'މެސޮޕޮޓޭމިއާގެ ސިންގާ': ހިތާމަވެރި ހާދިސާތަކަކަށް ފަހު އައިމަން ހުސައިން ވޯލްޑް ކަޕާ ހަމައަށް ދަތުރުކުރި ގޮތް
އާއިލީ ބޮޑެތި ހިތާމަތަކަކާއި ދަތި އުނދަގޫތަކެއް ތަހައްމަލުކުރި އިރާގުގެ ފޯވާޑް އައިމަން ހުސައިން، އޭނާގެ ބައްޕަ މަރާލައި ބޮޑުބޭބެ ވަގަށް ނެގި ނަމަވެސް މަންމަގެ ހިތްވަރާއެކު ފުޓްބޯޅައިން ބޮޑު ކާމިޔާބީއެއް ވަނީ ހޯދާފައި. ގައުމީ ޓީމަށް މުހިންމު ކާމިޔާބީތަކެއް ހޯދައިދީފައިވާ އައިމަން މިހާރު ތައްޔާރުވަމުންދަނީ 40 އަހަރަށް ފަހު އިރާގު ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ މުބާރާތުގައި ގައުމަށް ރީތި ނަމެއް ހޯދައިދިނުމަށް. 'މެސޮޕޮޓޭމިއާގެ ސިންގާ' ގެ ނަމުން މަޝްހޫރު މި ކުޅުންތެރިޔާއަކީ މިހާރު އިރާގުގެ އެންމެ އަގުބޮޑު އަދި ސަޕޯޓަރުންގެ އެންމެ ބޮޑު އުއްމީދާ ގުޅިފައިވާ ތަރި.

އައިމަން ހުސައިން. | ގެޓީ އިމޭޖަސް
އިރާގުގެ ސެންޓަރ-ފޯވާޑް އައިމަން ހުސައިން ވޯލްޑް ކަޕާ ހަމައަށް ކުރި ދަތުރަކީ ދިގު އަދި ބުރަ މަސައްކަތްތަކެއް އެކުލެވޭ ދަތުރެކެވެ. މެކްސިކޯގައި ބޭއްވި ކޮލިފައިންގައި ބޮލީވިއާ ކޮޅަށް އޭނާ ޖެހި މޮޅުވި ލަނޑާއެކު، ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިރާގު ވަނީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީފައެވެ.
އުމުރުން އެންމެ 12 އަހަރުގައި އޭނާގެ ރަށު ޓީމަށް ފުޓްބޯޅަ ކުޅެމުން ދަނިކޮށް، އާއިލާ ދިރިއުޅޭނެ ގެއެއް އެޅުމަށް ބޭނުންވާ ސާމާނު ގަންނަން ގޮސް އުޅުނު އޭނާގެ ބައްޕަ ވަނީ ވަރަށް ރަހުމްކުޑަ ގޮތަކަށް މަރާލާފައެވެ. އޭގެ މަދު އަހަރުތަކެއް ފަހުން، އޭނާގެ ބޮޑުބޭބެއަކު ވަނީ ވަގަށް ނަގާފައެވެ. އެ ހާދިސާއަށް ފަހު މިއަދާ ހަމައަށް ވެސް އޭނާގެ އެއްވެސް ޚަބަރެއް ވެފައެއް ނުވެއެވެ.
"އަހަރެން ނިންމީ އާއިލާ ބެލެހެއްޓުމަށްޓަކައި ފުޓްބޯޅަ ކުޅުން ހުއްޓާލަން. އެކަމަކު އަހަރެންގެ މަންމަ އެކަމާ ދެކޮޅު ހެދި،" އިންޓަވިއުއެއްގައި ހުސައިން ބުންޏެވެ.
"މަންމަ އެދުނީ އަހަރެން ކުޅުން ކުރިއަށް ގެންދިއުމަށް."
އޭނާގެ މަންމަ ބުނީ: "ތިއީ ދަރިފުޅުގެ ހުވަފެން. އެކަން އަހަންނަށް އެނގޭ. އަދި އެ ހުވަފެން ހަގީގަތަކަށް ހަދަން ޖެހޭނެ."
އޭގެ ފަހުން އޭނާ ހުރީ އެ ހުވަފެނުގައި ވަރުގަދައަށް ހިފަހައްޓައިގެންނެވެ.
ބޮޑެތި ހިތާމަތަކަކާއި ދަތި އުނދަގޫތަކެއް
1996 ވަނަ އަހަރު އިރާގުގެ މެދުތެރޭގެ އުތުރުގައި އޮންނަ އަލް-ހަވީޖާ ޑިސްޓްރިކްޓްގެ އަލް-ސަފްރާ އަވަށަށް އުފަންވި ހުސައިން ބޮޑުވީ ދަނޑުވެރިކަމާއި ކަންބަޅި ގެންގުޅެގެން އާމްދަނީ ހޯދި އާއިލާއެއްގައެވެ.
