ޔަމަނުގެ ހޫޘީން ސައުދީގެ ތެޔޮ މަރުކަޒުތަކަށް ޑްރޯން ހަމަލާދީފި
27 ޖުލައި 2026 | ހޯމަ 15:55ސައުދީ އަރަބިއްޔާގެ ތެޔޮ ސާފުކުރާ އެންމެ ބޮޑު މަރުކަޒަށާއި ދެ ބޯޓަކަށް ޑްރޯން އަދި މިސައިލުން ހޫޘީން ހަމަލާތަކެއް ދީފި. ޔަމަނުގެ ހިސާރު ދެމިއޮތްހާ ހިނދަކު ސައުދީއާ ގުޅުންހުރި ކަނޑުގެ ދަތުރުފަތުރުތައް މަނާކުރަން ނިންމައި، ހަމަލާތައް އިތުރަށް ވަރުގަދަވާނެ ކަމުގެ އިންޒާރުވެސް ހޫޘީން ވަނީ ދީފައި

ސައުދީ އަރަބިއްޔާގެ އަބްގަައިގްގައި ހުންނަ ސައުދީ އަރަމްކޯގެ ތެޔޮ ސާފުކުރާ ކާރުޚާނާއަށް ދިން ޑްރޯން ހަމަލާތަކާ ގުޅިގެން، އެ ތަނުގެ ޓޭންކްތަކަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް 2019 ސެޕްޓެމްބަރު 20 ވާ ހުކުރު ދުވަހު މުވައްޒަފުން ކުރަމުންދަނީ (ފައިލް) | ގެޓީ އިމޭޖަސް
ޔަމަނުގެ އަސްކަރީ ބާރުތަކުން ސައުދީ އަރަބިއްޔާގެ ހަކަތަ އުފައްދާ މުހިންމު މަރުކަޒުތަކަކަށް އަމާޒުކޮށް ސިލްސިލާ ހަމަލާތަކެއް ދީފި ކަމަށް ހޫޘީން ބުނެފި އެވެ. ތެޔޮ ރައްކާކުރާ ގުދަންތަކަށާއި ތެޔޮ ހޮޅިތަކަށް އަމާޒުކޮށް ދިން މި ހަމަލާތަކަކީ، ސައުދީ އިސްވެ އޮވެ ޔަމަނަށް ދެމުންދާ އަސްކަރީ ހަމަލާތަކާއި، އެ ގައުމު ބަންދުކޮށްފައި އޮތް އޮތުމުގެ ބަދަލުހިފުމުގެ ގޮތުން ދީފައިވާ ހަމަލާތަކެއް ކަމަށް ބުނެފައިވެ އެވެ.
ޔަމަނުގެ ހޫޘީންގެ އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސަރީއު ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސައުދީ އަރަބިއްޔާގެ އިރުމަތީ ސަރަހައްދުތަކުން ޔަންބޫ ބަނދަރަށް ސާފުނުކުރާ ތެޔޮ އުފުލުމާއި ސަޕްލައި ކުރުމާ ގުޅުންހުރި މުހިންމު މަރުކަޒުތަކަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މި ހަމަލާތަކަކީ ސައުދީގެ ޑްރޯންތަކުން ޔަމަނުގެ ވައިގެ ސަރަހައްދަށް ވަދެ ދެމުންދާ ހަމަލާތަކަށް ދިން ރައްދެއް ކަމަށެވެ.
ނަމަވެސް، މި ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
އާންމުވެފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި، ސައުދީ އަރަބިއްޔާގެ ދެކުނުގައި ހުންނަ އަބްގަައިގް ތެޔޮ މަރުކަޒުން ބޮޑެތި ދުންތަކެއް އަރަމުންދާއިރު، އެތަނުގައި ވަނީ ބޮޑު އަލިފާންގަނޑެއް ރޯވެފަ އެވެ. މި މަރުކަޒަށް ހަމަލާދީފައިވަނީ އަމިއްލައަށް ގޮވާ "ކަމިކާޒޭ" ޑްރޯންތަކާއި މިސައިލް ބޭނުންކޮށްގެންނެވެ.
