އެމްޑީޕީ ކޮންގްރެސްގެ ތެރެއިން އެޕާޓީގެ އަސާސީ ޤަވާއިދަށާއި ޕާޓީގެ ސިޔާސަތުތަކަށް އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
6 އޯގަސްޓު 2026 | ބުރާސްފަތި 14:08އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު 19 ގައި ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ޕާޓީގެ އަސާސީ ގަވާއިދާއި ސިޔާސަތުތަކަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އޮގަސްޓު 19 ގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފައި. މި ކޮންގްރެސްގައި ބައިވެރިވާ ޑެލިގޭޓުންގެ ލިސްޓު ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އާންމުކުރުމަށް ހަމަޖެހިފައިވާއިރު، މިއީ ޕާޓީގެ ކުރިމަގާއި ރިޔާސީ އިންތިޚާބާ ގުޅޭ މުހިންމު ނިންމުންތަކެއް ނިންމާނެ ބައްދަލުވުމެއް


2022 ވަނަ އަހަރު ބޭއްވި އެމްޑީޕީ ކޮންގްރެސްގެ ތެރެއިން | ސޯޝަލް މީޑިއާ
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސްގެ ތެރެއިން އެޕާޓީގެ އަސާސީ ޤަވާއިދަށާއި ޕާޓީގެ ސިޔާސަތުތަކަށް އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އޮގަސްޓް ފަސް ވަނަ ދުވަހު އެމްޑީޕީން ވަނީ ކޮންގްރެސްގެ ސުންގަޑިތަކާއި ކޮންގްރެސް ކުރިއަށް ދާނެ ގޮތުގެ ތާވަލެއް އާއްމުކޮށްފަ އެވެ. އެގޮތުން ސިޔާސަތުތަކާއި އަސާސީ ޤަވާއިދަށް އިސްލާހު ގެނައުމަށް ހުށަހެޅުމުގެ ފުރުސަތު 19 އޮގަސްޓުގެ 12:30 ގެ ނިޔަލަށް ވަނީ ހުޅުވާލާފައި އެވެ. މި ހުށަހެޅުންތައް އޮންލައިންކޮށް ހުށަހެޅުމުގެ އިންތިޒާމްތައް ވަނީ އެ ޕާޓިން ހަމަޖައްސާފައި އެވެ.
އަސާސީ ގަވައިދަށް ހުށަހަޅާ އިސްލާހުތައް އަދި ސިޔާސަތުތަކަށް ކޮންގްރެެސްގެ ތެރެއިން ގޮތް ނިންމަން ހަމަޖެހިފައިވާއިރު، އެ ހުށަހެޅުންތައް އޮގަސްޓް 31 ވަނަ ދުވަހު އާއްމުކުރާނެ އެވެ.
ކޮންގްރެސްގައި ބައިވެރިވެވޭނެ ގޮފިތައް 31 އޮގަސްޓްގެ ކުރިން ރެޖިސްޓްރީ ކުރަން ވެސް އެ ޕާޓީން ހުޅުވާލާފައިވެ އެވެ. އަދި މި މުއްދަތުގެ ތެރޭގައި ޕާޓީގެ ގޮފިތައް އުސޫލާއި އެއްގޮތަށް ނިންމަންވާނެކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
މީގެއިތުރުން 1 ސެޕްޓެމްބަރުގެ 13:30 ގެ ކުރިން ކޮންގްރެސްގައި ވޯޓު ލެވޭނެ މީހުން އެނގޭނެ ހެން ޑެލިގޭޓުންގެ ލިސްޓް އާންމު ކުރާނެ ކަމަށް ކޮންގްރެސްގެ ތާވަލުގައި ބުނެފައިވެ އެވެ. އަދި 5 ސެޕްޓެމްބަރުގައި ކޮންގްރެސްގެ ބައިވެރިން ރަޖިސްޓަރވުމުގެ ފުރުސަތު އޮންލައިންކޮށް ހުޅުވާލާނެ ކަމަށާއި ބައިވެރިން ރަޖިސްޓަރވުމަށް ދޭ މުއްދަތު 10 ސެޕްޓެމްބަރުގައި ހަމަވާނެ ކަމަށް އެމްޑީޕީން އާންމު ކުރި ތާވަލުގައިވެ އެވެ.
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު 19 ވަނަ ދުވަހު ބާއްވަން ނިންމާފައިވަނީ މި އޮގަސްޓް މަހު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 36 ވަނަ ބައްދަލުވުމުގައި އެވެ.
އެމްޑީޕީން އެންމެ ފަހުން އެ ޕާޓީގެ ކޮންގްރެސް ބާއްވާފައި ވަނީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް މަސައްކަތް ކުރުމަށް ފަހު، ފަހުން ވަނީ ކޮންގްރެސް އެހެން ތާރީޚެއްގައި ބޭއްވުމަށް ނިންމައިފަ އެވެ. އެމްޑީޕީގެ ކޮންގްރެސް އަކީ އެ ޕާޓީގެ މުސްތަޤުބަލާ ގުޅޭ މުހިންމު ކަންކަން އަދި ރިޔާސީ އިންތިޚާބާ ގުޅޭ މުހިންމު ނިންމުންތައް ނިންމާ މުހިންމު ބައްދަލުވުމެކެވެ.










