ހުޝިޔާރު، ބިރުކުޑަ އަދި އިތުބާރުން ފުރިގެންވާ ލަމީން ޔަމާލް އެތައް ރެކޯޑެއް މުގުރާލައިފި
ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލްގެ މޮޅު ކުޅުމާއެކު ސައުދީ އަރަބިއްޔާ 4-0 އިން ބަލިކޮށް، އެ ގައުމުން ވޯލްޑް ކަޕްގައި ވަރުގަދަ މޮޅެއް ހޯދައިފި. މި މެޗުގައި ލަނޑު ޖަހައިގެން ޔަމާލް ވަނީ ޕެލޭއަށްފަހު ވޯލްޑް ކަޕް ތާރީޚުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިންގެ ލިސްޓުން ޖާގަ ހޯދުމުގެ އިތުރުން، މެސީގެ ބައެއް ރެކޯޑުތައްވެސް މުގުރާލާފައި. އަނިޔާއިން ރަނގަޅުވަމުން އަންނަ ޔަމާލްގެ ފިޓްނަސްއަށް ކޯޗު ޚާއްސަ ސަމާލުކަމެއް ދެމުންދާއިރު، އޭނާއަކީ މި މުބާރާތުގައި ސްޕެއިންގެ އެންމެ މުހިންމު އުންމީދު ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ.

2026 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު އެމެރިކާގެ ޖޯޖިއާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެޗްގެ މެޗުގައި، ސައުދީ އަރަބިއްޔާ ކޮޅަށް ސްޕެއިންގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު އެ ޓީމުގެ ޖާޒީ ނަންބަރު 19، ލަމީން ޔަމާލް އުފާފާޅުކުރަނީ. | ގެޓީ އިމޭޖަސް
މެޗު ފެށުމުގެ ކުރިންވެސް އަދި މެޗު ނިމުމަށްފަހުވެސް އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ ލަމީން ޔަމާލްގެ ވާހަކައެވެ.
އުމުރުން 18 އަހަރުގެ ލަމީން ޔަމާލް އެޓްލާންޓާއަށް އެނބުރި އައީ، ވޯލްޑް ކަޕްގައި އޭނާ ފުރަތަމަ ފަހަރަށް ފެށުމުން ކުޅޭ މެޗަކަށް އުންމީދުކޮށްގެންނެވެ. ކޭޕް ވާޑްއާ ދެކޮޅަށް ކުޅެ، ލަނޑެއް ނުޖެހި އެއްވަރުވި ހައިރާންކުރުވަނިވި މެޗުގައި އޭނާއަށް ކުޅެން ލިބުނީ އެންމެ 19 މިނެޓެވެ.
ސްޕެއިންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ބުނި ގޮތުގައި، އެ މެޗުގައި ޔަމާލް ކުޑަ ވަގުތުކޮޅަކަށް ކުޅެން އެރީ ދުރު ރާސްތާގެ ރޭވުމެއްގެ ދަށުންނެވެ. އެއީ މިދިޔަ އޭޕްރީލް މަހު އޭނާގެ ފައިގެ ފަލަމަސްގަނޑަށް (ހެމްސްޓްރިންގް) ލިބުނު އަނިޔާއިން ރަނގަޅުވުމުގެ މަރުހަލާގައި، ވަރަށް ފަރުވާތެރިކަމާއެކު އޭނާ މެނޭޖްކުރަމުންދާތީއެވެ.
ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެން ނުކުތްއިރު، އޭނާގެ ފަރާތުން ފެނުނު ނަތީޖާ ވަރަށް އަވަހެވެ.
ޔަމާލްގެ ފުރަތަމަ ބޯޅައިގައި ފައި ޖައްސާލުމުގެ ކުރިންވެސް، ދަނޑުގެ މާހައުލަށް އޭނާގެ ސަބަބުން އައި ބަދަލު ފާހަގަކޮށްލެވެއެވެ.
ހާހަކަށްވުރެ ގިނަ ސަޕޯޓަރުން ތިބީ އޭނާގެ ނަން ޖަހާފައިވާ ޖާޒީތަކުގައެވެ. ދަނޑުގެ ބޮޑު ސްކްރީނުން އޭނާގެ މޫނު ފެންނަ ކޮންމެ ފަހަރަކު، މުޅި ސްޓޭޑިއަމް ގުގުމާލައެވެ.
