ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟
8 އޯގަސްޓު 2026 | ހޮނިހިރު 11:48ހުވަދޫ ކަނޑަށް ބަންޑުންޖަހާލި "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް އާއިލާތަކުން ސަރުކާރަށް ގޮވާލައިފި. މީހުން ހޯދުމުގެ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބި އިތުރު ދުވަސްތައް ފާއިތުވަމުންދާއިރު، ތިން އާއިލާއެއް ތިބީ އުންމީދާއި ހިތްދަތިކަމުގެ މެދުގައި ތާށިވެފައި


ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު ޕޮލިސް ސާޖަންޓް އަލީ ނާފިއު | ރާއްޖެ އެމްވީ
"ފްރެންޑް 4" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި ބަންޑުން ޖަހާލައި، ހުވަދޫ ކަނޑުގެ ސަރަހައްދަކަށް އަޑިއަށް ދިޔަތާ ތިން ދުވަސް ވެފައިވާއިރު، ގެއްލިފައިވާ ތިން މީހުންގެ އާއިލާތަކުން އަދިވެސް އިންތިޒާރު ކުރަމުންދަނީ އުންމީދީ ޚަބަރެއް ލިބޭނެ ވަގުތަކަށެވެ.
މި ހާދިސާގައި ގެއްލިފައިވާ ތިން މީހުންނަކީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހުމަދު (39 އަހަރު) އާއި، ޕޮލިސް ސާޖަންޓް އަލީ ނާފިއު (33 އަހަރު) އަދި އެ ދޯނީގެ ކެޕްޓަން ތ. މަޑިފުށީ، ދޮންވެލި، މުހައްމަދު ހަމްދޫން (35 އަހަރު) އެވެ.
ހަމަ ޔަޤީނުންވެސް، އާއިލާތަކަށް އެމީހުންނަށް ވީނުވީއެއް ނޭނގި އެ ނޭނގުމުގެ ތެރޭގައި ހޭދަކުރަންޖެހޭ ކޮންމެ ސިކުންތަކީ އިންތިހާ ވޭން ހުރި ވަގުތުތަކެކެވެ.
"ރާއްޖެ އެމްވީ" އާ ވާހަކަދައްކަމުން ޕޮލިސް ސާޖަންޓް އަލީ ނާފިއުގެ އާއިލާގެ މެންބަރުން ބުނީ، ކަމާބެހޭ ފަރާތްތަކުން ކޮންމެ ދުވަހަކުވެސް މައުލޫމާތު ހިއްސާކުރާ ކަމަށެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ލިބެނީ އެއް ޖަވާބެކެވެ.
"އެމީހުން ބުނަނީ އެއްވެސް ކުރިއެރުމެއް ނުލިބެއޭ." ނާފިއުގެ އާއިލާ މީހަކު ކިޔައިދިނެވެ.
އާއިލާއަށް އެންމެ ފަހުން ނާފިއު ފެނުނީ ހަވީރު ޑިއުޓީއަށް ނުކުތް ވަގުތު އެވެ. އެއީ އެ ދުވަހުގެ ހަވީރު އެވެ. އޭނާގެ ޑިއުޓީ ނިމޭ ގަޑިއަކީ އެރޭ 11:30 އެވެ. ނަމަވެސް އެރޭ 11:31 ގައި އޭނާގެ އަންހެނުންނަށް ނާފިއުގެ ކޯލެއް ލިބުނެވެ. އެ ކޯލްގައި ނާފިއު ބުނީ ދޯންޏެއް ފެތޭކަމުގެ ޚަބަރު ލިބިގެން އެކަމަށް އާރޖެންޓުކޮށް އެޓެންޑުވާން ޖެހޭކަމަށެވެ. އެއީ އާއިލާއަށް ނާފިއުގެ ޚަބަރެއްވީ އެންމެ ފަހު ވަގުތެވެ.
އޭގެ ފަހުންވެސް އާއިލާއިން ވަނީ އޭނާގެ ޚަބަރެއްވޭތޯ މެސެޖުކޮށްފަ އެވެ. އެގޮތުން 12 ޖެހި ފަހުންނާއި، ދަންވަރު 1 ޖެހިފަހުންވެސް އޭނާގެ އަންހެނުން މެސެޖުކުރި އެވެ. ނަމަވެސް ނާފިއުގެ އެއްވެސް ޚަބަރެއް ނުވި އެވެ.
