"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"
8 އޯގަސްޓު 2026 | ހޮނިހިރު 08:10"ފްރެންޑް 4" ދޯނި ބަންޑުންޖަހާލައި ގެއްލުނު ސިފައިންގެ މީހާ އާއި ފުލުހަކާއި ކެޕްޓަން ހޯދުމަށް ވައިގެ މަގުންނާއި ކަނޑުމަގުން ބޮޑު ސަރަހައްދެއް ބަލާފައިވީ ނަމަވެސް، މިހާތަނަށް އެމީހުން ފެނިފައެއް ނުވޭ. ދޯނި އަޑިއަށް ގޮސްފައިވާ ސަރަހައްދުގެ ފުންމިނުގެ ސަބަބުން ފީނައިގެން ހޯދުމަށް ހުރަސްތަކެއް ހުރިއިރު، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ޔޫއޭވީ އާއި ކަނޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން މި އޮޕަރޭޝަން ދަނީ ފުޅާކުރަމުން


"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ތިން މީހުން | ސޯޝަލް މީޑިއާ
ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު ދިވެހި ސިފައިންގެ މީހާއާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ހޯދުމަށް ވަޔާއި ކަނޑުމަގުން 6،000 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
"ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި ބަންޑުން ޖަހާލައި ގެއްލިގެން ހޯދަމުން ދަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު) އާއި ޕޮލިސް ސާޖަންޓް ޢަލީ ނާފިޢު (33 އަހަރު) އަދި އެ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު) އެވެ.
އެމްއެންޑީއެފް އިން ބުނީ، ގެއްލުނު މީހުން ހޯދުމަށް ފުލުހުން ގުޅިގެން ހިންގާ މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
އެގޮތުން ހުކުރު ދުވަހުގެ ރެއާ ހަމައަށް މި އޮޕަރޭޝަނުގައި، ވައިގެ މަގުން 5،212 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް އަދި ކަނޑުމަގުން 1،070.10 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށާއި، މިހާތަނަށް އެމީހުން ފެނިފައިނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި އެމްއެންޑީއެފްގެ އޮފިސަރެއް ވިދާޅުވީ، މި އޮޕަރޭޝަން ވަރަށް ބޮޑަށް ފުޅާކުރި ނަމަވެސް ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށްދިޔަ ސަރަހައްދުގެ ފުންމިނުގައި، ގާތްގަނޑަކަށް 5400 ފޫޓު ހުންނާނެ ކަމަށެވެ. އަދި އެ ދޯނި ހިލަވެއްޔާއެކު އެއްކޮށް އަޑިއަށް ގޮސްފައިވާއިރު، އެ ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 98 ފޫޓު ހުރި މިދޯނި ބަންޑުން ޖަހާލިއިރު، ގެއްލުނު ތިން މީހުން އެންމެފަހުން ތިބީ، ދޯނި ދިޔަވާތީ ޕަންޕް ސެޓަޕް ޖަހައިގެން ދިޔަ ހިއްކުމުގެ މަސައްކަތުގަ އެވެ. އަދި ބޮޑަށް ބެލެވެނީ ދޯނި ބަންޑުން ޖަހާލިއިރު، އޭގައި އެމީހުން ތާށިވީ ކަމަށް އެ އޮފިސަރު ވިދާޅުވި އެވެ.
އެމްއެންޑީއެފުން އެ ތިން މީހުން ހޯދުމުގެ މަސައްކަތުގައި، މޯލްޑިވިއަންގެ މަތިންދާބޯޓާއި އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ޑްރޯން ވެސް ދަނީ ބޭނުން ކުރަމުންނެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކާއި ސީއެމްބިއުލޭންސް ''SA038, SA037'' ގެ އިތުރުން ފުލުހުންގެ ލޯންޗު ވެސް ދަނީ ބޭނުން ކުރަމުންނެވެ.
މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުނީ 5 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭގެ 22:37 ހާއިރު އެވެ.
ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ މި ސަޕްލައި ދޯނި އެއްކޮށް ވަނީ އަޑިއަށް ގޮސްފަ އެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު އެމްއެންޑީއެފުން ސަލާމަތް ކޮށްފައިވެ އެވެ.