އޭނާގެ ހަޔާތަށް ހިތާމަވެރިކަން ކުރިމަތިވީ 2008 ވަނަ އަހަރުއެވެ. އިރާގު ސިފައިންގެ ތެރޭގައި މަސައްކަތް ކުރި އޭނާގެ ބައްޕަ މަރާލީ، އެ ދުވަސްވަރު ކިރްކޫކް އަދި އެ ސަރަހައްދުގެ ކޮންޓްރޯލް އޮތް އަލް-ގައިދާ ޖަމާއަތުންނެވެ.
"އަހަރެމެން އަލަށް އިމާރާތްކުރާ ގެއަށް ބޭނުންވާ ބައެއް ސާމާނު ގަންނަން ބައްޕަ ދިޔައީ. އޭގެ މަދު ގަޑިއިރުތަކެއް ފަހުން އަހަރެމެންނަށް ފޯނެއް އައީ ބައްޕަ މަރާލައިފި ކަމަށާއި، ހަށިގަނޑު އޮތީ ހޮސްޕިޓަލުގައި ކަމަށް ބުނެ."
އޭނާގެ ބައްޕަ މަރާލާފައިވަނީ ސީދާ މެޔަށް ބަޑިޖަހައިގެންނެވެ. "ފުރަތަމަ އަހަރެމެންނަށް އެކަން ގަބޫލެއް ނުކުރެވުނު. އެކަމަކު ހޮސްޕިޓަލަށް ދިޔައިރު ބައްޕަގެ ފުރާނަ ނެތް މަސްގަނޑު އޮތީ އެތަނުގައި. އެއީ އަހަރެމެން އެންމެންނަށް ލިބުނު ވަރަށް ބޮޑު ސިހުމެއް." އެ އަވަށުން އެހެން ތަނަކަށް ބަދަލުވުމަށް ހުސައިން އާއިލާގެ ކިބައިން އާދޭސްކުރިއެވެ. ނަމަވެސް ބައްޕަ މަރާލުމުން އިރާގު ސިފައިންގެ ތެރެއަށް ގުޅުނު އޭނާގެ ބޮޑުބޭބެ އެކަމަށް އިންކާރު ކުރިއެވެ.
އެހެންކަމުން، ފިލައިގެން ދިއުމުގެ ބަދަލުގައި ހުސައިން ގުޅުނީ އިރާގުގެ ޒުވާން ފުޓްބޯޅަ ޓީމާއެވެ. އޭގެ އަހަރުތަކެއް ފަހުން ތުރުކީގައި އޮތް ތަމްރީނު ކޭމްޕަކަށް ފަހު އެނބުރި އައިއިރު، އޭނާއަށް އެނގުނީ އައިއެސް (އައިސިސް) ޖަމާއަތުން އެ ސަރަހައްދު ހިސާރުކޮށްފައި އޮތް ދުވަސްވަރު އޭނާގެ ބޮޑުބޭބެ ވަގަށް ނަގާފައިވާ ކަމެވެ.
"އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް އަހަރެމެންނަށް ލިބިފައެއް ނުވޭ،" އޭނާ ބުންޏެވެ.
'އަހަރެން ހުރީ ހިލޭ ސާބަހަށް ކުޅެން ވެސް ތައްޔާރަށް'
މި ހިތާމަވެރި ހާދިސާތަކުގެ ތެރޭގައި ވެސް، ހުސައިންގެ ފުޓްބޯޅަ ކެރިއަރު ދިޔައީ ކުރިއަށެވެ.
2012 ވަނަ އަހަރަކީ އޭނާގެ ހަޔާތުގެ ބޮޑު ބަދަލެއް އައި އަހަރެކެވެ. އެއީ އިރާގުގެ ކުރުދިސްތާން ސަރަހައްދުގެ އިރާގު ސްޓާސް ލީގުގައި ކުޅޭ ދޮހުކް ފުޓްބޯޅަ ކްލަބުން އޭނާ ފާހަގަކުރި އަހަރެވެ.
ހުސައިން އެ ކްލަބާއެކު އެއްބަސްވުމުގައި ސޮއިކުރީ 18 މިލިއަން އިރާގު ދީނާރު (14,000 ޑޮލަރު) އަށެވެ. އަދި މަހު މުސާރައަކަށް ލިބެނީ 1.2 މިލިއަން އިރާގު ދީނާރު (920 ޑޮލަރު) އެވެ.
