ޕީސީބީގެ ނިވަލުގައި އޮވެ، އެމްޑީޕީގެ އާންމު މެންބަރުން ވަޒީފާތަކުން ވަކިކުރަނީ ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ބަހަން: ޝާހިދު
ޝާހިދު ވިދާޅުވީ އިގްތިސާދީ ދަތި ދަނޑިވަޅެއްގައި ރައްޔިތުން ބިކަކުރުން ހުއްޓާލުމަށް ގޮވާލައްވާ ކަމަށާއި، ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް އެމްޑީޕީގެ ސަރުކާރެއްގައި ބަދަލު ހޯދައިދޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވި


އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވާހަކަދައްކަވަނީ | އެމްޑީޕީ ސެކްރިޓޭރިއެޓް
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނިވަލުގައި އޮވެ، މި ސަރުކާރުން އެމްޑީޕީގެ އާންމު މެންބަރުން ވަޒީފާތަކުން ވަކިކުރަނީ ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ބަހަން ކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ޕީސީބީގެ ނިވަލުގައި ސަރުކާރު އޮވެ، އެމްޑީޕީގެ އާންމު މެންބަރުންނާއި އިސްލާހަށް މަސައްކަތްކުރާ ދިވެހި ރައްޔިތުން ވަޒީފާއިން ވަކި ކުރަމުންދަނީ އެއްވެސް ސުމާރެއްނެތި ކަމަށެވެ. ސަރުކާރުން އެކަން އެގޮތަށް ކުރަނީ ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ބަހައި، ސަރުކާރު ދެމެހެއްޓެމުގެ ހީލަތްތެރި ވިސްނުމުގައި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު މި މޭރުމުން ވިދާޅުވެފައިވާއިރު، ޕީސީބީން މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ނެރުނު ސާކިއުލާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރުމަށް ވަނީ އެ ކުންފުނިތަކަށް އަންގައިފަ އެވެ. ހަމައެހެންމެ، ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމަށްވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފެނަކަ ކޯޕަރޭޝަން ފަދަ ކުންފުނިތަކުން ހަތަރު މަސްދުވަހުގެ މުސާރައާއެކު މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވުމަށް ވެސް އެ ކުންފުނިތަކުން ވަނީ ހުޅުވާލައިފަ އެވެ. ޕީސީބީން ބުނެފައިވާ ގޮތުގައި މިއީ މި ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އަޅަން ނިންމި ފިޔަވަޅެކެވެ.
މިއީ އިގްތިސާދު ހީނަރުވެ ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެތައް ރައްޔިތުންނެއް ބިކަކޮށް އާއިލާތައް އިނދަޖައްސާލުމަށް ހިންގާ އަނިޔާވެރި ޖަރީމާއެއް. މިކަން ވަގުތުން ހުއްޓާލާ ސަރުކާރުގެ ސިޔާސީ ވަޒީފާ ބެހުމުގެ އިސްރާފާއި ކޮރަޕްޝަނަށް ބައިއަޅާ ފައިސާ ސަލާމަތްކޮށް ރައްޔިތުން ވަޒީފާގެ ކަށަވަރުކަން ނެތުމުގެ ބިރުން ސަލާމަތްކޮށްދިނުމަށް ސަރުކާރަށް ގޮވާލަންއަބްދުﷲ ޝާހިދު
މި ސަރުކާރުގެ ބޭއިންސާފާއި ކުރިމަތިލާންޖެހޭ ކޮންމެ ރައްޔިތެއްގެ ހިމާޔަތުގައި އެމްޑީޕީ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން ޝާހިދު އިތުރަށް ވިދާޅުވީ، އެފަދަ ފަރާތްތަކަށް ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި ބަދަލު ހޯދައިދޭނެ ކަމަށެވެ.
ހަރަދުތައް ކުޑަކުރުމުގެ ނަމުގައި މި ސަރުކާރުން ކުންފުނިތަކުގައި މަސައްކަތްކުރާ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް އާއިލާތައް ބިކަކުރަމުންދާއިރު، ސިޔާސީ މަގާމުތަކަށް އައްޔަންކުރާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިކަމުގެ ސަބަބުން ރައީސް މުއިއްޒަށާއި މި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ އިތުރު ނުކުރައްވާނެ ކަމުގެ ވައުދާއެކުގައި ނަމަވެސް، މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި 2،000 އަށްވުރެ ގިނަ މީހުން ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވެ އެވެ.









