ހުޅުމާލޭގައި މީހެއްގެ އަތުން 10،000 ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި
30 ޖުލައި 2026 | ބުރާސްފަތި 07:39ހުޅުމާލޭގައި ބިދޭސީއަކު ދުއްވި ބައިސްކަލެއް ހުއްޓުވައި 10،000 ރުފިޔާ ފޭރުނު މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ވަނީ ޖަހާފައި. ފުލުހުން ކުރި މަސައްކަތުން ފޭރުނު ފައިސާ މިހާރު ހޯދާފައިވާއިރު، މި މައްސަލައިގައި ހިމެނޭ ދެވަނަ މީހާ ހައްޔަރުކުރުމަށްފަހު މިހާރު ވަނީ ބަންދުން ދޫކޮށްލާފައި


ހުޅުމާލެއިން މީހެއްގެ އަތުން 10،000 ރުފިޔާ ފޭރުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ | މޯލްޑިވްސް ޕޮލިސް ސާރވިސް
ހުޅުމާލޭގައި މީހެއްގެ އަތުން 10،000 ރުފިޔާ ފޭރުނު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ބުރާސްފަތި ދުވަހު ފުލުހުން ބުނީ، ހުޅުމާލެ ފޭސް 1 އެފްޑަބްލިޔު ރެސިޑެންސް ކައިރިން ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން، 10،000 ރުފިޔާ އޮތް ވޮލެޓެއް، ސައިކަލެއްގައި ދިޔަ ދެ މީހަކު ފޭރުނު މައްސަލަ 2026 ޖުލައި 26 ވަނަ ދުވަހުގެ ރޭ 11:25 އެހައިކަންހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ ހުށަހެޅުމާއެކު، ފޭރުނު މީހުން ހޯދުމުގެ މަސައްކަތް ހުޅުމާލެ ރެސްޕޮންސް އެންޑް ޕެޓްރޯލްއާއި، އިންވެސްޓިގޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ކަމަށެވެ.
އެގޮތުން ސީސީޓީވީ ފުޓޭޖް ބަލައި އެ މީހުން ހޯދުމަށް ކުރެވުނު މަސައްކަތުން ޖުލައި 26 ވަނަ ދުވަހުގެ ރޭ 12:30 އެހައިކަންހާއިރު، އެ މީހުން ދުއްވި ސައިކަލު ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެެނެސްފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތުހުމަތުގައި އަތަމާގެ / ގދ. ވާދޫ، އިޖާޒު ނަސީރު (40އ) ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލާގައި ތުހުމަތުކުރެވޭ ދެ ވަނަ މީހާ ތަހުގީގުގެ ތެރެއިން ހޯދައި، ޖުލައި 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާ މިހާރުވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފަ އެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަތަމާގެ / ގދ. ވާދޫ، އިޖާޒު ނަސީރު (40އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ބިދޭސީ މީހާގެ އަތުން އެ މީހުން ފޭރުނު ވޮލެޓާއި 10،000 ރުފިޔާ ވަނީ ހޯދާފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.