"ތެދަށް ބުނަންޏާ، އަހަރެން ހުރީ ހިލޭ ސާބަހަށް ކުޅެން ވެސް ތައްޔާރަށް،" އޭނާ އެ ދުވަސްތައް ހަނދާން ކުރަމުން ބުންޏެވެ. "އެ ދުވަސްވަރު އިރާގުގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއެކު ކުޅެން ލިބުމަކީ އަހަންނަށް ކިހާ ބޮޑު ކަމެއްކަން އެއްވެސް މީހަކަށް ތަސައްވަރު ނުކުރެވިދާނެ. ދޮހުކް ޓީމަށް ކުޅުމަކީ އެ ދުވަސްވަރު އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު ހުވަފެން."
އޭގެ 18 މަސް ފަހުން އޭނާ ބަޣުދާދަށް ބަދަލުވެ، އަލް-ޝޯޓާ، އަލް-ތަލަބާ އަދި އަލް-ޒައުރާ ފަދަ އިރާގު ސްޓާސް ލީގުގެ ޓީމުތަކަށް ކުޅެ، ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދިއެވެ. އެންމެ ފަހުން އޭނާ ކުޅުނީ ގަތަރުގެ އަލް ޚޯރު ކްލަބަށެވެ. ނަމަވެސް މިހާރު ވަނީ އަލުން އިރާގަށް ބަދަލުވެ އަލް ކަރްމާ ޓީމާ ގުޅިފައެވެ.
ޚަބަރުތައް ބުނާ ގޮތުގައި 1 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން އޭނާ ވެފައިވަނީ އިރާގުގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާއަށެވެ.
މި ހުރިހާ ކާމިޔާބީއެއްގެ ތެރޭގައި ވެސް، އޭނާގެ ބައްޕަ އާއި ބޮޑުބޭބެގެ ހަނދާންތައް އަބަދުވެސް ހިތުގައި ބަހައްޓާ ކަމަށް ހުސައިން ބުނެއެވެ.
"އަހަރެން އަބަދުވެސް ހިތައް އަރަނީ އަހަރެންގެ ބައްޕަ އާއި ބޮޑުބޭބެ ދުނިޔޭގައި ތިބި ނަމައޭ. އަހަރެން ހޯދި ކާމިޔާބީތައް ދެކެން އެމީހުން ތިބި ނަމަ އަދި މި އުފާވެރި ވަގުތުތަކުގައި ބައިވެރިވި ނަމައޭ ހިތަށް އަރާ."
އޭނާގެ ކެރިއަރުގައި ފާހަގަކޮށްލެވޭ ބައެއް މުހިންމު ވަގުތުތައް އޭނާ ހަނދާން އާކުރިއެވެ.
2016 ވަނަ އަހަރު ދޯހާގައި ބޭއްވި އޭއެފްސީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ތިންވަނަ ހޮވި މެޗުގައި ގަތަރު ބަލިކޮށް، ރިއޯ ޑި ޖެނީރޯ އޮލިމްޕިކްސްގެ ފަހު ޖާގަ އިރާގަށް ހޯދައިދިނީ އިތުރު ވަގުތުގައި އޭނާ ޖެހި ދެވަނަ ލަނޑުންނެވެ.
2023 ވަނަ އަހަރު ބޭއްވި 25 ވަނަ އަރަބި ގަލްފް ކަޕްގައި އޭނާ ވަނީ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އޭނާ ޖެހި ތިން ލަނޑާއެކު އިރާގުން ވަނީ އެ މުބާރާތުގެ ތަށި އުފުލާލާފައެވެ.
2024 ވަނަ އަހަރު، ޕެރިސް އޮލިމްޕިކްސްއަށް ކޮލިފައިވުމަށް އިންޑޮނޭޝިއާ އަތުން 2-1 އިން އިރާގު މޮޅުވި މެޗުގައި ވެސް ހުސައިން ވަނީ މުހިންމު ލަނޑެއް ޖަހާފައެވެ.
މެސަޕޮޓޭމިއާގެ ސިންގާ
'މެސޮޕޮޓޭމިއާގެ ސިންގާ' ތަކުގެ ނަމުން މަޝްހޫރުވެފައިވާ އިރާގުގެ ގައުމީ ޓީމު އެންމެ ފަހުން ވޯލްޑް ކަޕަކަށް ކޮލިފައިވީ 1986 ވަނަ އަހަރުއެވެ. އެއީ ހުސައިން އުފަންވުމުގެ 10 އަހަރު ކުރިއެވެ. މިހާރު ހުރިހާ އެންމެންގެ ނަޒަރު ހުރީ އޭނާއަށެވެ. ސަޕޯޓަރުން އުއްމީދު ކުރަނީ އޭނާގެ އެހީތެރިކަމާއެކު މުބާރާތުގައި ވީހާވެސް ދުރަށް އިރާގު ގެންގޮސްދޭނެ ކަމަށެވެ.
