މިއަދު މި ފެންނަނީ ނުބައި ނުލަފާ ވެރިޔެއްގެ ކިބައިން ރައްޔިތުންނަށް ކުރިމަތިވާނެ ކަންކަން: މެންބަރު މައުރޫފް
26 ޖުލައި 2026 | އާދީއްތަ 11:36މިއީ ހެޔޮ އިންސާނަކު އޭނާގެ މައްޗަށް ހަވާލު ކުރެވޭ ޒިންމާ އަދާ ކުރެވޭ ގޮތެއް ނޫން ކަމަށް ފާހަގަ ކުރައްވައި މައުރޫފް ވިދާޅުވީ، މިއަދު މި ދަނީ ވަރަށް ނިކަމެތި ޙާލަތަކަށް ކަމަށް. ނަމަވެސް، ރިޒުޤު ދެއްވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނޫން ކަމަށާއި ވަޒީފާ އިން ކަނޑާލާ އެންމެން ރައީސް މުޢިއްޒުގެ ފައިބުޑަށް އާދޭސް ކުރަން ނުދާނެ ކަމަށް މައުރޫފ ވިދާޅުވި


ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު | ރާއްޖެ އެމްވީ
ދިވެހި ރާއްޖެ އިން މިއަދު ފެންނަމުން މި ދަނީ އިޚުލާސްތެރި ކަމެއް ނެތް އަދި ނުބައި ނުލަފާ ވެރިޔެއްގެ ކިބައިން ރައްޔިތުންނަށް ކުރިމަތިވާނެ ކަންކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހާ ގުޅިގެން ރާއްޖެ ޓީވީ އިން ގެނެސްދިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، ރާއްޖޭގެ އެއްވެސް މުވައްޒަފަކަށް މިއަދު އޭނާގެ ވަޒީފާގެ މިނިވަން ކަމެއް ނެތް ކަމަށެވެ. ޚާއްސަކޮށް ސަރުކާރު ކުންފުނިތަކުގައި މަސައްކަަތް ކުރާ މުވައްޒަފުންނަށް އެކަމުގެ ބިރުވެރިކަން އޮތް ކަމަށް މައުރޫފް ވިދާޅުވި އެވެ.
އެގޮތުން މައުރޫފް ވިދާޅުވީ މުވައްޒަފުންގެ ވަޒީފާގެ ރައްކާތެރިކަމާއި މިނިވަންކަން އަދި އޭނާގެ އާއިލާ ބަނޑު ފުރާ މުއްތި ކުރުމުގެ ހައްގު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި، ރައީސުލްޖުމްހޫރިއްޔާގެ ޕާޓީއާ އިދިކީލާ ވާހަކައެއް ސޯޝަލް މީޑިއާގައި ދެއްކި ނަމަވެސް، ވަޒީފާ ގެއްލޭ ކަމަށެވެ. އެހާ ހިސާބުން އެ ނިކަމެތި ވަނީ ދިވެހި ދަރިން އަދި ދިވެހި އާއިލާތަކެއް ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.
މިއީ ހެޔޮ އިންސާނަކު އޭނާގެ މައްޗަށް ހަވާލު ކުރެވޭ ޒިންމާ އަދާކުރާނެ ގޮތެއް ނޫން ކަމަށް ފާހަގަ ކުރައްވައި މައުރޫފް ވިދާޅުވީ، މިއަދު މި ދަނީ ވަރަށް ނިކަމެތި ޙާލަތަކަށް ކަމަށެވެ. ނަމަވެސް، ރިޒުޤު ދެއްވަނީ ރައީސް މުއިއްޒު ނޫން ކަމަށާއި، ވަޒީފާ އިން ކަނޑާލާ އެންމެން ރައީސް މުއިއްޒުގެ ފައިބުޑަށް އާދޭސް ކުރަން ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީކީ ހެޔޮ އިންސާނަކު އޭނާގެ މައްޗަށް ހަވާލު ކުރެވޭ ޒިންމާ އަދާ ކުރާނެ ގޮތެއް ނޫން. ވަރަށް ވެސް ނިކަމެތި ޙާލަތަކަށް މި ދަނީ. ރިޒުޤަކީ މާތް ﷲ ދެއްވާ އެއްޗެއް. ރައީސް މުއިއްޒު ހީކޮށްގެން ނުވާނެ ކުންފުނިތަކުން ކަނޑާލާ އެންމެން ނިކަމެތިވެ، މަގުމަތިވެ، ރައީސް މުއިއްޒުގެ ފައި ދަށަށް އައިސް އާދޭސް ކުރާނެޔޭ. އެހެން އެކަން ނުވާނެމައުރޫފް ޒާކިރު
މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ރާއްޖޭގައި ވަޒީފާގެ މިނިވަން ކަމެއް ނެތް ކަމަށެވެ. އަދި ރާއްޖެ އަކީ މެރިޓަށް ބަލައިގެން ވަޒީފާ ދޭ ޤައުމެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. ރާއްޖޭގައި މިއަދު އޮތީ މަސައްކަތެއް ނުކޮށް މުސާރަ ލިބޭ، ކަންނެތް ޖީލެއް ބިނާ ކުރުމުގެ ސަގާފަތެއް ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. އެއާ އެކު މައުރޫފް ވިދާޅުވީ އެއީ ވަރަށް ގޯސް ކަމެއް ކަމަށާއި، އެއީ ޤައުމެއްގެ މުސްތަޤުބަލު ފުނޑާލުން ކަމަށެވެ.
ސަރުކާރުގެ ކުންފުނިތައް ރައިޓް ސައިޒް ކުރުމަށް ކުރިއަށް ގެންދާ މަސައްކަތަށް އިޝާރާތް ކުރައްވައި މައުރޫފް ވިދާޅުވީ، އެއީ ސަރުކާރުން ބޭނުން ވެގެން ދިން ވަޒީފާތަކެއް ކަމަށާއި، ކުންފުނިތަކަށް ނުކަތާ މިންވަރަށް ވަޒީފާ ބެހީ ސަރުކާރުން އަމިއްލަ އަށް ކަަމަށެވެ. އަދި އެއީ މީގެ ކުރިން ވެސް އިދިކޮޅު އެމްޑީޕީ އިން ދައްކަމުން އައި ވާހަކައެއް ކަމަށް މައުރޫފް ވަނީ ވިދާޅުވެފައި އެވެ.
ސަރުކާރުން އަންނަނީ އިދިކޮޅު ޕާޓީ އަށް ނިސްބަތްވާ ގިނަ ބަޔަކު ވަޒީފާ އިން ވަކިކުރަމުންނެވެ. އަދި ސަރުކާރުގެ ސިޔާސަތުތަަކަށް ފާޑު ކިޔައި، ވާހަކަ ދައްކަމުން އަންނަ ގިނަ ބަޔަކު ވެސް ވަޒީފާ އިން ވަކިކުރަމުން ގެންދެ އެވެ. މިކަމުގެ ސަބަބުން ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވެ އެވެ.








