ޑީސަލް ގަންނަން އެހީވުމަށް އޭޑީބީން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އިމަޖެންސީ ލޯނެއް ދެނީ
11 އޯގަސްޓު 2026 | އަންގާރަ 18:53ރާއްޖެއަށް ބޭނުންވާ ތެޔޮ އިމްޕޯޓްކުރުމަށާއި އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް އެހީވުމުގެ ގޮތުން، އޭޑީބީން 50 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ވަނީ ނިންމާފައި. މި އެހީގެ ސަބަބުން ކަރަންޓާއި ފެނުގެ އިތުރުން ދަތުރުފަތުރާއި ސިއްހީ ޚިދުމަތްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް މަގުފަހިވާނެ. މިއީ ވޯލްޑް ބޭންކުން ދޭ އެހީގެ އިތުރުން ދައުލަތުގެ ބަޖެޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދޭ ލޯނު އެހީއެއް

މެނީލާގައި ހުންނަ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މައި މަރުކަޒު | އެލަމީ
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދިއުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 50 މިލިއަން ޑޮލަރުގެ ކުއްލި އެހީގެ ލޯނެއް ދިނުމަށް ނިންމައިފި އެވެ.
މި އެހީގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް ބޭނުންވާ ޑީސަލް އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދީ، މެދުކެނޑުމެއް ނެތް ގޮތެއްގައި ކަރަންޓާއި ފެނުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ.
ރާއްޖޭގައި އުފައްދާ ކަރަންޓުގެ 94 އިންސައްތައަކީ އިމްޕޯޓްކުރާ ތެލަށް ބަރޯސާވެގެން އުފައްދާ ހަކަތަ ކަމަށްވާއިރު، ބޯފެން އުފެއްދުމަށް ހިންގާ ޑީސެލިނޭޝަން ޕްލާންޓްތައް ހިންގުމަށް ވެސް ތެޔޮ ބޭނުންވެ އެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން، ތެޔޮ ގަތުމަށް ދައުލަތުގެ ބަޖެޓަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. އޭޑީބީގެ މި އެހީގެ ސަބަބުން ކަރަންޓާއި ފެނުގެ އިތުރުން، ކާބޯތަކެއްޗާއި ސިއްހީ ޚިދުމަތްތަކަށް ބޭނުންވާ ތަކެތި އުފުލުމާއި، ރަށްތަކުގެ މެދުގައި ކުރާ ދަތުރުފަތުރާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކަށް ވެސް އެހީތެރިކަން ލިބިގެންދާނެ އެވެ.
އޭޑީބީން ދޭ 50 މިލިއަން ޑޮލަރުގެ މި އެހީއަކީ ވޯލްޑް ބޭންކުން ރާއްޖެއަށް ދިނުމަށް ނިންމާފައިވާ 40 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖަށް އިތުރުކުރެވޭ އެހީއެކެވެ.
އޭޑީބީން ބުނެފައިވަނީ އެ ބޭންކަކީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ތަރައްގީއަށާއި، ދިމާވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދޭ މުހިންމު މާލީ އިދާރާއެއް ކަމަށެވެ.
1966 ވަނަ އަހަރު އުފެއްދި އޭޑީބީގައި މިހާރު 69 މެންބަރު ގައުމު ހިމެނޭއިރު، އޭގެ ތެރެއިން 50 ގައުމަކީ މި ސަރަހައްދުގެ ގައުމުތަކެވެ. އެ ބޭންކުގެ މައިގަނޑު އަމާޒަކީ މެންބަރު ގައުމުތަކުގެ އުމްރާނީ ތަރައްގީއަށް އެހީތެރިވުމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްކާތެރި މުސްތަގުބަލެއް ބިނާކުރުމަށް މަސައްކަތް ކުރުމެވެ. މިގޮތުން ރާއްޖެއަށް މި ދަނޑިވަޅުގައި ދޭ އެހީއަކީ ގައުމުގެ އަސާސީ ޚިދުމަތްތައް ހުއްޓުމެއް ނެތް ގޮތެއްގައި ކުރިއަށް ގެންދިއުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.