ސްޕެއިންގެ މި ޒުވާން ތަރި ބޯޅައިގައި ފައިނުލަނީސްވެސް، މުޅި މެޗުގެ ފޯރި އޭނާ ވަނީ އުފުލާލާފައެވެ.
އޭނާ ކުޅެން ފެށުމާއެކު، މެޗުގެ ފުރަތަމަ ހާފުގެ މުޅި މަންޒަރު ބަދަލުކޮށްލިއެވެ.
ސްޕެއިން އިން ކުރިން ބުނެފައިވާ ފަދައިން، މި މެޗުގައި ފެނުނީ ވަރަށް ކެރިގެން، ބާރު ދުވެލީގައި އަދި ބިރުކުޑަ ކުޅުމެކެވެ. ސައުދީ އަރަބިއްޔާ 4-0 އިން ބަލިކުރި މި މެޗުގެ މައިތަނބަކީ ލަމީން ޔަމާލްއެވެ. މީގެ ކުރީގެ މެޗުގައި ސްޕެއިންގެ ކުޅުމުން އަވަސްކަމެއް ނުފެނުނު ނަމަވެސް، މި މެޗުގައި ފެނުނީ ވަރަށް ދިރުުންހުރި، ސީދާ އަދި ޔަގީންކަމާއެކު ކުޅުނު ތަނެވެ.
"މިފަދަ ކުޅުންތެރިއަކަށް ކޮންމެވެސް ވަރެއްގެ އިރުޝާދެއް ދެވިދާނެ. އެކަމަކު މިހާ ބޮޑު އަމިއްލަ އިތުބާރަކާއި މިނިވަންކަމަކާއެކު ކުޅޭ ކުޅުންތެރިއަކު އުފައްދާ ކަންތައްތަކަކީ އަހަރެން ފަދަ މީހަކަށް ދަސްކޮށްދެވޭނެ ކަންތައްތަކެއް ނޫން،" ސްޕެއިންގެ ކުރީގެ ކުޅުންތެރިޔާ ސެސާ އަޒްޕިލިކުއެޓާ 'މެޗް އޮފް ދަ ޑޭ' ގައި ބުންޏެވެ.
"ދަނޑުމަތީގައި ހުންނައިރު އޭނާއަށް އެނގޭ ފުރުސަތުތައް އުފައްދާނެ ގޮތާއި، ޑިފެންޑަރުން ކައިރިން ނައްޓާލާނެ ގޮތާއި، ބޯޅަ ހޯދަންވީ ތަންތަން. އެ ހިސާބުން ފެށިގެން ކޮންމެ މެޗަކަށްފަހު އޭނާ ދަނީ ކުރިއަރަމުން."
ހުޝިޔާރު، ބިރުކުޑަ އަދި އަމިއްލަ ނަފްސަށް އޮތް އިތުބާރުން ފުރިގެންވާ ލަމީން ޔަމާލް، ވަރަށް ފަސޭހަކަމާއެކު ޑިފެންޑަރުން ކައިރިން ނައްޓާލައި، ސްޕެއިންގެ އެޓޭކަށް ދިރުން ގެނެސްދިނެވެ. އޭނާގެ ފަރާތުން ކޮންމެވެސް ކާމިޔާބީއެއް ފެންނާނެކަމުގެ އިހުސާސް އެންމެންނަށް ކުރެވެމުންދިޔައެވެ.
މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައިރު، އެއީ އޭނާގެ ލަނޑަކަށް ވުމަކީ އެންމެ އެކަށީގެންވާ ގޮތެވެ.
ގޯލް ކުރިމަތިން ހުރަސްވި ބޯޅައެއް، ޔަމާލް ވަނީ ވަރަށް ހުޝިޔާރުކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައި، އޭނާގެ ފުރަތަމަ ވޯލްޑް ކަޕް ލަނޑު ކާމިޔާބުކޮށްފައެވެ.
އެޓްލާންޓާގެ ސްޓޭޑިއަމްގެ ސަޕޯޓަރުން އުފާފާޅުކޮށް، ނަށައި، ލަމީން ޔަމާލްގެ ނަމުން ގޮވާލިއެވެ. މިއީ އެމީހުން ބަލަން އައި ސުޕަސްޓާރެވެ.
