރައްގީކުރަން އަދުގެ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޒުވާނުން ބާރުވެރިކުރުވުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވާ އެއް ދާއިރާ ކަމަށާއި، މިކަން ހާސިލުކުރުމުގައި ހުރި އެކި ގޮންޖެހުންތައް ގިރާކޮށް، މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ރަނގަޅު ނަތީޖާ ފެންނާނެކަމުގެ ޔަޤީންކަން ދެއްވާ ކަަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މިމޭރުމުން ވާހަކަފުޅުދައްކަވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އުފައްދާ ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް" ގެ 5 ވަނަ އެޕިސޯޑްގައި އެވެ.
ހުކުރު ދުވަހު ޕޮޑްކާސްޓްގައި ދެއްކެވި ވާހަކަފުޅުގައި، ޒުވާނުންނަކީ ޤައުމު ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ މުހިންމު ހިއްސާކަން ފާހަގަކުރައްވަމުން ރައީސް ވަނީ، އިޤްތިޞާދީ އަދި ތަޢުލީމީ ދާއިރާގެ ތެރެއިން ޒުވާނުން ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ވާހަކަ ދައްކަވާފަ އެވެ. ވަކީން ޚާއްޞަކޮށް، ހަށިހެޔޮ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ޒުވާނުންނަށް ކުޅިވަރުކުޅެވޭނެ ފަހި ފުރުޞަތުތައް މީގެ ކުރިން ރާއްޖެ ދެކެފައި ނުވާ މިންވަރަށް ތަރައްޤީކޮށްދެއްވުމަށް އަދުގެ ސަރުކާރުން މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަދާހަމަ، އެމަނިކުފާނު ވަނީ ހިއްސާކުރައްވާފަ އެވެ. މިފަދަ މަޝްރޫޢުތަކަކީ ހަމައެކަނި ވެރިރަށް، މާލެއަށް ޚާއްޞަ ކަމަކަށްވުމުގެ ބަދަލުގައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިފަދަ ޚިދުމަތްތައް ގާއިމުކުރެވެމުންދާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ ހިސާބަށް ދެވޭއިރު، މިފަދަ މަޝްރޫޢުތައް ހުންނާނީ ކާމިޔާބުކަމާއެކު ނިންމާލެވިފައިކަމުގެ ޔަޤީންކަން މުއިއްޒު ދެއްވި އެވެ.
ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަކީ ދިރިއުޅުމުގެ އެތައް ހާލަތަކާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޒުވާނުންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ބައެއްކަން ކަށަވަރުކުރުމަށްޓަކައި ވަށާޖެހޭ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާކަމުގައި ވިދާޅުވެފަ އެވެ.
ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި ޕްރައިވެޓް ސެކްޓަރގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންނަށް ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ފަހިކޮށްދެއްވުމަށްޓަކައި ސަރުކާރުން އަޅުއްވާ މުހިންމު ބައެއް ފިޔަވަޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. އެގޮތުން ވިޔަފާރީގެ ތެރޭގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށްޓަކައި އަދުގެ ސަރުކާރުން ތައާރަފުކޮށްދެއްވާ ލޯން ސްކީމްތަކުގެ އިތުރުން، ޒުވާނުން ކުރިއަރާ ދިއުމަށް ހުރި އިތުރު ހުރަސްތަކާއި ގޮންޖެހުންތައް ގިރާކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކުގެ މައްޗަށް އެމަނިކުފާނު ބައްލަވައިލެއްވިއެވެ. ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ސަބަބުން ޒުވާނުންނަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭއިރު، މިކަން ހައްލުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމުކަމުގައި ރައީސް ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގެ މަދުވެގެން 15 ިއިންސައްތަ އަކީ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއިން ހިއްސާކުރާ މިންވަރަށް ހެދުންކަމުގައި ވާއިރު، މި އަމާޒަށް ވާސިލުވުމަށްޓަކައި މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސް ވާހަކަފުޅު ދެއްކެވި އެވެ.
ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަށް ރަނގަޅު ގޮތް އަންގައިދީ އެކަމަށް މަގުފަހިކޮށްދިނުން ކަމުގައި ރައީސް ވިދާޅުވި އެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކޮށް ނިމެމުންދާކަމަށާ، ވަޒީފާއާއި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމުގައި ދިވެހިންނަށް އިސްކަންދިނުމުގެ އިތުރުން އެކި ދާއިރާތަކުން ފަންނުވެރިން އުފައްދައިދީ، ކިޔަވައިގެން ނުކުންނަ ކުދިންނަކީ ތަޢުލީމީ ނުވަތަ މަސައްކަތުގެ ދާއިރާއިން ހުނަރުވެރި ބަޔަކަށް ހަދައިދީ، ކުރިއަށްދާނެ މަގުތައް ފަހިކޮށްދިނުން ހިމެނޭ ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ. އަދި މިމަސައްކަތްތަކުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ހާސިލުވާނެކަމަށް ޤަބޫލު ކުރައްވާ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މަސްދަރު: ރައީސް އޮފީސް





