އޮގަސްޓް 13 ވަނަ ދުވަހު އެމްޑީޕީން މުޒާހަރާއަށް ނުކުންނަނީ ހަގީގަތުގައި ވެސް ދަތިވެގެން: ރާއީ
5 އޯގަސްޓު 2026 | ބުދަ 12:07ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އަޑުއުފުލުމަށް އެމްޑީޕީން ބާއްވާ މުޒާހަރާގެ ހަރަކާތްތައް ރަސްމީކޮށް ފަށައިފި. މި މުޒާހަރާއަކީ އިއްތިފާގުން "ކަޅު ހުކުރު" އާ ދިމާވާ ދުވަހެއްގައި ބާއްވާ ހަރަކާތެއް ކަމަށާއި، ބަނދަރުގެ ނާގާބިލުކަމުގެ ސަބަބުން މުދަލުގެ އަގު އުފުލި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަން އެ ޕާޓީން ބުނޭ


ބުދަ ދުވަހު އެމްޑީޕީން ބެއްވި ނޫސް ކޮންފަރެންސްގައި މުހައްމަދު ރާއީ ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ
އޮގަސްޓް 13 ވަނަ ދުވަހު އެމްޑީޕީން މުޒާހަރާއަށް ނުކުންނަނީ ހަގީގަތުގައި ވެސް ދަތިވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު އެމްޑީޕީން ބޭއްވި ޕްރެސް ކޮންފެރެންސްގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ އެމްޑީޕީން މުޒަހަރާ ކުރަން ނިންމި ދުވަސް އޮގަސްޓް 12، 13 ނުވަތަ ކަޅު ހުކުރާ ދިމާވީ އިއްތިފާގަކުން ކަމަށެވެ. އަދި މި ދުވަހަކީ އެމްޑީޕީއަށް ވަރަށް ހާއްސަ ދުވަހެއް ކަން ރާއީ ފާހަގަކުރެއްވި އެވެ.
މި މުޒާހަރާ އިއުލާންކޮށް، ތަކެތީގެ އަގު ބޮޑުވެ ރައްޔިތުންނަށް ދަތިވަމުންދާ ވާހަކަ ދައްކަން ފެށުމުން އިކްނޮމިކް މިނިސްޓަރު ސައީދު އާއި ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން އަދި ސަރުކާރުގެ ބައިވެރިން ވަރަށް ބޮޑަށް ކަންބޮޑުވެގެން އުޅޭ ކަމަށް ރާއީ ވިދާޅުވި އެވެ.
ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ވިޔަފާރިވެރިން ތަކެތީގެ އަގު ބޮޑު ކުރާތީ ކަންބޮޑުވުން ހުރިކަން ގަބޫލުކުރާ ކަމަށާއި ހަގީގަތުގައި ވިޔަފާރިވެރިންނަށް ވެސް އެކަން އެގޮތަށް ނުކޮށް ވާން ނެތް ކަމަށް ރާއީ ވިދާޅުވި އެވެ. އަދި ވިޔަފާރިވެރިންނަށް ތަކެތީގެ އަގު ބޮޑު ކުރަން ޖެހެނީ ޕޯޓް ތެރޭގައި ހުރި ނާގާބިލު ކަމުން ކަމަށް ރާއީ ފާހަގަކުރެއްވި އެވެ.
އަޅުގަނޑު ވަރަށް ބޭސިކް ތިނެއްޗެއްގެ ނަން ދަންނަވާލާނަން، ވިސްނަވާލައްވާ ކޮންމެ މައްމަޔަކު ބައްޕަޔަކު ވެސް މިހާރު ތިބޭފުޅުން އާންމުކޮށް ގަންނަ އެއްޗެހީގައި އަގު ހުރި ވަރު، ނެޕީ ޕެކެޓެއްގެ އަގު ހުރި ވަރު، ކިރު ދަޅެއްގެ އަގު ބޮޑުވެފައި ހުރި ވަރު، އެންމެ ދެރަވޭ ކޮންމެ ދުވަހުކު ހަމަ ކޮންމެ މައިބަފައިންނެއް ވެސް އެކުދިންގެ ސްކޫލަށް ގެންދަން މައިލޯ ޕެކެޓެއް ގަންނާނެ، އަޅުގަނޑުމެން ސަރުކާރު ނިމުނުއިރު 4 ރުފިޔާއަށް ހުރި މައިލޯ ޕެކެޓް 7 ރުފިޔާއަށް، 8 ރުފިޔާއަށް ވެސް އެބަހުރި ވިއްކަން އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއަހަރު ބާކީ މިއޮތް 4 މަސް ނިމޭއިރު އޭތީގެ އަގު އަރާނެ 12 ރުފިޔާއަށްމުހައްމަދު ރާއީ
މީގެއިތުރުން މާލޭގެ ވެހިކަލްތަަކަށް އަޅާ ޕްޓްރޯލް ލީޓަރެއް 16 ރުފިޔާއަށް ލިބުނު ނަމަވެސް މަސްދޯނިތަކާއި އޮޑި ދޯނި ފަހަރަށް އެ އަގުގައި ނުލިބޭ ކަމަށް ރާއީ ވިދާޅުވި އެވެ.
ބުދަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސްއަށް ފަހު ރަސްމީކޮށް މުޒާހަރާގެ ހަރަކާތްތައް ފެށުނީ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.











