ރެއާލްގައި ވިނީޝިއުސް ބެހެއްޓުމަށް އެންމެ ބޮޑަށް ބާރުއަޅަނީ މޮރީނިއޯ
6 އޯގަސްޓު 2026 | ބުރާސްފަތި 07:23މީޑިއާތަކުގައި ބުނެފައިވާ ގޮތުން، ވިނީޝިއުސް ރެއާލްގައި ބަހައްޓަން ބޭނުންވާކަން މޮރީނިއޯ ވަނީ ކުލަބުގެ އިސްވެރިންނަށް އަންގާފައި. އަދި ރެއާލްގައި މަޑުކުރުމަށް އެދި، މޮރީނިއޯ ވަނީ ވިނީޝިއުސްއާ ވެސް ވާހަކަ ދައްކާފައި ކަމަށް ރިޕޯޓުތައް ބުނޭ. އެގޮތުން މޮރީނިއޯ ވަނީ، ކުރިއަށް އޮތް ސީޒަންގައި އޭނާގެ ޕްލޭންގައި ވިނީޝިއުސް އަކީ ވަރަށް މުހިންމު ކުޅުންތެރިޔެއްކަން ވެސް އޭނާ އަށް ބުނެދީފައި


ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ އަދި އެ ޓީމަށް ކުޅެމުން އަންނަ ވިނީޝިއުސް ޖޫނިއާ | ރޮއިޓާސް
ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާގެ އެއްބަސްވުން އައުކުރުމަށް ކުރިއަށް ގެންދަމުން އަންނަ މަޝްވަރާތަކުގައި އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބައިވެރިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އުމުރުން 26 އަހަރުގެ ވިނީޝިއުސް ރެއާލް އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ވިނީޝިއުސް ހޯދުމަށް އާސެނަލް އިން ތައްޔާރަށް އޮތްއިރު، ރެއާލް އިން އަންނަނީ އޭނާގެ އެއްބަސްވުން އައުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރެއާލްގައި ވިނީޝިއުސް ބެހެއްޓުމަށް އެންމެ ބޮޑަށް ބާރު އަޅަނީ މޮރީނިއޯ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ވިނީޝިއުސް ރެއާލްގައި ބަހައްޓަން ބޭނުންވާކަން މޮރީނިއޯ ވަނީ ކުލަބުގެ އިސްވެރިންނަށް އަންގައިފަ އެވެ. އަދި ރެއާލްގައި މަޑުކުރުމަށް އެދި، މޮރީނިއޯ ވަނީ ވިނީޝިއުސްއާ ވެސް ވާހަކަ ދައްކާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން މޮރީނިއޯ ވަނީ، ކުރިއަށް އޮތް ސީޒަންގައި އޭނާގެ ޕްލޭންގައި ވިނީޝިއުސް އަކީ ވަރަށް މުހިންމު ކުޅުންތެރިޔެއްކަން ވެސް އޭނާ އަށް ބުނެދީފައި އެވެ.
ރެއާލް އާއި ވިނީޝިއުސްއާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނައިރު، އޭނާގެ އެއްބަސްވުން އައު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެ ކުލަބަށް އޮތް ކަމަށް ވެސް ބުނެފައިވެ އެވެ. ރެއާލް އާއި ވިނީޝިއުސްއާ ދެމެދު މައްސަލަ ޖެހުނީ މުސާރައިގެ މައްސަލައިގެ އިތުރުން، އިމޭޖް ރައިޓްސް ވިއްކައިގެން ލިބޭ އިންސައްތަ އިތުރު ކުރުމަށް ރެއާލް އިން ދެކޮޅު ހެދުމުންނެވެ. ރެއާލް އާއި ވިނީޝިއުސްއާ ދެމެދު މިހާރު މަޝްވަރާ ކުރަމުން އައި ނަމަވެސް، ވިނީޝިއުސްގެ ހުރިހާ ހުށަހެޅުމަކަށް ރެއާލް އިން ޤަބޫލު ނުވާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
ފްލަމެންގޯ ދޫކޮށްލުމަށް ފަހު ވިނީޝިއުސް ރެއާލް އަށް ބަދަލުވެފައި ވަނީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން މިވީ މުއްދަތުގެ ތެރޭގައި ވިނީޝިއުސް ވަނީ ރެއާލް އަށް ކުޅެދިން 376 މެޗުގައި 128 ލަނޑު ޖަހައިފަ އެވެ. އަދި ރެއާލް އާއެކު އޭނާ ވަނީ 14 ތައްޓެއް ވެސް ކާމިޔާބު ކޮށްފައި އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ތިން ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބު ކުރުން ވެސް ހިމެނެ އެވެ.










