ރަފަހް ސިޓީ އާބާދުކުރުމުގެ ހުއްދަ ނަތަންޔާހޫ ދީފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
9 އޯގަސްޓު 2026 | އާދީއްތަ 06:03އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މީޑިއާ ރިޕޯޓުތަކުގައި ހަގީގަތް އޮޅުވާލާފައިވާ ކަމަށާއި އެއީ މާ ކުރީގެ މައުލޫމާތުތަކެއް ކަމަށް. އަދި އެއީ ޔޫއޭއީގެ އެހީގައި "ޔެލޯ ލައިން" ސަރަހައްދުގައި ހަމާސްގެ ކޮންޓްރޯލް ނެތް ގޮތަށް ފޭލިގެތަކެއް އެޅުމަށް މީގެ މަސްތަކެއް ކުރިން ފެށި ޕައިލެޓް ޕްރޮޖެކްޓެއްގެ މަސައްކަތް ކަމަށް ވެސް ބޮޑު ވަޒީރުގެ އޮފީހުން ބުނެފައިވޭ


އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އަދި ޑިފެންސް މިނިސްޓަރު ކަޓްޒް | ގެޓީ އިމޭޖަސް
ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީ އަލުން އާބާދު ކުރުމުގެ މަސައްކަތް ފެށުމަށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ޤައުމުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ހުއްދަ ދެއްވާފައިވާ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ރިޕޯޓު ކޮށްފި އެވެ.
އިސްރާއީލް އާމީ ރޭޑިއޯ އިން ބުނި ގޮތުގައި، ރަފަހް އާބާދު ކުރުމުގެ މަސައްކަތް ފެށުމަށް ނަތަންޔާހޫ އާއި ކަޓްޒް ހުއްދަ ދެއްވީ އެކަން ރަސްމީކޮށް އިއުލާނު ކުރުމެއް ނެތި އެވެ. މި ނިންމުން ނިންމާފައި މިވަނީ، އިސްރާއީލް އިން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމަށް ތިން އަހަރުވާން ގާތްވެފައި ވަނިކޮށް، ޣައްޒާގައި ބައިނަލްއަޤުވާމީ ސުލްހަ ބަލަހައްޓާ ފައުޖެއް ޤާއިމު ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން ބާރުއަޅަމުންދާ ދަނޑިވަޅެއްގައި އެވެ.
މި ރިޕޯޓުތަކާ ގުޅިގެން ބޮޑު ވަޒީރުގެ އޮފީހުން ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ. އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މީޑިއާ ރިޕޯޓުތަކުގައި ހަގީގަތް އޮޅުވާލާފައިވާ ކަމަށާއި، އެއީ މާ ކުރީގެ މައުލޫމާތުތަކެއް ކަމަށެވެ. އަދި އެއީ ޔޫއޭއީގެ އެހީގައި "ޔެލޯ ލައިން" ސަރަހައްދުގައި ހަމާސްގެ ކޮންޓްރޯލް ނެތް ގޮތަށް ފޭލިގެތަކެއް އެޅުމަށް މީގެ މަސްތަކެއް ކުރިން ފެށި ޕައިލެޓް ޕްރޮޖެކްޓެއްގެ މަސައްކަތް ކަމަށް ވެސް ބޮޑު ވަޒީރުގެ އޮފީހުން ބުނެފައިވެ އެވެ.
އިސްރާއީލް ސަރުކާރުން އިތުރަށް ބުނި ގޮތުގައި، އެ ސަރަހައްދުގައި ހުރި ހަނގުރާމަވެރިންގެ އިންފްރާސްޓްރަކްޗަރ އާއި ބިންގަރާސްތައް ސިފައިން ވަނީ ސާފު ކޮށްފައި އެވެ. އަދި އެ ސަރަހައްދަށް ކަރަންޓާއި ނަރުދަމާ އަދި ފެނުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރިއަށް ދާނީ ޣައްޒާގެ ކޮންޓްރެކްޓަރުންގެ ބަދަލުގައި، ސީދާ އިސްރާއީލް ސިފައިންގެ ބެލުމުގެ ދަށުން ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.
މިދިޔަ މަހު ޖެރޫސަލަމް ޕޯސްޓް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ "ބޯޑް އޮފް ޕީސް" އިން ހުށަހަޅާފައިވާ ޕްލޭނެއް އިސްރާއީލްގެ ސެކިއުރިޓީ ކެބިނެޓުން ވަނީ ފާސް ކޮށްފައި އެވެ. އެ ޕްލޭންގައި ވަނީ ބައިނަލްއަޤުވާމީ ސުލްހަ ބަލަހައްޓާ ފައުޖެއް ޣައްޒާ އަށް ވަނުމަށް ހުއްދަ ދިނުމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ޚާއްސަ އިންސާނީ އެހީގެ ޒޯނެއް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފެށުމަށެވެ.
މަސްދަރު: އަލް ޖަޒީރާ










