މަސައްކަތް ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު ވެސް، ކިހާދޫ ކުނީގެ މަރުކަޒުގެ މަސައްކަތް ނުފެށި އޮތީ ޤާބިލު މީހުން ނުލިބިގެންކަމަށް މިނިސްޓަރު ވިދާޅުވެއްޖެ
5 އޯގަސްޓު 2026 | ބުދަ 05:01އެ ތާރީޚުގައި މަސައްކަތް ހަވާލު ކުރި ނަަމަވެސް، މަސައްކަތް ކުރިއަށް ގެންދިޔުމުގައި ފެނަކަ އަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފައިވާތީ، މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައި ނުވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި. މަސައްކަތް ނުފެށި އޮތް ސަބަބެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ސާމާނު ލިބިފައި ނެތުމުގެ އިތުރުން، މަސައްކަތް ކުރުމަށް ބޭނުންވާ ސްކިލްޑް ލޭބާ ނުވަތަ މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި މީހުން ހޯދުުމުގައި ދަތި ތަކެއް ކުރިމަތިވެފައިވާތީ ކަމަށް


މީގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ޝަރީފް ވާހަކަ ދައްކަވަނީ | ރައީސް އޮފީސް
ބ. ކިހާދޫގެ ވޭސްޓް މެނޭޖްމަންޓު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތް ފެނަކަ ކޯޕަރޭޝަންއާ ހަވާލު ކޮށްފައިވާތާ އެއް އަހަރު ދުވަސްވީއިރު ވެސް، އަމަލީ މަސައްކަތް ފެށިފައި ނުވަނީ ސްކިލްޑް ލޭބަރ ނުވަތަ މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި މީހުން ނެތުމުގެ ސަބަބުން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަރީފް މިހެން ވިދާޅުވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރައްވާފައިވާ ސުވާލަށް ލިޔުމުން ފޮނުވާފައިވާ ޖަވާބުގައި އެވެ. މި މަސައްކަތް ފެނަކައާ ހަވާލު ކުރިތާާ އެއް އަހަރު ވާާން ކައިރިވެފައިވާއިރު، މަސައްކަތުގެ އަމަލީ މަސައްކަތް ފެށިފައި ނުވާ ސަބަބުން ސާފު ކޮށްދެއްވުމަށް މެމްބަރު މައުރޫފް ވަނީ ސުވާލު ކުރައްވައިފަ އެވެ.
ޖަވާބުގަައި މިނިސްޓަރު ޝަރީފް ވިދާޅުވެފައި ވަނީ ކިހާދޫގެ ކުންޏާއި، ވަސީލަތް މެނޭޖުކުރާ މަރުކަޒަކީ މިނިސްޓްރީ އިން ވޯލްޑް ބޭންކްގެ އެހީގައި ހިންގި މޯލްޑިވްސް އެންވަޔަރަމަންޓް މެނޭޖްމަންޓް ޕްރޮޖެކްޓުގެ ދަށުން 2008 ވަނަ އަހަރު ޤާއިމު ކޮށްފައިވާ މަރުކަޒެއް ކަމަށެވެ. ނަމަވެސް އެ މަރުކަޒަށް ބައެއް ބަދަލު ގެންނަން ކައުންސިލް އިން ބޭނުންވާތީ، އެ ބަދަލާ އެކު މަރުކަޒު އަޕްގްރޭޑް ކުރުމަށް ފެނަކައާ ހަވާލު ކޮށްފައި ވަނީ 2025 ވަނަ އަހަރުގެ މާޗު މަހުގެ 10 ވަނަ ދުވަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
އެ ތާރީޚުގައި މަސައްކަތް ހަވާލު ކުރި ނަަމަވެސް، މަސައްކަތް ކުރިއަށް ގެންދިޔުމުގައި ފެނަކަ އަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފައިވާތީ، މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައި ނުވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ. މަސައްކަތް ނުފެށި އޮތް ސަބަބެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ސާމާނު ލިބިފައި ނެތުމުގެ އިތުރުން، މަސައްކަތް ކުރުމަށް ބޭނުންވާ ސްކިލްޑް ލޭބަރ ނުވަތަ މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި މީހުން ހޯދުުމުގައި ދަތި ތަކެއް ކުރިމަތިވެފައިވާތީ ކަމަށެވެ.
މީގެ އިތުރުން އެ ޖަވާބުގައި މިނިސްޓަރު ވިދާޅުވެފައި ވަނީ، މަޝްރޫއުގެ ޑިސައިން އަށް ބަދަލު ގެންނަން ކައުންސިލް އިން ބޭނުންވާ ކަމަށާއި، އެކަމުގައި މިނިސްޓްރީ އިން ކައުންސިލްއާ ފޯނުގެ ޒަރިއްޔާ އިން މަޝްވަރާ ކޮށްފައި ކަމަށެވެ. އަދި ކައުންސިލް އިން ގެންނަން ބޭނުންވާ ބަދަލުތައް މިނިސްޓްރީ އަށް އެންގުމުން، ޑިސައިން މުރާޖައާކޮށް އަލުން ފާސްކުރުމުގެ މަސައްކަތް މިނިސްޓްރީ އިން ކުރިއަށް ގެންދަން ޖެހޭނެ ކަމަަށް ވެސް ވަނީ ވިދާޅުވެފައި އެވެ.
އެއާ އެކު މިނިސްޓަރު ޝަރީފް ވިދާޅުވެފައި ވަނީ، އެ ބަދަލުގެ ސަބަބުން މަސައްކަތުގެ އަގަށް ބަދަލު އައުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މި މަޝްރޫއަކީ ސަރުކާާރުން ކުރިއަށް ގެންދާ މަޝްރޫއު ތަކުގެ ތެރެއިން ޚާއްސަ އިސްކަމެއް ދީފައިވާ މަޝްރޫއެއް ކަމަށާއި، އެހެންކަމުން މި މަޝްރޫއުގެ ދަށުން ކުރިއަށްދާ ކުންޏާއި ވަސީލަތް މެނޭޖު ކުރުމުގެ މަރުކަޒު ޤާއިމު ކުރުމުގެ މަސައްކަތް ނިންމުމަށް ކަނޑަ އަޅާފައިވާާ ތާރީޚަކީ 2027 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކަމަށް ވެސް މިނިސްޓަރު ޝަރީފް ވަނީ ވިދާޅުވެފައި އެވެ.
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ޝަރީފް ވަނީ، ކުނި މެނޭޖު ކުރުމަށް ކިހާދޫ އަށް މީގެ ކުރިން ވެސް ސާމާނު މިނިސްޓްރީ އިން ދީފައި ވާނެ ކަމަށް ވެސް ފާހަގަ ކޮށްފައި އެވެ.
މިނިސްޓަރުގެ ޖަވާބުން ޔަޤީން ވެފައި ވަނީ، މަސައްކަތް ހަވާލު ކުރިތާ އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައި ނުވާ ކަމެވެ.











