ފުލުހުން އަދިވެސް މަހުދީގެ ފޯނު ހިފަހައްޓާފައިވާތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި
3 އޯގަސްޓު 2026 | ހޯމަ 17:33ވ. އަތޮޅުގައި ގެއްލުނު ޑައިވަރުން ހޯދުމުގެ ތެރޭގައި ނިޔާވި ސިފައިންގެ ޑައިވަރު މަހުދީގެ މަރުގެ ހަގީގަތް ފޮރުވައި، ތަހުގީގު ލަސްކުރާތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި. މަހުދީގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮތުމާއި މަރުގެ ސެޓްފިކެޓް އިސްލާހު ނުކުރާތީ، ކަމާބެހޭ އިދާރާތަކުން އިހުމާލުވަމުންދާ ކަމަށް އާއިލާއިން ތުހުމަތުކުރޭ. މި މައްސަލައިގައި އިންސާފު ގާއިމުކޮށްދިނުމަށް އާއިލާއިން ވަނީ ގޮވާލާފައި


ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަނިކޮށް ނިޔާވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ | އެމްއެންޑީއެފް
ވ. އަތޮޅުގައި ޑައިވިންއަށް ގޮސް ގެއްލުނު އިޓަލީ ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް، ނިޔާވި ސިފައިންގެ ސްޓާފް ސަރޖަންޓް، މުހައްމަދު މަހުދީގެ ފޯނު އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އޮތުމުން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެެވެ.
މަހުދީގެ ކޮއްކޮ، ފާރިސް އިބްރާހީމް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފުލުހުން ދަނީ ތަހުގީގު ލަސްކުރަމުން ކަމަށާއި، މަހުދީގެ ފޯނު އަދިވެސް އޮތީ ކުށްވެރިންގެ ފޯނު ހިފަހައްޓާ ގޮތަށް، ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެހެންވެ، އެއީ ވެސް އާއިލާއަށް ލިބޭ ހުތުރެއް ކަމަށް އޭނާ ބުންޏެވެ.
ފާރިސް ބުނީ މަހުދީގެ މަރުގެ ސެޓްފިކެޓްގައި ލިޔެފައި އޮތީ މަހުދީ ސަލާމަތްކުރީ ކަމަށެވެ. އަދި ރަސްމީ އިދާރާތަކާ ހަވާލާދީ، އޭރު ހުރިހާ މީޑިއާއަކުން ވެސް ހަބަރު ގެނެސްދިނީ އެގޮތަށް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މަހުދީގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ގެއްލުނުތާ 1 ގަޑިއިރާއި 10 މިނެޓު ފަހުން ހޮހަޅަައިގެ 69 މީޓަރު އަޑީގައި، ހުސް ފުޅިއާއެކު ކަމަށް ފާރިސްގެ ޕޯސްޓްގައި ބުނެފައިވެ އެވެ.

މަހުދީގެ ކޮއްކޮ ފާރިސް އިބްރާހީމް ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓު | ސޯޝަލް މީޑިއާ
މީގެއިތުރުން މަހުދީގެ މަރުގެ ސެޓްފިކެޓް ރަނގަޅު ކުރާނެ ކަމަށް އެމްްއެންޑީއެފްއިން ބުނި ނަމަވެސް އަދިވެސް އެކަން ނުކުރާ ކަމަށް ފާރިސް ބުންޏެވެ.
އަދި ކަމާއި ބެހޭ އިދާރާތަކުން ދަނީ ހަގީގަތް ފޮރުވައި، އިހުމާލުވަމުން ކަމަށް އޭނާ ތުހުމަތު ކޮށްފައިވެ އެވެ. އަދި އިންސާފު ގާއިމުކުރުމަށް އާއިލާ އިން ގޮވާލާފައިވެ އެވެ.
މަހުދީ ނިޔާވީ އިޓަލީގެ ޑައިވަރުން ހޯދުމުގެ ރެސްކިއު އޮޕަރޭޝަނުގައި އުޅެނިކޮށް ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިދިޔަ މޭ މަހުގެ 16 ވަނަ ދުވަހުގައި އެވެ.











