ގާފަރު ކައިރި އަށް ލޭންޑިން ކްރާފްޓެއް އަޑިއަށް ގޮސް، ދެ މީހަކު ގެއްލިއްޖެ
31 ޖުލައި 2026 | ހުކުރު 08:50މި ހާދިސާ ހިނގި ވަގުތު އެ ލޭންޑިން ކްރާފްޓުގައި 10 މީހުން ތިބިއިރު، އޭގެ ތެރެއިން މިހާތަނަށް ފެނިފައި ވަނީ 8 މީހުން. އަނެއް ދެ މީހުން ގެއްލިފައިވާއިރު، އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައި


މީގެ ކުރިން ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓެއްގައި މީހަކު ހުރި މަންޒަރު ފެންނަ ފޮޓޯއެއް | ސޯޝަލް މީޑިއާ
ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިން ކްރާފްޓެއް ދިޔަވެ، އަޑިއަށް ގޮސްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބުނެފައި ވަނީ ހުކުރު ދުވަހު ތިލަފުށިން ފުރައިގެން ދިޔަ ލޭންޑިން ކްރާފްޓެއް ގާފަރު ކައިރި އަށް އަޑިއަށްދާ ކަމުގެ މައުލޫމާތު އެ އިދާރާ އަށް ލިބިފައި ވަނީ ހުކުރު ދުވަހުގެ ހެނދުނު 08:48 ހާއިރު ކަމަށެވެ.
މި ހާދިސާ ހިނގި ވަގުތު އެ ލޭންޑިން ކްރާފްޓުގައި 10 މީހުން ތިބިއިރު، އޭގެ ތެރެއިން މިހާތަނަށް ފެނިފައި ވަނީ އަށް މީހުންނެވެ. އަނެއް ދެ މީހުން ގެއްލިފައިވާއިރު، އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައި އެވެ.
ގާފަރު ކައިރި އަށް ލޭންޑިން ކްރާފްޓެއް އަޑިއަށް ގޮސްފައިވާއިރު، ކ.އަތޮޅު މާފުށި ކައިރީގައި އޮތް ސަފާރިއެއް ވެސް ވަނީ އެ ރަށުގެ ތޮށި މައްޗަށް އުރިފައި އެވެ. އޭގެ އިރުކޮޅެއް ފަހުން އެ ސާފާރި ވަނީ އެއްކޮށް ހަލާކުވެފައި އެވެ.
މި ދުވަސްވަރު ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، ކަނޑުތައް އިންތިހާ އަށް ގަދަވެފައިވާއިރު، މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ވެސް ވަނީ އިލްތިމާސްކޮށްފައި އެވެ.