މިހެން ހުއްޓާ މެންދަމު 2 ޖެހިއިރު ބަޔަކު ދޮރުގައި ޓަކިޖަހާ އަޑަށް ނާފިއުގެ އަންހެނުން ހޭލައިގެން ނުކުތުމާއެކު، އެ އާއިލާއަށް ލިބުނީ އޭނާ ނުފެނިގެން ހޯދާކަމުގެ ޚަބަރެވެ.

ނާފިއުއާ އޭނާގެ އަންހެނުން | ރާއްޖެ އެމްވީ
އާއިލާއިން ބޭނުންވަނީ އެމީހުން ހިތްދަތިކަމަށް ކުޑަވެސް ތަސައްލީއެކެވެ. އެމީހުން ބޭނުންވަނީ އެންމެ ފަހު ފަހަރަށް ނަމަވެސް އޭނާ ދެކިލާށެވެ. އެންމެ ކުޑަމިނުން އޭނާއަށް ވީނުވީއެއް އެނގުންވެސް ވާނީ އާއިލާއަށް ލިބޭނެ ކުޑަ މިންވަރެއްގެ ނަމަވެސް ހިތްހަމަޖެހުމަކަށްކަމަށް އެމީހުން ބުނެ އެވެ.
މަންމީ ޑައްޑު ނާދޭތަ؟، ޑައްޑު ހާދަ ލަހޭ، މީހުން އެބަދޭތަ ޑައްޑު ހޯދަން؟
ނާފިއު ފެންނާނެކަމުގެ އިންތިޒާރުގައި ތިބި މީހުންގެ ތެރޭގައި އޭނާގެ ހަތް އަހަރުގެ ފިރިހެން ދަރިފުޅު ހިމެނެ އެވެ. ވީގޮތް ފަހުމްވާވަރަށްވުރެ އެ ކުއްޖާ މާ ކުޑަނަމަވެސް، ކޮންމެ ދުވަހަކުވެސް އެތައް ސުވާލެއް އެ ކުއްޖާ ތަކުރާރުކުރެ އެވެ.
ކޮންމެ ދުވަހަކު އެ ކުއްޖާ ކުރާ ސުވާލުން ކައިރީގައި ތިބޭ އެންމެންގެ ލޮލުން ކަރުނަ ހިލެ އެވެ. އެގޮތުން ބައްޕަ ލަސްވަނީ ކީއްވެތޯއާއި، ބައްޕަ ހޯދަން ބަޔަކު ގޮސްފިތޯ އެ ތުއްތު ކުއްޖާ ދަނީ ސުވާލު ކުރަމުންނެވެ.
ދަރިފުޅަށްވެސް ހުރިހާ އެއްޗެއް އެނގޭ، ކިޔާދީފިން، 7 އަހަރުގެ ކުއްޖަކު ކުރާނެ ސުވާލު އެނގޭނެ، ނުފެނިއްޖެއްޔާވެސް ކުރާނެ ސުވާލު އެނގޭނެ، އެހެންވެ ހުރިހާ އެއްޗެއް ކިޔާދީފިން، އޭނާ އަދިވެސް އަހާ، މަންމީ ޑައްޑު ނާދޭހެއްޔޭ، ޑައްޑު ހާދަ ލަހޭ، މީހުން އެބަދޭހޭ ޑައްޑު ހޯދަންނާފިއުގެ އާއިލާ
ނަމަވެސް އުންމީދުތައް ފަނޑުވަމުންދާ އެ އާއިލާއަށް މި ސުވާލުތަކަށް ދޭނެ ފުރިހަމަ ޖަވާބެއް ނެތެވެ. އާއިލާއިން ގެންދަނީ އެ ތުއްތު ކުއްޖާއަށްވެސް އޭނާގެ ބައްޕައާ ގުޅޭގޮތުން ލިބެމުންދާ މައުލޫމާތުތައް ވީވަރަކުން ކިޔާދެމުންނެވެ. ހިއްސާ ކުރަމުންނެވެ.
