ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް އީރާނަށް ތާއީދުކުރާ އިރާގުގެ ޖަމާއަތަކުން ޑްރޯން ހަމަލާތަކެއް ދީފި
27 ޖުލައި 2026 | ހޯމަ 15:35ޢިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ މިލިޝިއާތަކުން ސައުދީގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް ދިން ޑްރޯން ހަމަލާތަކާ ގުޅިގެން، އަމިއްލަ ދިފާއުގައި ރައްދު ހަމަލާ ދިނުމުގެ ހައްގު އެ ގައުމަށް ލިބިގެންވާ ކަމަށް ސައުދީ ދިފާއީ ވުޒާރާއިން ބުނެފި. މި ނުރައްކާތެރި ހަމަލާތައް ކުށްވެރިކޮށް، ޢިރާގުގެ ސަރަހައްދަކީ ސައުދީއާ ދެކޮޅަށް ހަމަލާދޭ ތަނަކަށް ވިޔަނުދިނުމަށް އެ ގައުމުގެ ސަރުކާރަށް ސައުދީން ވަނީ ގޮވާލާފައި

ސައުދީ އަރަބިއްޔާގެ ގައުމީ ދިދަ | ގެޓީ އިމޭޖަސް
ޢިރާގުގެ ތެރެއިން އީރާނަށް ތާއީދުކުރާ ހަތިޔާރުއެޅި ޖަމާއަތްތަކުން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ފޮނުވާލި ބައެއް ޑްރޯންތައް، އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވައި ގޮއްވާލާފައިވާ ކަމަށް ސައުދީ ދިފާއީ ވުޒާރާއިން ހޯމަ ދުވަހު ބުނެފި އެވެ.
ސައުދީ ދިފާއީ ވުޒާރާގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް މާލިކީ ވިދާޅުވީ، ފާއިތުވި މަދު ގަޑިއިރުތަކުގެ ތެރޭގައި އެ ޑްރޯންތައް ބޭނުންކޮށްގެން ހަމަލާދޭން މަސައްކަތްކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ އިރުމަތީ ޕްރޮވިންސާއި ރިޔާޟް ސަރަހައްދުގައި ހުރި ތެޔޮ އުފައްދާ މަރުކަޒުތަކަށް ކަމަށެވެ.
މި ހަމަލާތަކަކީ ޢިރާގުގެ ސަރަހައްދުގައި ހަރަކާތްތެރިވާ "އީރާނަށް ތާއީދުކުރާ ޓެރަރިސްޓް މިލިޝިއާތަކުން" ދީފައިވާ ހަމަލާތަކެއް ކަމަށް އަލް މާލިކީ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އަމިއްލަ ދިފާއުގައި ފިޔަވަޅު އެޅުމުގެ ގާނޫނީ ހައްގު ސައުދީ އަރަބިއްޔާއަށް ލިބިގެންވާ ކަމަށާއި، އެ ގައުމުން ބޭނުންވާ ވަގުތެއްގައި އަދި ބޭނުންވާ ތަނަކަށް މި ހަމަލާގެ ރައްދު ދިނުމުގެ އިޚުތިޔާރު އެބައޮތް ކަމަށެވެ.
މިކަމާ ގުޅިގެން ސައުދީ ޚާރިޖީ ވުޒާރާއިން ނެރުނު ވަކި ބަޔާނެއްގައި، ޑްރޯން ބޭނުންކޮށްގެން ދިން މި ނުރައްކާތެރި ހަމަލާތައް ކުށްވެރިކޮށްފައިވެ އެވެ. އަދި ގައުމުގެ ސަލާމަތާއި އިސްތިގުލާލު ރައްކާތެރިކުރުމަށާއި، "އިސްތިއުމާރުކުރާ ފަރާތްތައް ހުއްޓުވުމަށް" ސައުދީން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް އެ ބަޔާނުގައި ތަކުރާރުކޮށްފައިވެ އެވެ.
މީގެ އިތުރުން، ހަމަލާ އައި ދިމާލަކަށް ރައްދު ހަމަލާ ދިނުމުގެ ހައްގު ސައުދީ އަރަބިއްޔާއަށް އޮތްކަން ފާހަގަކޮށް، ޢިރާގުގެ ސަރަހައްދަކީ ސައުދީއާ ދެކޮޅަށް ހަމަލާދޭ ތަނަކަށް ވިޔަނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް އެ ގައުމުގެ ޚާރިޖީ ވުޒާރާއިން ޢިރާގު ސަރުކާރަށް ގޮވާލާފައިވެ އެވެ.










