ނައިފަރަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި 26 ވައުދުގެ ތެރެއިން އެއްވެސް މަޝްރޫއެއް ނުހިނގާ: އަބްދުﷲ ރަޝީދު
30 ޖުލައި 2026 | ބުރާސްފަތި 07:14ރިޔާސީ އިންތިޚާބުގައި ނައިފަރުގެ ތަރައްގީއަށް ވެވަޑައިގެންނެވި 26 ވައުދުގެ ތެރެއިން އެއްވެސް ކަމެއް އަމަލީ ގޮތުން ނުފެންނާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައި. އެގޮތުން ބިން ހިއްކުމާއި މަގުހެދުމުގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި


ރައީސް ޑރ.މުހައްމަދު މުއިއްޒު ޅ.ނައިފަރަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ރައީސް މުއިއްޒު ޅ. ނައިފަރަށް ވެވަޑައިގެންނެވި ބޮޑެތި ވައުދުތަކުގެ ތެރެއިން އެއްވެސް ކަމެއް އަމަލީ ގޮތުން ނުފެންނަ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ 'ވައުދުނާމާ' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އޭނާ ވަނީ ސަރުކާރުގެ ތަރައްގީގެ ދުވެއްޔާމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ، ރިޔާސީ ކެމްޕެއިންގެ ތެރޭގައި ނައިފަރުގެ ތަރައްގީއަށްޓަކައި ޖުމްލަ 26 ބޮޑު ވައުދެއް ސަރުކާރުން ވެފައިވާ ކަމަށެވެ.
މީގެ ތެރޭގައި ރަށުގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާއި، ބައެއް ކުދިކުދި އަޕްގްރޭޑިންގ މަސައްކަތްތައް ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް، ސަރުކާރުގެ ދައުރުގެ ތިން އަހަރު ކައިރިވަމުން އަންނައިރު، ފެންނަން އޮތީ ހަމައެކަނި ބިން ހިއްކުމަށް އެޅި ވެލިކޮޅު އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
ނައިފަރުގެ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭގޮތުން އަބްދުﷲ ރަޝީދު ވިދާޅުވީ، 45 ހެކްޓަރުގެ ބިން ހިއްކުމަށް އެޅި ވެލިގަނޑު މިހާރު ހުޅަނގު މޫސުމުގެ ގަދައިގައި ގިރަމުންދާ ކަމަށެވެ.
އެ އެޅި ވެލިން ހަމަ ތިން ބައިކުޅަ އެއްބަޔާ ގާތަށް މިހާރު އެދަނީ ގިރަމުން. ނައިފަރުގެ ވެލިގަނޑު ހިމާޔަތްކުރަން ގެނެސްފައި ހުރި ހުރިހާ އެއްޗެއް އެއް ރަށުން އަނެއް ރަށަށް ބަދަލުކުރަމުންދާކަން އެނގެނީއަބްދުﷲ ރަޝީދު
މީގެ އިތުރުން، ނައިފަރުގެ މަގު ހެދުމުގެ މަޝްރޫއު ވެސް އޮތީ ހުއްޓިފައި ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.
އެގޮތުން އެންމެ މަގެއްގެ އެއްފަރާތުގައި ހޮޅިތަކެއް ވަޅުލުމަށްފަހު، އެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނައިފަރަކީ 7,000 އަށްވުރެ ބޮޑު އާބާދީއެއް އޮތް ރަށެއްކަން ފާހަގަކުރައްވައި، އަބްދުﷲ ރަޝީދު ވިދާޅުވީ މި ސަރުކާރު ގެނައުމަށް ނައިފަރުގެ 67 އިންސައްތަ ރައްޔިތުން ވޯޓު ދީފައިވާ ކަމަށެވެ. ސަރުކާރުން ތަރައްގީގެ އެންމެ މުހިންމު 7 ރަށުގެ ތެރޭގައި ނައިފަރު ހިމެނި ނަމަވެސް، އަމަލީ ގޮތުން އެއްވެސް ތަރައްގީއެއް ނުފެންނާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.










