މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއާ ގުޅިގެން ސޯޝަލް ސެންޓަރު ސަރަހައްދުގެ ޓްރެފިކް ފްލޯ އަށް ބަދަލުތަކެއް ގެންނަނީ
25 ޖުލައި 2026 | ހޮނިހިރު 09:52ފުލުހުންގެ ހިދުމަތުން އެކްސް ގައި ހާމަކޮށްފައިވާ ޗާޓުގައި ރަތް ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދު ކަމަށްވާ ކަނބާ އައިސާ ރަނި ހިނގުން، މަޖީދީމަގު އަދި އިރާމާ މަގުގައި ޕާކު ކޮށްފައިވާ އުޅަނދުތައް ނެގުމަށް ވަނީ އެދިފައި


މިނިވަން ދުވަސް ފާހަގަ ކުރުމުގެ ޙަރަކާތެއްގެ ތެރެއިން ކުޑަ ކުދިން ތަކެއް ޤައުމީ ދިދަ ހިފައިގެން. | ސޯޝަލް މީޑިއާ
ޖުލައި 26 ގައި ބާއްވަން ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއާ ގުޅިގެން ސޯޝަލް ސެންޓަރު ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯ އަށް ބަދަލު ގެނެވޭނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާން ކޮށްފި އެވެ.
ފުލުހުންގެ ހިދުމަތުން އެކްސްގައި ހާމަކޮށްފައިވާ ޗާޓުގައި ރަތް ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދު ކަމަށްވާ ކަނބާ އައިސާ ރަނި ހިނގުން، މަޖީދީމަގު އަދި އިރާމާ މަގުގައި ޕާކު ކޮއްފައިވާ އުޅަނދުތައް ނެގުމަށް ވަނީ އެދިފައި އެވެ. އަދި ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން، ޗާޓުގައި ފާހަގަ ކޮށްފައިވާ ގޮތަށް ސޯޝަލް ސެންޓަރު ސަރަހައްދުގެ ޓްރެފިކް ފްލޯ އަށް ބަދަލު ގެނެވޭނެ ކަމަށް ވެސް ފުލުހުން ވަނީ ހާމަ ކޮށްފައި އެވެ.
ފުލުހުންގެ ހިދުމަތުން ބުނެފައިވާ ގޮތުގައި މި ބަދަލު ގެނައުމުގެ ބޭނުމަކީ ރަސްމީ ޖަލްސާގެ ސެކިއުރިޓީ އާއި އިންތިޒާމުތައް ފުރިހަމަކަމާ އެކު ކުރިއަށް ގެންދިޔުމެވެ.
މިފަދަ ކަންކަމަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުންގެ ހިދުމަތުން ވަނީ ޝުކުރު އަދާކޮށްފައި އެވެ. އަދި މިފަދަ ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ އާންމު ދަތުރު ފަތުރަށް ދިމާވެދާނެ ދަތިތަކަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ މައާފަށް އެދިފައި އެވެ.









