މި ސަރުކާރަށް 3 އަހަރު ފުރެންދާއިރު އަދިވެސް ދައުލަތް ހިންގަނީ "އެލް ބޯޑު" ޖަހައިގެން: ޝާހިދު
26 ޖުލައި 2026 | އާދީއްތަ 06:52މި ސަރުކާރަށް އިގްތިސާދީ ރަނގަޅު މިސްރާބެއް ނޭނގޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. ގައުމިއްޔަތަކީ ހަމައެކަނި ދައްކާ ވާހަކައެއް ނޫންކަން ފާހަގަކުރައްވައި، ދައުލަތުގެ އިމާރާތްތަކުގައި ހުރި ބާވެ ވީދިފައިވާ ގައުމީ ދިދަތައް ބަދަލުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައި. މީގެ އިތުރުން، ގައުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށް އެންމެން އެކަތިގަނޑަކަށްވުމުގެ މުހިންމުކަން ޝާހިދު ފާހަގަކުރެއްވި


އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު | ރާއްޖެ ޓީވީ
މި ސަރުކާރަށް އިގްތިސާދީ ގޮތުން ގައުމު މިނިވަން އައްސޭރިއަކަށް ގެންދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ސަބަބަކީ ސަރުކާރަށް ތިން އަހަރު ފުރެންދާއިރު ވެސް ދައުލަތް ހިންގަމުންދަނީ "އެލް ބޯޑު" ޖަހައިގެން ކަމަށް ވާތީ ކަމުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، އިގްތިސާދީ ގޮތުން ގައުމު ކުރިއަށްގެންދާނެ ރަނގަޅު މިސްރާބެއް މި ސަރުކާރަށް ނޭނގޭ ކަމަށެވެ. މިނިވަން ދުވަސް ފަދަ މުނާސަބަތެއް ފާހަގަކުރަމުންދާއިރު ދިވެހިންގެ ތެރޭގައި ބައިބައިވުންތައް އުފެދޭނެ ކަންކަމުން ދުރުހެލިވެ، އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. ހަމައެހެންމެ، ދެބަސްވުންތަކާއި ހިޔާލުތަފާތުވުންތަކުގެ ތެރެއިން އެއްބަސްވުންތަކާއި ހަމައަށް އައުމަކީ ހަމައެކަނި އައު ފިކުރުތަކަށް ޖާގަދޭ ހަމައެކަނި ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގައުމިއްޔަތަކީ ހަމައެކަނި ދުލުން ބުނެލާ ބަހަކުން ނުވަތަ ދައްކާ ވާހަކައަކުން ދެމިއޮންނާނެ އެއްޗެއް ނޫން ކަމަށާއި 24 ގަޑިއިރު ހުރިހާ ތަނެއްގައި ދިވެހި ގައުމީ ދިދަ ނަގައިފަ ހުންނަންޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ކާރު ދުއްވާ އެންމެން ދިދަ ނަގައިގެން ތިބެންޖެހޭނެ ކަމަށް އެންގުމަށް ފަހު އޭގެ ހަ މަސްދުވަސް ފަހުން ނުވަތަ އަހަރު ދެ އަހަރު ފަހުން ދައުލަތުގެ އިމާރާތްތަކުގައި ހުންނަ ގައުމީ ދިދަ ބާވެ، ކުލަވެއްޓި، ވީދިފައި ހުރުމަކީ ގައުމިއްޔަތަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.
އަޅުގަނޑު ސަރުކާރަށް ގައުމިއްޔަތުގެ މި މުނާސަބު ދުވަހުގައި ގޮވާލަން ހަމަ މިއަދުން މިއަދަށް ސަރުކާރުގެ ހުރިހާ އިމާރާތެއްގައި ހުރި ދިދައެއް ބެއްލެވުން، އޭގެ ތެރެއިން ކުލަވެއްޓިފައި ވީދިފައި ހުރި ދިދަތައް ބާލަން، އާ ދިދަ ފެހޭނެ ވަރު ސަރުކާރުގެ ބަޖެޓުގައި ނެތިއްޔާ އައު ދިދައެއް ލިބުނީމަ ނަގާނީ، ކުލަވެއްޓިފައި ބާވެފައި އިރައިގެން ގޮސްފައި ހުންނަ ދިދައެއް ބެހެއްޓީމާ ގައުމިއްޔަތަށް ލިބޭ ނިކަމެތިކަން މާ ބޮޑު.އަބްދުﷲ ޝާހިދު
ޝާހިދު ވިދާޅުވީ، ދުނިޔޭގެ ހަލަބޮލިކަމުގެ ތެރޭގައި ވެސް ދިވެހިންނަށް ފަހުރުވެރިކަމާއެކު މިނިވަންކަން މަތީގައި ނޭވާލުމުގެ ފުރުސަތު ލިބިފައިވާތީ އުފާކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ނެތްކަމާއި، ގައުމުގައި އިގްތިސާދީ ގޮތުން ދަތިތައް އެބަހުރި ކަމަށެވެ. އަދި ތަރައްގީގެ ހުރަސްތަކާ ގުޅޭގޮތުން ހަގީގަތަށް ވާހަކަދައްކަން ކެރޭ ބަޔަކު ދިވެހިންގެ ތެރޭގައި ތިބުމަކީ ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، މި ސަރުކާރަށް އިގްތިސާދީ ގޮތުން ގައުމު މިނިވަން އައްސޭރިއަކަށް ގެންދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ސަބަބަކީ ސަރުކާރަށް ތިން އަހަރު ފުރެންދާއިރު ވެސް ދައުލަތް ހިންގަންވީ ގޮތް ސަރުކާރުގެ އިސް ވެރިންނަށް ރަނގަޅަށް އޮޅުން ފިލާފައި ނެތުމުން ކަމަށެވެ. އަދި ދައުލަތް ހިންގަނީ "އެލް ބޯޑު" ޖަހައިގެން ކަމަށް ވިދާޅުވެ ޝާހިދު ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.









