ޖުޑީޝަރީ ހަގީގީ މާނައިގައި މިނިވަން ކޮށްދެއްވޭނީ 2029 ގައި ކަމަށް ރައީސް ވިދާޅުވެއްޖެ!
26 ޖުލައި 2026 | އާދީއްތަ 07:44މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސުޕީރިއަރ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް 2029 އަށް ނިމުމުން ޖުޑީޝަރީ ހަގީގީ މާނައިގައި މިނިވަންވާނެ ކަމަށް. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިއީ ޝަރުއީ ދާއިރާއަށް އޮތް ނުފޫޒު ނިމުމަކަށް ގެނެސްފައިވާ ކަމަށް ވެރިކަމުގެ ކުރީކޮޅު ރައީސް ވިދާޅުވި ވާހަކަފުޅާ ފުށުއަރާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައި


ރައީސް ޑރ މުޙައްމަދު މުއިއްޒު | ރައީސް އޮފީސް
ޖުޑީޝަރީއަށް އޮތް ނުފޫޒު މިހިނދުން ފެށިގެން ނިމުމަކަށް ގެނެވިފައިވާކަމަށް ވެރިކަމުގެ ހުވާ ކުރައްވައި ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވިނަމަވެސް، ޖުޑީޝަރީ ހަގީގީ މާނައިގައި މިނިވަން ކޮށްދެވޭނީ 2029 ގައިކަމަށް އޭގެ 2 އަހަރާއި 9 މަސް ފަހުން ރައީސް ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އިމާރަތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށާއި، އެ މަސައްކަތް 2029 އާ ހިސާބަށް ނިންމާލެވޭނެކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން ޖުޑީޝަރީއަށް އޮތް ނުފޫޒުން ހަގީގީ މާނައިގައި މިނިވަން ކޮށްދެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.
2029 ވަނަ އަހަރުގެ ގަޟާއީ އަހަރު ޖުޑީޝަރީން ފަށާނީ އެ ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް ބޭނުން ހިފަމުން، ޖުޑީޝަރީ ހަގީގީ މާނައިގައި އަޅުގަނޑުމެން އެ މިނިވަންކޮށްދެނީރައީސް މުއިއްޒު
ރައީސް މިހެން ވިދާޅުވެފައިވާއިރު، ކޯޓު ކޮމްޕްލެކްސްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވެސް ރައީސްގެ ވާހަކަފުޅަށް އެއް ދުވަހަށް ވެފައިވަނިކޮށެވެ. މި މަސައްކަތަކީ 2025 ވަނަ އަހަރު އަމަލީ މަސައްކަތް ފަށާނެކަމަށް ރައީސް ކުރިން ވިދާޅުވެފައި އޮތް މަޝްރޫއެކެވެ.
ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ވިދާޅުވެފައިވަނީ ޖުޑީޝަރީއަށް އޮތް ނުފޫޒު މިހިނދުން ފެށިގެން ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ. ނަމަވެސް ޖުޑީޝަރީ ހަގީގީ މާނައިގައި މިނިވަން ކޮށްދެވޭނީ 2029 ގައިކަމަށް އޭގެ ދެއަހަރާއި ނުވަމަސް ފަހުން ރައީސް މިވަނީ ވިދާޅުވެފައެވެ. މިކަމުން އުފެދޭ ސުވާލަކީ އަދިވެސް ޖުޑީޝަރީ މިނިވަން ނުވަނީތޯ އެވެ.