މި ޙާދިސާގައި 3 ދިވެއްސަކު ގެއްލިގެން އުޅޭއިރު، މިހާތަނަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް މި ޙާދިސާގެ މައުލޫމާތު އެނގިވަޑައިނުގަންނަވަނީތޯ އާއިލާއިން ސުވާލު ކުރެ އެވެ. އާއިލާއިން އެދެނީ އެންމެ ކުޑަމިނުން ރާއްޖެއިން ބޭރުން ބަޔަކު ގެނެސްގެންވެސް ވީ އެންމެ އަވަހަކަށް އެމީހުން ހޯދުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށެވެ. ނާފިއުއަށް ވީނުވީއެއް ނޭނގި ހޭދަވާ ކޮންމެ ދުވަހަކީވެސް އާއިލާއަށް ލިބެމުންދާ ހިތްދަތިކަމާއި ވޭންތަކަށް އިތުރުވާ އިތުރުވުމެކެވެ.
އާއިލާގެ ކަންބޮޑުވުމަކީ 3 ދުވަސް ވެގެން ދިޔައިރު ކީއްވެތޯ ރައީސުލްޖުމްހޫރިއްޔާއަށް މިކަން ނޭނގެންވީ، ރައީސުލްޖުމްހޫރިއްޔާ ކީއްވެތޯ އަސްލު ރާއްޖެއިން ބޭރުން ބަޔަކު ގެނެސްގެންވެސް ވީ އެންމެ އަވަހަކަށް އަޅުގަނޑުމެން ބޭނުންވަނީ މިކަން ކޮންމެސް ކޮޅެއްގައި ޖައްސަންނާފިއުގެ އާއިލާ
ގެއްލިފައިވާ މީހުން ހޯދުމުގެ ކުޑަވެސް ފުރުސަތެއް އޮތްނަމަ، ބޭރުގެ ފަންނީ އެހީތެރިކަން ހޯދައިގެން ނަމަވެސް ހުރިހާ ވަސީލަތެއްގެ ބޭނުން ހިފުމަށް އާއިލާއިން ވަނީ ރައީސަށް އިލްތިމާސްކޮށްފަ އެވެ.
އެމީހުން ދިރިތިއްބާ ފެންނާނެ ކަމުގެ އުންމީދު ކުޑަވި ނަމަވެސް، ހަށިގަނޑު ފެނުމަކީވެސް އާއިލާއަށް ލިބޭނެ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ކަމަށް އާއިލާއިން ބުނެ އެވެ.

ނާފިއުއާ އޭނާގެ އަންހެނުން | ރާއްޖެ އެމްވީ
އިޓަލީ ޑައިވަރުން ގެއްލުނު ސަރަޙައްދަށް ރައީސް ވަޑައިގެންނެވި، ނަމަވެސް މިފަހަރު ބަހަބަރު
ދާދިފަހުން ރާއްޖޭގައި އިޓަލީގެ ޑައިވަރުންތަކަކަށް ދިމާވި މިފަދަ ހާދިސާތަކުގައި ސަރުކާރުން ދެއްކެވި ފަދަ އަވަސް ސިޔާސަތެއް މިފަހަރު ނުފެންނާތީ އެތައް ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ.
އެގޮތުން ރާއްޖޭގައި އިޓަލީގެ ޑައިވަރުންތަކެއް ގެއްލުނު ހާދިސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަމިއްލަފުޅަށް އެ ސަރަޙައްދަށް ވަޑައިގެން، އޮޕަރޭޝަން ކުރިއަށްދާ ގޮތް ބައްލަވާލައްވައި، އޭގެ ފަހުން ސަރުކާރުން ވަނީ ބައިނަލްއަގުވާމީ އެހީތެރިކަންވެސް ހޯދާފަ އެވެ.