ލަމީން ޔަމާލް ވެފައިވަނީ 19 އަހަރު ނުފުރެނީސް ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ތާރީޚީ ހަތްވަނަ ކުޅުންތެރިޔާއަށެވެ. އަދި އުމުރުން 18 އަހަރު ނުވަތަ އެއަށްވުރެ ހަގު އުމުރެއްގައި މެޗެއްގެ ފުރަތަމަ ލަނޑު ޖެހި ދެވަނަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ޝަރަފު ހޯދާފައިވަނީ 1958 ވަނަ އަހަރު ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހި ބްރެޒިލްގެ ޕެލޭއެވެ. އޭރު ޕެލޭގެ އުމުރަކީ 17 އަހަރެވެ.
ވޭން ރޫނީ ވަނީ މި ޒުވާން ކުޅުންތެރިޔާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އަދި އޭނާއާއި ލިއޮނަލް މެސީއާ ދެމެދު އަޅާކިޔުމަކީ ހުއްޓުވޭނެ ކަންކަމެއް ނޫނެވެ.
ބާސެލޯނާގައި މެސީ ހަދާފައިވާ ގިނަ ރެކޯޑުތަކެއް ޔަމާލް ވަނީ މުގުރާލާފައެވެ. އަދި މިހާރު ދުނިޔޭގެ ފެންވަރުގައިވެސް އޭނާ ވަނީ މެސީއަށްވުރެ ކުރި ހޯދާފައެވެ. 2006 ވަނަ އަހަރު މެސީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕް ލަނޑު ޖެހިއިރު އުމުރަކީ ގާތްގަނޑަކަށް 19 އަހަރެވެ. ނަމަވެސް ޔަމާލް މިވަނީ މެސީއަށްވުރެ ދެ ހަފުތާ ހަގު އުމުރެއްގައި އެކަން ހާސިލުކޮށްފައެވެ.
"މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރުވެސް މި ވޯލްޑް ކަޕްގައި ކުޅެމުންދަނީ އެމީހުންގެ ކުޅުމަށް ބަހައްޓާ ފަރުވާތެރިކަމާއި ސަމާލުކަމުގެ ސަބަބުން،" އިންގްލެންޑްގެ ކުރީގެ ފޯވާޑް 'މެޗް އޮފް ދަ ޑޭ' ގައި ބުންޏެވެ. "އެމީހުން ހުރިހާ ކަމެއްވެސް ކުރީ އެންމެ ރަނގަޅަށް. އަހަރެން އުންމީދު ކުރަނީ ލަމީން ޔަމާލްއަށްވެސް އެކަން ކުރެވޭނެ ކަމަށް."
"އަހަރެން އެންމެ ހައިރާންވަނީ، މެސީ ބާސެލޯނާގެ ޓީމަށް އައިއިރު އެތަނުގައި ރޮނާލްޑީނިއޯ ފަދަ މޮޅެތި ކުޅުންތެރިން ތިބި. އެކަމަކު ޔަމާލް ބާސެލޯނާއާއި ސްޕެއިން ޓީމަށް އައިއިރު، މިއީ އޭނާގެ ޓީމެއް ފަދަ. އޭނާއަކީ ޓީމުގެ މައި މީހާ."
"މެޗުން މޮޅުކޮށްދޭނެ ކަމަށް އެންމެންވެސް ބަލަނީ އޭނާއަށް. ޔޫރޯ ކާމިޔާބުކުރުމުގައި އޭނާ ބޮޑު ދައުރެއް އަދާކުރި، އަދި މި ވޯލްޑް ކަޕްގައިވެސް އެ ދައުރު އަދާކުރާނެ. އަހަރެން އެންމެ ހައިރާންވަނީ މިހާ ހަގު އުމުރެއްގައި އޭނާ އެ އުފުލާ ޕްރެޝަރަކަށް. އަހަރެން އުންމީދު ކުރަނީ ކުރިއަށް އޮތް 15 ނުވަތަ 20 އަހަރުވެސް އޭނާއަށް މިގޮތުގައި ހިފަހައްޓާލެވޭނެ ކަމަށް."
