ފެނަކައިގެ އޮޕަރޭޝަންތައް ފުޅާވުމުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދިޔަ: ނާޒިލް
3 އޯގަސްޓު 2026 | ހޯމަ 13:01ކޮވިޑް-19 ގެ ދަތި ހާލަތުގައި ފެނަކަ މެދުވެރިކޮށް ގިނަ ބަޔަކަށް ވަޒީފާ ދިނީ ދިވެހިންނަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުމަށް ކަމަށް މެންބަރު ނާޒިލް ވިދާޅުވެއްޖެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއުތައް ހުއްޓި، އެ މަސައްކަތްތަކުގެ އަގު އިންތިހާއަށް އުފުލިފައިވާކަން އޭނާ ފާހަގަކުރެއްވި


އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް | މަޖިލިސް
ފެނަކަ ކޯޕަރޭޝަންގެ އޮޕްރޭޝަންތައް ފުޅާވުމުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދިޔަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ފެނަކަ ކޮޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުން ރެކްރޫޓް ކުރުމާއި ޕްރޮމޯޝަން ދިނުމާއި އަދި މުސާރައާއި އިނާޔަތްތަކާ ގުޅޭ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓް މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރައްވަމުން ނާޒިލް ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ގިނަ އަދަދެއްގެ ދިވެހިންނަށް ވަކިން ހާއްސަކޮށް ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނީ ކޮވިޑް-19 ގެ ދަތި ހާލަތުގައި ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓި، ގިނަ ބައެއްގެ ވަޒީފާ ގެއްލުމުގެ ސަބަބުން އެމީހުން ދިރިއުޅުން ރަށަށް ބަދަލުކުރަންޖެހުނު ދަނޑިވަޅުގައި ކަމަށެވެ.
އެ ދުވަސްވަރު އަމިއްލަ ކުންފުނިތަކަށް މަސައްކަތްތައް ހަވާލުކުރުމުގެ ބަދަލުގައި ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް މަޝްރޫއުތައް ކުރިއަށް ގެންދަން ނިންމީ، ދިވެހި ޒުވާނުންނަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދީ، ގައުމުގެ އިގްތިސާދަށް ފައިދާހުރި ގޮތަކީ އެއީ ކަމަށް ސަރުކާރަށް ފެނުމުން ކަމަށް ނާޒިލް ވިދާޅުވި އެވެ. އެހެންނަމަވެސް، ސަރުކާރު ބަދަލުވުމާއެކު ނިމިދިޔަ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ހޯދުމުގައާއި މަސައްކަތް ކުރިއަށް ގެންދިއުމުގައި ދަތިތަކާ ކުރިމަތިވެ، މަޝްރޫއުތަކުގެ އަގު އިންތިހާއަށް އުފުލިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އަޅުގަނޑުގެ ދާއިރާގެ އައްޑޫ ސިޓީގެ ގުޅިފައިވާ ހުރިހާ ރަށެއްގައި މައި އިންޖީނުގޭގެ މަސައްކަތް ކުރަން އެތަށް ގެންގޮސްފައި ހުރި ހުރިހާ މެޓީރިއަލްސްތަކާއި އަދި އަޅުގަނޑު މި ދެންނެވިގެން އަޅުގަނޑުމެން އޭރު ވަޒީފާއަށް ނަގާފައި ތިބި މަސައްކަތްތައް ނުކޮށް ހުއްޓާލައި އެ މުވައްޒަފުން އެތާ ބައިތިއްބައިގެން އެ ވަޒީފާދީ އެ މީހުންގެ މުސާރަ ދީ އެ ހުރިހާ ކަމެއް ކުރަމުން އައީމާ ޕްރޮޖެކްޓްގެ ކޯސްޓް ބޮޑުވެގެން ގޮސްފައިވަނީއިބްރާހީމް ނާޒިލް
ހިތަދޫގައި އަޅަން ފަށާފައިވާ އޮފީސް އިމާރާތުގެ މަސައްކަތް ފެށުމަށްފަހު ހުއްޓުނު ގޮތަށް މަސައްކަތް ކުރިއަށް ނުދާކަން ފާހަގަކުރައްވަމުން ނާޒިލް ވިދާޅުވީ، މި މައްސަލައަކީ ހަމައެކަނި އައްޑޫ ސިޓީ ހިތަދޫއަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށާއި، މިއީ މުޅި ރާއްޖޭގެ އެކި ރަށްރަށުގެ މިއަދުގެ ހާލަތު ކަމަށެވެ. ކަން މިހެން އޮތުމުން އޮޑިޓް ރިޕޯޓްތަކުގައި މިފަދަ ކަންކަން ފާހަގަކޮށްފައި އޮތުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.