"އައިމަންއަކީ ތައާރަފަކަށް ބޭނުންވާނެ ނަމެއް ނޫން. އޭނާގެ ހުނަރު ފާހަގަ ވަނީ ހަމައެކަނި އިރާގަކު ނޫން، މުޅި ސަރަހައްދާއި އަރަބި ފުޓްބޯޅައިގައި ވެސް އޭނާގެ ފެންވަރު ސާބިތުކޮށްދީފި،" އިރާގުގެ ގޯލްކީޕަރު އަދި ވައިސް ކެޕްޓަން ޖަލާލް ހަސަން އަލްޖަޒީރާއަށް ބުންޏެވެ.
"އޭނާއަކީ ފެންވަރު ރަނގަޅު ސްޓްރައިކަރެއް. ޓީމަށް އޭނާގެ ބޭނުން ވަރަށް ބޮޑަށް ޖެހޭނެ. ވޯލްޑް ކަޕްގައި އޭނާ ހުރުމަކީ ބޮޑު ތަފާތެއް ފެންނާނެ ކަމެއް. އަހަރެމެން އޭނާގެ ފަރާތުން ވަރަށް ބޮޑު އުއްމީދެއް ކުރަން."
ގްރޫޕް 9 ގައި ފްރާންސް، ސެނެގާލް އަދި ނޯވޭއާއެކު ހިމެނުމުން، އިރާގަށް މުބާރާތުގެ ފެށުމުން ވެސް ކުރިމަތިލާން ޖެހޭނީ ވަރުގަދަ ވާދަވެރިކަމަކާއެވެ.
އިރާގުގެ ކުރީގެ ކެޕްޓަން އަދި ގައުމީ ޓީމަށް 78 ލަނޑު ޖަހައިދީފައިވާ ހުސައިން ސައީދު ވެސް ހުރީ އުއްމީދުގައެވެ. "ޓީމަށާއި ހުރިހާ ކުޅުންތެރިންނަށް އައިމަންގެ ނުފޫޒު ވަރަށް ބޮޑު. އޭނާއަކީ ވަރަށް ހިތްހެޔޮ އަދި މަޑުމައިތިރި މިޒާޖެއްގެ މީހެއް،" ސައީދު އަލްޖަޒީރާއަށް ބުންޏެވެ.
"އަހަރެން އުއްމީދު ކުރަނީ ކުރިއަށް އޮތް ވޯލްޑް ކަޕްގައި އޭނާގެ މި ސިފަތަކުގެ ބޭނުން ހިފައިގެން، ގްރޫޕް ސްޓޭޖަށް ވުރެ ކުރިއަށް ޓީމު ގެންގޮސްދޭނެ ކަމަށް."
އިރާގުގެ ފުޓްބޯޅަ ނޫސްވެރިއެއް ކަމަށްވާ ޒައިދު އަލްސަރާޖް ބުނީ، "އަހަރެމެން އެންމެންގެ ވެސް އުއްމީދަކީ އަހަރެމެންގެ ޓީމާއި ހުރިހާ ކުޅުންތެރިން، ޚާއްސަކޮށް 'އަބޫ ތުބާރު' (އިރާގު މީހުން ލޯބިން ހުސައިންއަށް ކިޔާ ނަން)، ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން އަދި ފަންނީ ގޮތުން ވެސް މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައި ތިބުން."
ހުސައިން އަމިއްލައަށް ބުނާ ގޮތުގައި އޭނާގެ އުއްމީދަކީ ބައެއް ސަޕޯޓަރުންނަށް މެޗުތައް ބަލަން ދެވޭނެ ގޮތްވުމެވެ. ނަމަވެސް އެއީ އުނދަގޫ ކަމަކަށް ވާނެއެވެ.
"އެމެރިކާ ވިސާ ހޯދުމަކީ ފަސޭހަ ކަމެއް ނޫން. ހަގީގަތުގައި އިރާގު މީހުންނަށް އެއީ މި ދުވަސްވަރު ގާތްގަނޑަކަށް ނުވާނެ ކަމެއް،" އިރާގުގެ ފުޓްބޯޅަ ސަޕޯޓަރެއް ކަމަށްވާ ސައިފް އަލް-ބަޔާތީ އަލްޖަޒީރާއަށް ބުންޏެވެ.
"މިއީ ހަމައެކަނި އޮތް މައްސަލައެއް ނޫން. އެންމެ ޓިކެޓެއްގެ އަގު ވެސް 3,000 ޑޮލަރަށް ވުރެ ބޮޑު. އެތަނަށް ގޮސް މަދުވެގެން ދެ ހަފްތާ ހޭދަކުރުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭނެ. ގާތްގަނޑަކަށް 15,000 ޑޮލަރަށް ވުރެ ގިނަވާނެ. މިއީ އާންމު އިރާގު ސަޕޯޓަރަކަށް ކެރިފޯރުންތެރިކަން ހުރި މިންވަރެއް ނޫން."
މަސްދަރު: އަލް ޖަޒީރާ







