ރައީސް މުއިއްޒަށް ކައުންސިލް އިންތިހާބު ގެއްލުމުން ކައުންސިލުތަކުގެ މިނިވަންކަން ނިގުޅައިގަންނަނީ!
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް މަޖިލީހަށް ހުށަހެޅުމާ ގުޅިގެން އެ އިދާރާގެ މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށް ޕެޓިޝަނެއް ހުށަހަޅައިފި. މި ބަދަލަކީ ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް ސިޔާސީ ނުފޫޒު ފޯރުވުމަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރާއިރު، މީގެ ސަބަބުން ލާމަރުކަޒީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައި. ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ރަށްރަށުގެ ތަރައްގީގެ ކަންކަމުގައި ރައްޔިތުންގެ ބަސް ބުނުމުގެ ފުރުސަތު ކުޑަވެ، މައި ސަރުކާރުގެ މުށުތެރެއަށް ބާރުތައް ޖަމާވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ.

ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބައްދަލުވުމެއްގެ ތެރެއިން. | އެލްޖީއޭ
ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުތަކުން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅިގެން، ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ފަށައިފި އެވެ.
ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް މީގެ ކުރިންވެސް އެކި ފިޔަވަޅުތައް އަޅާފައިވާ ރައީސް މުއިއްޒުގެ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް 11 މެއި 2026 ވީ ހޯމަ ދުވަހު ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު ޢަބްދުالله ވަނީ ލާމަރުކަޒީ ޤާނޫނަށް އިސްލާހުގެނެސް، ކައުންސިލުތަކުގެ ބެލެނެވެރިފަރާތް – ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ހުށަހަޅާފައެވެ. މި އިސްލާހުގެ ދަށުން މިހާތަނަށް މިނިވަންކަމާއެކު މަސައްކަތް ކުރަމުންދާ އެ އޮތޯރިޓީ ހިންގުމުގެ ބާރުތައް ސަރުކާރަށް ޖަމާވެގެންދާނެއެވެ.
ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ އިންތިޚާބުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީގެ ބަދަލު ހިފުމުގެ ގޮތުން ކުރާ ކަމެކެވެ. އިދިކޮޅު ފަރާތްތަކުން ގިނަ ގޮނޑިތަކެއް ކާމިޔާބު ކޮށްފައިވާ ދަނޑިވަޅެއްގައި، ކައުންސިލްތަކަށް އޮންނަ ބާރުތައް ހަނިކޮށް، އެލް.ޖީ.އޭ މެދުވެރިކޮށް ކައުންސިލަރުންނަށް ފިއްތުއްތަން ކުރިމަތިކުރުމަށް މި ބަދަލުގެ ސަބަބުން ފަހިވެގެންދާނެއެވެ.
މި ނޫހަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވާގޮތުން، ލޯކަލް ގަވަރމަންޓް އޮތޯރީޓީގެ ހުރިހާ މުވައްޒަފުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް މި އިސްލާހާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ޕެޓިޝަނެއް ހުށައަޅާފައެވެ.
މި އިސްލާހުގެ ސަބަބުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ކައުންސިލްތަކުން ނިންމާ މިނިވަން ނިންމުންތަކަށް ސަރުކާރުން ހުރަސް އެޅުމުގެ ފުރުސަތު ބޮޑުވެ، ރަށްރަށުގެ ތަރައްގީގެ ހަރަކާތްތައް ރޭވުމުގައި ރައްޔިތުންގެ އަޑު ކެޑި މައި ސަރުކާރުގެ މުށުގެ ތެރެއަށް ވަންނާނެ ކަމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.