ލަމީން ޔަމާލްގެ މޮޅު ކުޅުމާއެކު މެޗުގެ އޮއިވަރު ބަދަލުވެ، އިތުރު ލަނޑުތައް ފެނިގެންދިޔައެވެ.
"އޭނާއަކީ ދުނިޔޭގެ ފެންވަރުގެ ސުޕަސްޓާރަކަށް ވުމުން، އޭނާއަށް އެހީތެރިވާނެ ރަނގަޅު ޓީމެއް އޭނާގެ ވަށައިގެން އޮންނާނެ ކަމަށް އުންމީދު ކުރަން. އަދި އޭނާ މިހާރު ކުރަމުންދާ ކަންތައްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް އުންމީދު ކުރަން،" ރޫނީ އިތުރަށް ބުންޏެވެ.
މިކޭލް އޮޔާޒަބަލް ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދެ ލަނޑު ޖަހައި، މެޗުގެ ފެށުން ވަރަށް ފުރިހަމަކޮށްދީފައެވެ. ދެ ލަނޑާއި އެސިސްޓަކާއެކު، އޭނާ ވެފައިވަނީ 1966 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕް މެޗެއްގެ ފުރަތަމަ 25 މިނެޓު ތެރޭގައި ތިން ލަނޑުގައި ސީދާ ބައިވެރިވި ދެވަނަ ކުޅުންތެރިޔާއަށެވެ.
މިއީ ކޭޕް ވާޑްއާ ދެކޮޅަށް އޭނާ ކުޅުނު މެޗާ އަޅާބަލާއިރު މުޅިން ތަފާތު ކުޅުމެކެވެ. އެ މެޗުގެ ފުރަތަމަ 30 މިނެޓު ތެރޭގައި އޭނާއަށް ބޯޅައިގައި އެންމެ ފަހަރަކުވެސް އަތްލެވިފައެއް ނުވެއެވެ. މިއީ ވޯލްޑް ކަޕް ތާރީޚުގައިވެސް ކުޅުންތެރިއަކަށް މިފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރެވެ.
ނަމަވެސް މި މެޗު ތަފާތެވެ. ސްޕެއިންގެ މޮޅު ކުޅުން ސްކޯބޯޑުން ފެންނަން އޮތްއިރު، އެމީހުން ފެނުނީ ހަމަ ހަގީގީ ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައެވެ.
ލަމީން ޔަމާލްގެ މަސައްކަތް ފުރަތަމަ ހާފުން ނިންމާލިއެވެ. ގްރޫޕް ސްޓޭޖުގައި އުރުގުއާއީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ތައްޔާރުވުމުގެ ގޮތުންނާއި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޭނާ ވަނީ ދެވަނަ ހާފުގައި ބަދަލުކޮށްފައެވެ.
'މެޗް އޮފް ދަ ޑޭ' ގައި ވާހަކަ ދައްކަމުން ތޯމަސް ފްރޭންކް ބުނީ، ލަމީން ޔަމާލް އަބަދުވެސް ބޭނުންވަނީ ބޯޅަ ކަމަށެވެ. "އެންމެ މަތީ ފެންވަރުގައި ކުޅުމަށް އޭނާގެ ކިބައިގައި ހުރި އަޒުމާއި ފަރުވާތެރިކަން ފާހަގަކޮށްލެވޭ."
ސްޕެއިން އިން ގެންދާނީ ޔަމާލްގެ ފިޓްނަސް ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓަމުންނެވެ. ސަބަބަކީ ފުރިހަމަ ފިޓްނަސްގައި ހުރި ލަމީން ޔަމާލްއަކީ މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭނެ ފަދަ ކުޅުންތެރިއަކަށް ވާތީއެވެ.
އޭނާއަށް 19 އަހަރު ފުރޭއިރު، ވޯލްޑް ކަޕްގެ ފައިނަލަށް އޮންނާނީ ހަފުތާއަކަށްވުރެ ކުޑަ ދުވަސްކޮޅެކެވެ.
މިހާރު އޮތް ސުވާލަކީ ވަރަށް ސާދާ ސުވާލެކެވެ. ސްޕެއިން ފައިނަލަށް ގެންގޮސްދޭނެ މުހިންމު ސަބަބަކަށް އޭނާ ވާނެ ހެއްޔެވެ؟
މަސްދަރު: ބީބީސީ






