އެމްޑީޕީގެ މުޒާހަރާ އޮގަސްޓް 13 ވަނަ ދުވަހުގެ ރެޔަށް ބަދަލުކޮށްފި
5 އޯގަސްޓު 2026 | ބުދަ 11:43ތަކެތީގެ އަގު އުފުލުމާއި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާ ދެކޮޅަށް "ދަތިވެއްޖެ" ނަމުގައި އެމްޑީޕީން ބާއްވާ މުޒާހަރާ އޮގަސްޓް 13 ވާ ބުރާސްފަތި ދުވަހުގެ ރެއަށް ބަދަލުކޮށްފި. ސޯޝަލް ސެންޓަރު ކުރިމަތިން ފެށުމަށް ހަމަޖެހިފައިވާ މި ހަރަކާތަކީ ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް އަޑުއުފުލުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައިވާ އެއްވުމެއް


އޭޕްރީލް މަހު އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ނިންމުމަށް އެމްޑީޕީ އިން ބޭއްވި ހިނގާލުމުގައި އެ ޕާޓީގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަނީ | ސޯޝަލް މީޑިއާ
ތަކެތީގެ އަގު އުފުލުމާއި ރައްޔިތުންނަށް ދިމާ ވަމުންދާ ދަތިތަކާއި ގުޅިގެން އަޑު އުފުލުމަށް އިދިކޮޅު މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރަން ނިންމާފައިވާ މުޒާހަރާ އޮގަސްޓް 13 ވަނަ ދުވަހުގެ ރެއަށް ބަދަލުކޮށްފި އެވެ.
އެމްޑީޕީން ސޯޝަލް މީޑިއާގައި ބުދަ ދުވަހު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "ދަތިވެއްޖެ" ނަމުގައި ކުރަން ނިންމާފައިވާ މުޒާހަރާގެ ތާރީހާއި ގަޑި ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން މުޒަހާރާ އޮންނާނީ 13 އޮގަސްޓް ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ކަމަށް އެ ޕާޓީން ބުނެ އެވެ. އަދި މި މުޒާހަރާ ފެށުމަށް ހަމަޖެހިފައި ވަނީ ސޯޝަލް ސެންޓަރު ކުރިމަތިން މަޖީދީ މަގުންނެވެ.
ތަކެތީގެ އަގުތައް މައްޗަށް ދިޔުމާއި، ސަރުކާރުގެ ދޯހަޅި ކަންކަމާ ދެކޮޅަށް މުޒަހަރާ ކުރުމަށް އާދިއްތަ ދުވަހު އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ހުށަހަޅާފައިވަނީ ރިޔާސަތުގައި އިންނެވި، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެވެ.
ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، މުޒަހަރާ ކުރަން ފެނޭތޯ ނުވަތަ ނޫންތޯ ވޯޓަށް އައްސަވަން ނުޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން މުޒަހަރާ ކުރުމަށް އެމްޑީޕީގެ މެންބަރުން ފުރިހަމަ އަށް ތާއީދު ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައި އެވެ.
އެގޮތުން އޮގަސްޓް 13 ވަނަ ދުވަހު މުޒާހަރާ ކުރުމަށް ނިންމާފައިވާއިރު، މިފަހުން މާލޭގައި ވަޒީފާގެ ބުރާސްފަތި ނަމުގައި އެމްޑީޕީން އެއްވުމެއް ބާއްވާފައިވެ އެވެ.











