މިއުޅެނީ ފުުޓުބޯޅަ ވިިއްކާލާކަށް ނޫން، ދުވަހަކު ވެސް ފުޓުބޯޅަ ވިއްކާ ނުލާނަން: ފީފާ
31 ޖުލައި 2026 | ހުކުރު 05:38ފީފާ އިން ބުނި ގޮތުގައި އެފްއެފްއީ އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ފީފާގެ 211 މެންބަރު އެސޯސިއޭޝަތަކަށް ފުޓުބޯޅައިގެ ވިޔަފާރީގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުން. އަދި މިއީ ފުޓުބޯޅަ ވިއްކާލުން ނޫން ކަމަށާއި، ފުޓުބޯޅަ ވިއްކާލުމަކީ ފީފާ އިން ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން ކަމަށް އެ އިދާރާ އިން ބުނެފައިވޭ


ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ | ރޮއިޓާސް
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން އަލަށް އުފެއްދުމަށް ހުށަހަޅާފައިވާ ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފްއެފްއީ)އާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް އިޙުތިރާމް ކުރާ ކަމަށާއި، އެކަމުގައި މެންބަރު ޤައުމުތަކުގެ މެދުގައި ހުޅުވާލެވިފައިވާ ޑިމޮކްރެޓިކް މަޝްވަރާ ލތަކެއް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ފީފާ އިން ދީފި އެވެ.
ފީފާ އިން މިކަން ހާމަކުރީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން މީޑިއާތަކުގައި މި މަޝްރޫއާ ގުޅޭ ގޮތުން ފެތުރެމުންދާ މައުލޫމާތުތަކާ ގުޅިގެން، އެކި ކޮންފެޑަރޭޝަންތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ރައްދު ދެމުންނެވެ.
ފީފާ އިން ބުނި ގޮތުގައި އެފްއެފްއީ އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ފީފާގެ 211 މެންބަރު އެސޯސިއޭޝަތަކަށް ފުޓުބޯޅައިގެ ވިޔަފާރީގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުމެވެ. އަދި މިއީ ފުޓުބޯޅަ ވިއްކާލުން ނޫން ކަމަށާއި، ފުޓުބޯޅަ ވިއްކާލުމަކީ ފީފާ އިން ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން ކަމަށް އެ އިދާރާ އިން ބުނެފައިވެ އެވެ.
މީގެ އިތުރުން، މީޑިއާތަކުގައި ފެތުރިފައިވާ ނުރަނގަޅު ރިޕޯޓުތަކުގެ ސަބަބުން ކުރިން ރޭވިފައި އޮތް މަޝްވަރާގެ މަރުހަލާ އަށް ބުރޫ އަރާފައިވާ ކަމަށާއި، ނަމަވެސް ކޮންމެ މެންބަރު ގައުމަކަށް ވެސް ހަގީގަތުގެ މައްޗަށް ބިނާކޮށް ވޯޓު ދިނުމުގެ ފުރުސަތު ކަށަވަރު ކޮށްދޭނެ ކަމަށް ފީފާ އިން ބުނެ އެވެ.
މި ހުށަހެޅުމުގެ ދަށުން ފީފާގެ ވިޔަފާރި އަދި އޮޕަރޭޝަނަލް ހަރަކާތްތައް ހިންގާނީ ފީފާގެ ފުރިހަމަ ކޮންޓްރޯލް އޮންނަ، އެ އިދާރާގެ ދަށުން ހިންގާ ވަކި ކުންފުންޏެއްގެ ގޮތުގައި އެވެ. މީގެ ސަބަބުން އުފެދޭ މާލީ މަންފާ ހުރިހާ މެންބަރު ގައުމުތަކެއްގެ މެދުގައި ހަމަހަމަ އަށް ބެހިގެންދާނެ އެވެ. އެގޮތުން މި ހުށަހެޅުމަށް ތާއީދު ކުރިޔަސް ނުވަތަ ނުކުރިޔަސް، ކުރިއަށް އޮތް 2027 އިން 2030 އަށް ކޮންމެ މެންބަރު އެސޯސިއޭޝަން އަކަށް 20 މިލިއަން އެމެރިކާ ޑޮލަރުގެ "ފީފާ ފޯވާޑް ޑިވެލޮޕްމަންޓް" ފަންޑިންއެއް ލިބޭނެ ކަމަށް ފީފާ އިން މައުލޫމާތު ދީފައިވެ އެވެ.
މީގެ އިތުރުން "ފީފާ ފާސްޓް ފޯވާޑް ޕްރޮގްރާމް" ގެ ދަށުން ކޮންމެ ގައުމަކަށް އިތުރު 20 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވެސް ވަނީ ހުށަހަޅާފައި އެވެ. މިއީ ބޭރުގެ އިންވެސްޓްމަންޓުތައް މެދުވެރިކޮށް ހޯދާ ފައިސާ ކަމަށާއި، މިކަމުގެ ސަބަބުން ފީފާގެ ހިންގުމުގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަކީ ކޮންމެ ގައުމަކަށް ވެސް އިޚުތިޔާރީ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ފީފާ އިން ބުނި ގޮތުގައި އެފްއެފްއީ އުފެއްދޭނީ މެންބަރު ގައުމުތަކުގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އަދި މިހާރު ހުށަހަޅާފައިވާ ކަންކަމަކީ މަޝްވަރާގެ ފެށުމެއް ކަމަށާއި، މެންބަރު ގައުމުތަކަށް މި ހުށަހެޅުން ބަލައިގަތުމުގެ ނުވަތަ ބޭރު ކޮށްލުމުގެ ނުވަތަ އިސްލާހު ކުރުމުގެ ފުރިހަމަ ބާރު އޮންނާނެ އެވެ. އެއްވެސް ވަކި ޖަމާއަތަކަށް 211 މެންބަރު ގައުމުގެ ފަރާތުން ވާހަކަ ނުދެއްކޭނެ ކަމަށާއި، ކޮންމެ ގައުމަކަށް ވެސް އަމިއްލަ މުސްތަގުބަލު ކަނޑައެޅުމުގެ ޑިމޮކްރެޓިކް ހައްގު ލިބިގެންވާ ކަމަށް ފީފާ އިން ވަނީ ބުނެފައި އެވެ.










