އިންސާފުވެރި އިޖުރާއަތުން ބޭރުން ފަނޑިޔާރުންތަކެއް ވަކިކޮށްލީ އޭސީސީއާއި ސަރުކާރު ބައިވެރިވެގެން، ބޭނުމަކީ ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ވަކި ގޮތަކަށް ނިންމާލުން: މުއިއްޒު
27 ޖުލައި 2026 | ހޯމަ 08:13ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާ ކުރިއަށްގެންދިޔައީ އިންސާފުވެރި އިޖުރާއަތްތަކާ ޚިލާފަށް، ސަރުކާރުގެ ނުފޫޒާއެކު ކަމަށް ކުރީގެ ޕީޖީ އަޙުމަދު މުއިއްޒު ވިދާޅުވެއްޖެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ފަނޑިޔާރުންނާ ސުވާލުކުރުމެއް ނެތި އޭސީސީން މައްސަލަ ނިންމާލީ ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ވަކި ގޮތަކަށް ނިންމުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މިކަމަކީ ފަނޑިޔާރުންނަށް ބިރުދައްކައި ނުފޫޒު ފޯރުވުމަށް ހިންގި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި

ގާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ މެމްބަރު އަދި ޑްރާފްޓިންގ ކޮމިޓީގައި ވެސް ހިމެނިވަޑައިގެންނެވި އަޙުމަދު މުއިއްޒު | ރާއްޖެ އެމްވީ
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސަރުކާރު ބައިވެރިވެގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގައި އަމަލުކޮށްފައިވަނީ އިންސާފުވެރި އިޖުރާއަތްތަކުން ބޭރުން ކަމަށާއި، ބޭނުމަކީ ސަރުކާރުގެ މަސްލަޙަތު އޮތް މައްސަލައެއް ވަކި ގޮތަކަށް ނިންމުމަށް މަގުފަހި ކުރުވުންކަމަށް ގާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ މެންބަރު އަދި ޑްރާފްޓިންގ ކޮމިޓީގައި ވެސް ހިމެނިވަޑައިގެންނެވި އަޙުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މުއިއްޒު ވަނީ ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާ ކުރިއަށްދިޔަ ގޮތާ މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އަޙުމަދު މުއިއްޒު ވިދާޅުވީ، އޭސީސީއަށް ހުށަހެޅިފައިވާ މައްސަލަތަކުގައި އެންމެ ކުޑަމިނުން އެއިން ފަނޑިޔާރަކާ ސުވާލުކޮށްލާފައި ވެސް ނުވާ ކަމަށެވެ. މިފަދަ ބޮޑެތި ކަންކަން ކުރިއަށް ގެންދަންޖެހޭނީ ދެފުއް ފެންނަ، ދެފަރާތުގެ ބަސް ވެސް ހިމެނޭ ގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ނަމަވެސް މި މައްސަލައިގައި ފެނިގެންދިޔައީ އިންސާފުވެރި އިޖުރާއަތްތަކާ ޚިލާފަށް ކަންކަން ނިންމާލި މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.
ކޯޓުތަކުގެ ގާނޫނަށް ގެނެވުނު ފަސްވަނަ އިސްލާހާއި، އޭސީސީއަށް ތިން ފަނޑިޔާރަކާ ގުޅޭގޮތުން ހުށަހެޅުނު މައްސަލަތަކަކީ ވެސް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ހިންގި ކަންތައްތަކެއްގެ ގޮތުގައި މުއިއްޒު ސިފަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރަށް މުހިއްމު މައްސަލައެއް އޮތުމުން، އެ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް މަގުފަހިކުރުމަށްޓަކައި ކަންކަން ތަރުތީބު ކުރީ އެވެ.
އަދި މިކަމަކީ ސަރުކާރުގެ ބައެއް ވެރިންނާއި އޭސީސީގެ މެންބަރުން ބައިވެރިވެވަޑައިގެން ހިންގި ކަމެއްގެ ގޮތުގައި މިއަދުވެސް ދެކޭ ކަމަށް ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލްކަން ވެސް ކުރެއްވި މުއިއްޒު އިތުރަށް ވިދާޅުވި އެވެ.
އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ކޯޓުތަކުގެ ޤާނޫނަށް ގެނެވުނު 5 ވަނަ އިސްލާޙަކީވެސް، އަދި އޭސީސީއަށް އެ 3 ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅުނުކަމަށް ބުނާ މައްސަލަތަކަކީވެސް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ސަރުކާރަށް މުހިއްމު މައްސަލައެއް އޮތީމާ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ކަންކަން ތަރުތީބު ކުރުމަށްޓަކައި ކުރި ކަންތައްތަކެއް. އަދި އެކަމުގައި ސަރުކާރުގެ ބައެއް ވެރިންނާއި، އޭސީސީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވައިގެން ކުރެއްވި އަދި ކުރައްވަމުން ގެންދަވާ ކަމެއްގެ ގޮތުގައި އަޅުގަނޑު މިއަދުވެސް ދެކެނީއަޙުމަދު މުއިއްޒު
މި މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ހުށަހެޅީ ސިޔާސީ ގޮތުން ވަރަށް ނުތަނަވަސް ދަނޑިވަޅެއްގަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، ކުއްލި ގޮތަކަށް ފަނޑިޔާރުންގެ ސުލޫކީ އަދި ޖިނާއީ މައްސަލަތަކެއް ބަލަން ފެށި އެވެ.
މި މައްސަލަތައް ބަލައި ފަނޑިޔާރުން ވަކިކުރިއިރު، އެ ބޭފުޅުންނަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތެއް ދީފައި ނުވާކަން ފާހަގަކުރެވެ އެވެ. އަދި އޭސީސީން ހިންގާ ތަހުގީގާ ގުޅޭގޮތުން މީޑިއާތަކުން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.
އެންމެ ކުޑަމިނުން ފަނޑިޔާރުންނާ ސުވާލެއް ވެސް ނުކޮށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރު، މުޅި މަރުހަލާ ކުރިއަށް ގެންގޮސްފައިވަނީ ގާނޫނީ ހަމަތަކުން ބޭރުން ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.