ޔަމަނުގެ ހޫޘީން ބުނެފައިވަނީ ސައުދީގެ ތެރޭގައި ހުރި ތެލުގެ ވަސީލަތްތަކަށް ހަމަލާދީފައިވާ ކަމަށް
ސައުދީ ސަރުކާރުގެ ތެޔޮ ކުންފުނި، ސައުދީ އަރަމްކޯއިން ހިންގާ އަބްގަައިގް ތެޔޮ ސާފުކުރާ ކާރުޚާނާއަކީ، ހުރްމުޒް ކަނޑުއޮޅި ބޭނުންނުކޮށް، ރަތް ކަނޑުގައި އޮންނަ ޔަންބޫ ޓާމިނަލަށް ތެޔޮ ފޯރުކޮށްދިނުމަށް ބޭނުންކުރާ މުހިންމު މަރުކަޒެކެވެ.
މި މަރުކަޒަކީ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ އަދި ރައްކާކުރާ ވަސީލަތްތައް ހުރި ތަނެވެ. އަދި މިއީ މުޅި ދުނިޔެއަށް ބޭނުންވާ ތެލުގެ ގާތްގަނޑަކަށް 5 އިންސައްތަ ސަޕްލައިކޮށްދޭ ތަނެއްވެސް މެއެވެ.
މި ހަމަލާތައް ދީފައި މިވަނީ، ރަތް ކަނޑުން ދަތުރުކުރަމުންދިޔަ ސައުދީގެ ތެޔޮ އުފުލާ ދެ ބޯޓަކަށް ހަމަލާދީފައިވާ ކަމަށް ޔަމަނުގެ ހޫޘީން ބުނިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ.
ބުދަ ދުވަހު ޔަހްޔާ ސަރީއު ވިދާޅުވީ، "އެންސެލިއާ" އަދި "ލައިލާ" ނަމަކަށް ކިޔާ ސައުދީގެ ދެ ތެޔޮ ބޯޓަށް ހަމަލާދިނީ، ޔަމަނުގެ އަސްކަރިއްޔާއިން ކަނޑުދަތުރުފަތުރު ކުރުމާ މެދު ނިންމާފައިވާ ނިންމުންތަކާ އެ ބޯޓުތަކުން ޚިލާފުވުމުން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، މި އޮޕަރޭޝަނަކީ ވޭތުވެދިޔަ 12 އަހަރު ވަންދެން ސައުދީން ޔަމަނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ބޭއިންސާފު އަދި އަނިޔާވެރި ހިސާރު ކަނޑުވާލުމަށް ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ހަމަލާތަކުގެ ބޭނުމަކީ "ހިސާރަކަށް ހިސާރެއް" މި އުސޫލު ކަށަވަރުކުރުމާއި، ސައުދީ އާއި އެމެރިކާގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމުގެ ހައްގު ޔަމަނަށް އޮތްކަން ހާމަކުރުމެވެ. އަދި ޔަމަނުގެ މުއްސަނދިކަމާއި ގާނޫނީ ހައްގުތައް އަނބުރާ ހޯދުމަކީ އެ ގައުމުގެ ހައްގެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހޫޘީން ހޯމަ ދުވަހު ވަނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށް "ކަނޑުގެ މަގުން ހިސާރުކުރުމުގެ" އަމުރެއް ވަގުތުން ހިންގަން ފަށާފައިވާކަން އިއުލާންކޮށްފަ އެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސަރީއު ވިދާޅުވީ، ސައުދީ އަރަބިއްޔާއާ ގުޅުންހުރި ކަނޑުގެ ދަތުރުފަތުރުތައް މަނާކުރުމުގެ ނިންމުމަށް، އެ ބަޔާން ނެރުނު ވަގުތުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
އަދި ސައުދީ އަރަބިއްޔާއިން ހަމަލާތައް އިތުރަށް ވަރުގަދަކޮށްފިނަމަ، އޭގެ ރައްދުގައި ވަރަށް ވަރުގަދަ އަދި ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފަ އެވެ.










