ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަނީ
6 އޯގަސްޓު 2026 | ބުރާސްފަތި 02:26ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ދޯނި ކަނޑުގަދަވެ އަޑިއަށް ދިޔަ ހާދިސާގައި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކު ގެއްލިގެން ހޯދަން ވަނީ ފަށާފައި. މި ހާދިސާގައި ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ވަނީ ސަލާމަތްކުރެވިފައި. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ދަނީ ކުރަމުން


ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ދިވެހި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލުނު ސަރަހައްދު. އެމީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން | އެމްއެންޑީއެފް
ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ދިވެހި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަން ފަށައިފި އެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާރޑް ފޯތު ސްކޮޑްރަން އަށް ލިބިފައިވަނީ، 5 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭގެ 22:37 ހާއިރު އެވެ.
ބުރާސްފަތި ދުވަހު އެމްއެންޑީއެފުން ބުނީ، ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި، ކަނޑުގަދަވެ ރާޅު އެރުމުގެ ސަބަބުން ދިޔަވެ އަޑިއަށް ގޮސްފައިވާ ކަމަށެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު މިހާރު ވަނީ ސަލާމަތްކުރެވިފަ އެވެ.
ގެއްލުނު މީހުންގެ ތެރޭގައި ހިމެނެނީ، ދޯނީގެ ކެޕްޓަން އާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެކެވެ.
ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެމަގުން ހުއްޓުމެއްނެތި ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.










