ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި
12 އޯގަސްޓު 2026 | ބުދަ 07:10ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޒުވާނުން ބާރުވެރިކުރުވައި އެމީހުންގެ ޤާބިލިއްޔަތު އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވި. ޤައުމުގެ އާބާދީގެ 45 އިންސައްތަ ޒުވާނުން ހިއްސާކުރާއިރު، ތަޢުލީމީ ދާއިރާއިން ވަޒީފާގެ މައިދާނަށް ނުކުތުމަށް މަގުފަހިކޮށްދިނުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގަވާނެކަމަށް އެމަނިކުފާނު ވިދާޅުވި

ރައީސް މުއިއްޒު ޒުވާނުންނާއި ބައްދަލުކުރެއްވުން - 28 މާޗް 2026 | ރައީސް އޮފީސް
ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ހެޔޮ އެދުންތައް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.
ކޮންމެ ދިވެހި ޒުވާނަކަށްވެސް އެ މީހެއްގެ ފުރިހަމަ ޤާބިލިއްޔަތަށް ވާސިލުވެވޭނޭ ފަދަ ފަހި މާހައުލެއް އުފައްދައިގެން، ޒުވާނުން ބާރުވެރިކުރުވުމުގެ ޢަޒުމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނޭކަމަށް ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
އޮގަސްޓް 12 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ފޮނުއްވި ޚާއްޞަ މެސެޖުގައި އެމަނިކުފާނު ވަނީ، ތަފާތު ޙާލަތްތަކުން އަންނަ މީހުން ހިއްސާކުރާ އުންމީދުތަކުގެ މައްޗަށް ބިނާކޮށްފައިވާ ދުވަހުގެ ޝިޢާރަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، ތަފާތު ރަށްރަށާއި، ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ހަގީގަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް، ފެންވަރު ރަނގަޅު ތަޢުލީމާއި، މާނަހުރި ފުރުޞަތުތަކާއި، ޢަބުރުވެރި ދިރިއުޅުމާއި، ތިމާ އާއި ތިމާގެ އާއިލާއަށް އަދަށް ވުރެ ފަހި މާދަމާއެއް ލިބުން ފަދަ، ހުރިހާ ޒުވާނުން ހިއްސާކުރާ އުންމީދުތަކެއް ހުންނާނޭކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 45 އިންސައްތަ އަކީ ޒުވާނުންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ހަނދުމަފުޅުކޮށްދެއްވާފަ އެވެ. އެގޮތުން، ދީނީ، ތަޢުލީމީ، ސައިންސް އަދި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ހޯދަމުންދާ ކާމިޔާބީތަކާއި ކުރާ އުންމީދުތަކަށް ސާބަސްދެއްވައި، މި ކަންކަމުން ހެކިކޮށްދެނީ މި ޖީލުން ކާމިޔާބީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތައްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ތަޢުލީމީ ދާއިރާއިން ހޯދާ ކާމިޔާބީތަކާ އެއްވަރަށް ވަޒީފާގެ މައިދާނުގައި ފުރުޞަތު އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި، ޤައުމީ ފެންވަރުގައި މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕުރޮގުރާމާއި، ނޭޝަނަލް ސަރވިސް ޕުރޮގުރާމު ފަރުމާކޮށްފައިވަނީ، ތަޢުލީމީ މައިދާނުން ވަޒީފާގެ މައިދާނަށް ދިއުމުގެ އިންތިޤާލީ މަރުޙަލާ އޮމާންކޮށްދިނުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ދިވެހި ޒުވާނުންގެ މައްޗަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް އިތުބާރު ހާމަކުރައްވަމުން، ޒުވާނުންގެ ޚިޔާލުތަކާއި، އަޑާއި، އުންމީދުތަކަކީ، ޤައުމީ ތަރައްޤީއަށް އަގުހުރި އުންސުރުތަކެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި ދިވެހި ޒުވާނުންގެ ބުންވަރާއި ވިލުންތެރިކަމަށް ތަޢުރީފުކުރައްވައި އެމަނިކުފާނު ވަނީ، ޒުވާނުންގެ އިޚުލާޞްތެރިކަމުގެ ބާރުން، ފުދުންތެރިކަމާއި، ވިލުންތެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީ ގެ މަންޒިލަށް ޤައުމު މިސްރާބު ޖަހާނޭކަން ޔަޤީންކުރައްވާކަމަށް ވިދާޅުވެފަ އެވެ. ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤައުމީ ތަރައްޤީގައި ޒުވާނުން އަދާކުރާ ދައުރުގެ މުހިންމުކަމާއި ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި ޒުވާނުން އަދާކުރާ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަސް، ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ޒުވާނުންނާ ގުޅުންހުރި މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރުކޮށް، ބައިނަލްއަޤުވާމީ ތަރައްޤީގެ ބައިވެރިންކަމުގައި ވުމަށް ޒުވާނުންގެ ކިބައިގައިވާ ޤާބިލިއްޔަތު ފާހަގަކުރުމަށެވެ.











