އެމްޑީޕީން ވެރިކަމާ ހަވާލުވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ނަމަވެސް އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އަންނަނީ ހަމައެކަނި ވައްކަން ކުރަން: މެންބަރު މައުރޫފް
މެންބަރު މައުރޫފް ވިދާޅުވީ އަބަދުވެސް އެމްޑީޕީން ވެރިކަމާ ހަވާލުވަނީ ގައުމުގެ ނިޒާމުތައް ފުނޑުފުނޑުވެފައި ވަނިކޮށް ކަމަށް. އަދި ނިމިދިޔަ ސަރުކާރުން ކޮވިޑުގެ ދަތިތަކާއެކުވެސް ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް. މިހާރުގެ ސަރުކާރުން ހިންގާ މަޝްރޫއުތަކަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ރޭވިފައިވާ ކަންކަން ކަމަށް ތުހުމަތުކުރައްވައި، ވެރިކަމުގައި ތިބޭ ބަޔަކު ދެކެ އަންނަ ރުޅިއެއްގެ ސަބަބުން ވެރިކަން ބަދަލުކުރުމަކީ ހެޔޮ ބަދަލެއް ނޫންކަން މިއަދު ގަބޫލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި


ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި އެމްޑީޕީން ވެރިކަމާ ހަވާލުވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމުގެ މާތް މަގުސަދުގައި ކަމަށާއި، ނަމަވެސް އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އަންނަނީ ހަމައެކަނި ވައްކަން ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު މައުރޫފް ވިދާޅުވީ އައު ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރަމުން އައީ އެމްޑީޕީ ނުވަތަ އެ ޕާޓީއާ އިދިކޮޅު ފަރާތްތަކުން ކަމަށެވެ.
މައުރޫފް ވިދާޅުވީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު ވެރިކަމުގައި ރައްޔިތުން ތަހައްމަލުކުރި ހިތްދަތިކަމާއި ތަރައްގީގެ ގޮތުން ރާއްޖެ އޮތީ ފަހަތުގައި ކަމަށްވާތީ ޤައުމު އިތުރަށް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި އަސާސީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.
ނަމަވެސް އެމްޑީޕީން ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކު، އޭގެ ކުރިން އޮންނަ ސަރުކާރުތަކުން މުޅި ގައުމުގެ ނިޒާމު ފުނޑުފުނޑުކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން މެންބަރު މައުރޫފް ވިދާޅުވީ، ރާއްޖޭގެ މުޅި ފައިނޭންޝަލް ނިޒާމު ބޮއްސުންލައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފަދަ މުހިންމު މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ އިތުރުން ގާނޫނުއަސާސީގެ ބާރުވެސް މިހާރު އޮތީ ކަނޑުވާލާފައި ކަމަށެވެ. އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދެ އަހަރާއި ބައި ހޭދަވި ނަމަވެސް، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ތަރައްގީގެ ބޮޑު ޕްލޭނެއްގެ ދަށުން ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނު އަސާސީ ފުނޑާލައިފި. ދެން އަޅުގަނޑުމެން އަނެއްކާ ވެސް ވެރިކަމަށް އައިސްފައި މިޖެހެނީ ފުރަތަމަ މިކަން ކުރަން. ކޮށްފައި ދެން ރައްޔިތުންނަށް ޚިދުމަތް ކޮށްދޭން މަސައްކަތް މިފެށެނީ. ދެން ކަންދިމާކުރިގޮތުން މިދިޔަ ފަހަރު އަޅުގަނޑުމެންނަށް ދިމާވި ވަރަށް ދެރަގޮތެއް، ދެ އަހަރަށް ބައި ދުއްވާލީ ކޮވިޑުގައި. ބައްލަވާ! ކޮވިޑުގައި ދިވެހި ރައްޔިތުން ވިސްނާ ބަލަންޖެހޭ އެބަ ބަޔަކު ދައްކާ ވާހަކައަށް އަދި އަނބުރާ ނުވަތަ ވެރިކަން ކޮށްފައި ހުރި މީހަކު، ވެރިކަމުގައި ހުރި ބަޔަކު ދެކެ ރުޅިއައިސްގެން ހަސަދަވެރިވެގެން ވެރިކަން ކޮށްފައި ހުންނަ މީހާ ބަދަލުކޮށްލުން އެއީ، އަދި ގެނެވޭ ހެޔޮ ބަދަލެއް ނޫންކަން އެބަ ގަބޫލުކުރަންޖެހޭ. ކޮވިޑަށް ދެ އަހަރާ ބައި ކަނޑައިލާފައި ދިވެހިރާއްޖޭގައި އެމްޑީޕީގެ ނިމިދިޔަ ސަރުކާރުން ކޮށްދީފައި ހުރި ކަންތައްތައް އަމިއްލަ ސިކުނޑިން ވިސްނާލީމަ އެނގޭނެ. މުޅި ރާއްޖެ ޕްލޭނެއް އޮވެގެން ތަރައްގީކުރަމުން އައީމައުރޫފު ޒާކިރު
މެންބަރު މައުރޫފް އިތުރަށް ވިދާޅުވީ މިހާރުގެ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކަކީ ވައްކަމާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ރޭވިފައިވާ ކަންކަން ކަމަށެވެ.
އެގޮތުން ފުށިދިއްގަރު ފަޅު ހިއްކުމާއި، ބޮޑެތި އިންވެސްޓަރުންގެ ނަމުގައި އެކި ފަރާތްތަކާއެކު ސޮއިކުރަމުންދާ އެއްބަސްވުންތަކަކީ އޭގެ މިސާލުތަކެއް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. ހުޅުމާލޭގައި ފައިނޭންޝަލް ސެންޓަރެއް އެޅުމަށް 'ޝައިޚުންތަކެއް' ގެނައުމާއި، ގދ. ތިނަދޫގައި ފްލޯޓިންގ އެއާޕޯޓެއް އެޅުމަށް ސޮއިކުރުމަކީ ރައްޔިތުންނަށް ދައްކާ ހުވަފެންތަކެއް ކަމަށް މެންބަރު މައުރޫފް ސިފަކުރެއްވި އެވެ.
މީގެ އިތުރުން މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެންބަރު މައުރޫފް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކުރިންވެސް އެ މަސައްކަތަށް "ގްރީން ސިގްނަލް" ލިބިފައިވާ ކަމަށް ބުނި ނަމަވެސް މިއަދާ ހަމައަށްވެސް އަމަލީ މަސައްކަތެއް ފެންނަން ނެތް ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ޗައިނާ ފަދަ ގައުމުތަކުގެ އަގުވެސް ވެއްޓެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، ވެރިކަމުގައި ތިބޭ ބަޔަކު ދެކެ އަންނަ ރުޅިއެއްގެ ސަބަބުން ވެރިކަން ބަދަލުކުރުމަކީ ހެޔޮ ބަދަލެއް ނޫންކަން ރައްޔިތުން މިއަދު ގަބޫލުކުރަން ޖެހޭ ކަމަށް ވެސް މެންބަރު މައުރޫފް ވިދާޅުވި އެވެ.









