ފަސް އަހަރުގެ ތެރޭގައި ސްޕެއިން އިން ފުޓުބޯޅައިގެ 16 ތަށި، އެއީ ގަދަ ބާރެއް!
ސްޕެއިންގެ މި ފަހުގެ ކާމިޔާބީ ތަކުން ފާހަގަ ކުރެވެނީ، ފިރިހެން އަދި އަންހެން ފުޓުބޯޅައިގައި އެ ޤައުމުން ދައްކަމުން އަންނަ ބާރުވެރި ކަމެވެ. ސްޕެއިން އަކީ އެއް ފަހަރާ އަންހެން ވޯލްޑް ކަޕް އަދި ފިރިހެން ވޯލްޑް ކަޕް ކާާމިޔާބު ކުރި ފުރަތަމަ ޤައުމު


ސްޕެއިންގެ ކޯޗު ފުއެންޓޭ އާއި އެ ޓީމުގެ ކުޅުންތެރިން ވޯލްޑް ކަޕްގެ ތަށި އުފުލާލަނީ | ގެޓީ އިމޭޖަސް
ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އަނެއްކާ ވެސް ސްޕެއިން އިން ހޯދައިފި އެވެ. މީގެ ދެ އަހަރު ކުރިން، ޖަރުމަނުގެ ބާލިންގައި އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރުމަށް ފަހު، އާދީއްތަ ދުވަހުގެ ރޭ އެމެރިކާގެ ނިއު ޖާސީގައި ކުޅުނު ވޯލްޑް ކަޕްގެ ފައިނަލްގައި ސްޕެއިން އިން ވަނީ އާޖެންޓީނާ ބަލިކޮށްފައި އެވެ.
މިއީ ސްޕެއިން އިން މިފަދަ ތާރީޚީ ކާމިޔާބެއް ހޯދި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2008 ވަނަ އަހަރު ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރުމަށް ފަހު، 2010 ވަނަ އަހަރު ސްޕެއިން އިން ވަނީ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި އެވެ. އެއީ ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.
ސްޕެއިންގެ މި ފަހުގެ ކާމިޔާބީތަކުން ފާހަގަ ކުރެވެނީ، ފިރިހެން އަދި އަންހެން ފުޓުބޯޅައިގައި އެ ޤައުމުން ދައްކަމުން އަންނަ ބާރުވެރި ކަމެވެ. ސްޕެއިން އަކީ އެއް ފަހަރާ އަންހެން ވޯލްޑް ކަޕް އަދި ފިރިހެން ވޯލްޑް ކަޕް ކާާމިޔާބު ކުރި ފުރަތަމަ ޤައުމެވެ. 2023 ވަނަ އަހަރު އޮސްޓްރޭލިއާ އާއި ނިއުޒިލެންޑުގައި އޮތް އަންހެން ވޯލްޑް ކަޕްގެ ފައިނަލްގައި އިނގިރޭސިވިލާތް ބަލިކޮށް، ސްޕެއިންގެ އަންހެން ޓީމުން މުބާރާތް ކާމިޔާބު ކުރި އެވެ. އޭގެ ފަހުން މިފަހަރުގެ ފިރިހެން ވޯލްޑް ކަޕް ސްޕެއިން އިން މި ވަނީ ކާމިޔާބު ކޮށްފައި އެވެ.
މިއީ ސްޕެއިން އިން ހޯދި އެންމެ ކާމިޔާބެއް ނޫނެވެ. ސްޕެއިންގެ ޤައުމީ ފިރިހެން ޓީމުން 2023 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ކުރިއިރު، 2024 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ރަން މެޑަލް ހޯދި އެވެ. އަދި ސްޕެއިންގެ ޤައުމީ އަންހެން ޓީމުން ވަނީ 2024 ވަނަ އަހަރާއި، 2025 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްފައި އެވެ.
ފަހަކަށް އައިސް، މި ފަސް އަހަރުގެ ތެރޭގައި ސްޕެއިންގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމުން ފެށިގެން ގޮސް، ސީނިއާ ޓީމުތަކުން ވަނީ ދުނިޔެ އާއި ޔޫރަޕު ހިމެނޭހެން 16 ތައްޓެއް ކާމިޔާބު ކޮށްފައި އެވެ.
ސްޕެއިން އިން ހޯދާފައިވާ ކާމިޔާާބީތައް:
1. ޤައުމީ އަންހެން ޓީމުން ހޯދި ކާމިޔާބީ (2022 އިން 2026 އަށް 11 ތަށި)
ސީނިއާ ޓީމު: 2023 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި 2024 އާއި 2025 ގެ ޔުއެފާ ނޭޝަންސް ލީގު.
20 އަހަރުން ދަށުގެ ޤައުމީ ޓީމު: 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް.
19 އަހަރުން ދަށުގެ ޤައުމީ ޓީމި: 2022، 2023، 2024، 2025 އަދި 2026 ގެ ޔޫރޯ މުބާރާތް.
17 އަހަރުން ދަށުގެ ޤައުމީ ޓީމު: 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތް.
2. ޤައުމީ ފިރިހެން ޓީމުން ހޯދާފައިވާ ކާމިޔާބީ (2022 އިން 2026 އަށް ފަސް ތަށި)
ސީނިއާ ޓީމު: 2023 ގެ ޔުއެފާ ނޭޝަންސް ލީގު، 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތް އަދި 2026 ގެ ފީފާ ވޯލްޑް ކަޕް.
23 އަހަރުން ދަށުގެ ޓީމު: 2024 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ރަން މެޑަލް.
19 އަހަރުން ދަށުގެ ޓީމު: 2026 ވަނަ އަހަރުގެ ޔޫރޯ މުބާރާތް.
2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ލުއިސް ޑި ލާ ފުއެންޓޭ ސްޕެއިންގެ ކޯޗަކަށް އައްޔަން ކުރި އިރު، އޭނާ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ޔުއެފާ ނޭޝަންސް ލީގާއި، ޔޫރޯ ފުޓުބޯޅަ މުބާރާތް އަދި ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި އެވެ. އެއާ އެކު އޭނާ ވަނީ، ސްޕެއިން އަކީ ފުޓުބޯޅައިގެ ގަދަ ބާރެއް ކަމަށް ސާބިތު ކޮށްދީފައި އެވެ.
ވޯލްޑް ކަޕްގެ ކާމިޔާބީގެ އިތުރުން، ސްޕެއިން އިން ވަނީ އެ ޓީމު އެންމެ ފަހުން ކުޅުނު 38 މެޗުން ވެސް ބަލި ނުވެ ނިންމާލައިފަ އެވެ. މިއީ ޔޫރަޕު އަދި ދެކުނު އެމެރިކާގެ ޓީމަކުން ހާސިލު ކޮށްފައިވާ ބަލި ނުވުމުގެ އެންމެ ދިގު ރެކޯޑެވެ.
ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމާ އެކު، ސްޕެއިންގެ ފުޓުބޯޅައިގެ ކުރިމަގު އުޖާާލާ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެ އެވެ.