މިފަހަރު މި ދައްކަނީ ދިވެހި ފުލުހަކާއި، ދިވެހި ސިފައިންގެ މީހަކާއި، އާންމު ދިވެހި ރައްޔިތެއްގެ ވާހަކަ އެވެ. އެމީހުންގެ ފުރާނައަކީ އެވަރުގެ އަހަންމިއްޔަތެއް ދޭންޖެހޭ ފުރާނަތަކެއް ނޫންހެއްޔެވެ؟ އެންމެ ކުޑަމިނުން އެކްސްގައި ޕޯސްޓެއް ނަމަވެސް ކޮށްލައްވަން ފެނިވަޑައިނުގަންނަވާ ތޯއެވެ؟ އޭގެ ފަހުން ދެ ރަސްމިއްޔާތެއްގައި ރައީސް ތަޤުރީރު ކުރެއްވިތަންވެސް ފެނުނެވެ. އެންމެ ކުޑަމިނުން އެއިން އާއިލާއެއްގެ ހިތާމައިގައި ބައިވެރިވެ، އެއްޗެއް ވިދާޅުވާންވެސް ބޭނުންފުޅުނުވީތޯ އެވެ؟ ނާފިއުގެ އާއިލާއިންވެސް އުފައްދާ ސުވާލަކީ މިއީ އެވެ.
މީހުން ހޯދުމުގެ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބި އިތުރު ދުވަސްތައް ފާއިތުވަމުންދާއިރު، ތިން އާއިލާއެއް ތިބީ އުންމީދާއި ހިތްދަތިކަމުގެ މެދުގައި ތާށިވެފަ އެވެ. އެމީހުން އިންތިޒާރު ކުރަނީ އެމީހުންގެ ލޯބިވާ މީހުންނަށް ވީނުވީއެއް އެނގޭނެ ވަގުތަކަށެވެ.
ކަނޑާއި ވައިގެ މަގުން ސަލާމަތްކުރާ ފަރާތްތަކުން އެމީހުން ހޯދުމުގެ އޮޕަރޭޝަނެއް ހިންގަމުންދާއިރު، އެމްއެންޑީއެފްއިން ހާމަކޮށްފައިވާ ގޮތުގައި، އެމްއެންޑީއެފް އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ހިންގާ މި އޮޕަރޭޝަނުގައި، ގެއްލުނު މީހުން ހޯދުމަށް ކަނޑުގެ ބޮޑު ސަރަހައްދެއް މިހާރު ވަނީ ބަލާފަ އެވެ.
ނަމަވެސް، ނަން ހާމަނުކުރުމަށް ޝަރުތުކޮށް "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދިން އެމްއެންޑީއެފްގެ އޮފިސަރަކު ވަނީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތައް ހާމަކޮށްފަ އެވެ.
އެ އޮފިސަރު ބުނި ގޮތުގައި ދޯނި ބަންޑުން ޖަހާލި ސަރަހައްދުގެ ފުންމިނުގައި ގާތްގަނޑަކަށް 5,400 ފޫޓު ހުރެ އެވެ. މީގެ ސަބަބުން ޑައިވަރުންނަށް އެ ސަރަހައްދަށް ފީނައި، އަޑިއަށް ދިޔަ އުޅަނދާ ހަމައަށް ދިއުމަކީ މުސްތަހީލު ކަމެކެވެ. ގާތްގަނޑަކަށް 98 ފޫޓުގެ މި މުދާ އުފުލާ ދޯނި އަޑިއަށް ދިޔައީ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް ކަމަށްވެސް އޭނާ ކިޔައިދިނެވެ.
އޮފިސަރު އިތުރަށް ބުނި ގޮތުގައި، ދޯނި ބަންޑުން ޖަހާލުމުގެ ކުޑަވަގުތުކޮޅެއް ކުރިން، ގެއްލުނު ތިން މީހުން ފެނިފައިވަނީ ދޯނި ފެންމަތީގައި ބޭއްވުމަށްޓަކައި ނުހަނު ބުރަކޮށް ފެން ހިއްކުމުގެ މަސައްކަތް ކުރަނިކޮށެވެ.
މިހާރު ބޮޑަށް ބެލެވެނީ ދޯނި ބަންޑުން ޖަހާލި ވަގުތު އެ ތިން މީހުން ތިބީ ދޯނީގެ އެތެރޭގައި ތާށިވެފައި ކަމަށެވެ.









