ޕެންޝަން ފަންޑު މެދުވެރިކޮށް އެެމްއެމްއޭ އިން ސަރުކާރުގެ ޓީ-ބިލްގައި އިންވެސްޓްކުރުމަކީ ފައިސާ ޗާޕްކުރުން: ޝާހިދު
23 ޖުލައި 2026 | ބުރާސްފަތި 10:57ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑު ގަތުމުގެ މުއާމަލާތާ ގުޅިގެން އެ އޮފީހުގެ އިސް މުވައްޒަފުންތަކެއް އިސްތިއުފާ ދެއްވާފައިވާއިރު، މިއީ މާލީ ނިޒާމަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން. މި ނިންމުމުގެ ސަބަބުން އިންފްލޭޝަން މަތިވެ ރުފިޔާގެ އަގު ވެއްޓިދާނެ ކަމުގެ ބިރު އޮތް ނަމަވެސް، ކަމާބެހޭ މައުލޫމާތު ސިއްރުކޮށް މި މުއާމަލާތް ނިންމުމުގެ މަސައްކަތް ޕެންޝަން އޮފީހުން ދަނީ ކުރަމުން


އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ
ޕެންޝަން ފަންޑު މެދުވެރިކޮށް އެެމްއެމްއޭ އިން ސަރުކާރުގެ ޓީ-ބިލްގައި އިންވެސްޓްކުރުމަކީ ފައިސާ ޗާޕްކުރުން ކަމަށް އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ސަރުކާރުގެ ޓީ-ބިލްގައި އިންވެސްޓްކުރުމަކީ ސަރުކާރުން ސީދާ ފައިސާ ޗާޕްކުރުން ކަމަށާއި މިކަމުގެ ސަބަބުން އިންފްލޭޝަން މަތިވެ، ދިވެހި ރުފިޔާގެ އަގު އިތުރަށް ދަށްވުމުގެ އިތުރުން، ޑޮލަރު ލިބުން ދަތިވެ ޑޮލަރުގެ އަގު އިންތިހާއަށް މަތިވެގެންދާނެ ކަމަށެވެ. ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންނާއި، ޕެންޝަން އޮފީހުގެ އިސް މުވައްޒަފުން އިސްތިއުފާ ދެމުން ގެންދާ މި ދަނޑިވަޅުގައި އެކަމަށް ބެލުމެއްނެތި، 2.4 ބިލިއަން ރުފިޔާ ޗާޕު ކުރުމަކީ ރައްޔިތުންގެ މުސްތަގުބަލާއި މުޅި ގައުމުގެ މާލީ ނިޒާމު ހަލާކު ކޮށްލުން ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތީ ފައިސާ ޗާޕު ނުކުރައްވާނެ ކަމުގެ ވައުދާއެކުގައި ކަމަށާއި ނަމަވެސް އެ ވައުދާއި ހިލާފުވެވަޑައިގެން، މާލީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ގޮތަށް ކަންކުރެއްވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
ޝާހިދުގެ އިތުރުން އިގްތިސާދީ މާހިރުން ވެސް ގެންދަވަނީ މި ސަރުކާރުގެ އިގްތިސާދީ ނިންމުންތަކަށް ކަންބޮޑުވުން ފާޅުކޮށް އެކަން އެގޮތަށް ނުކުރުމަށް ގޮވާލަމުންނެވެ. މި މައްސަލައާ ގުޅިގެން މިއަދުގެ ވަގުތެއްގައި ޕެންޝަން އޮފީހުގެ ހެޑް އޮފް އިންވެސްޓުމަންޓްގެ މަގާމުގައި ހުންނެވި ހައިފާ އަހުމަދާއި އެ އޮފީހުގެ މެނޭޖްމަންޓް ލެވެލްގެ މަގާމެއްގައި ހުރި ދެ މުވައްޒަފަކު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. މި ތިން ބޭފުޅުން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ޕެންޝަން އޮފީހުން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މި ތިން އިސްތިއުފާ ގޮސް ގުޅެނީ ބޮންޑު ގަތުމުގެ މުއާމަލާތާ ކަމަށް މިހާރު ވަނީ ޔަގީން ކުރެވިފަ އެވެ.
މި މައްސަލައިގައި މީގެ ކުރިން ވެސް ޕެންޝަން އޮފީހުގެ ސީއީއޯ އަދި ސީއެފްއޯގެ އިތުރުން ބޯޑުގެ ޗެއަރމަން އާއި ބައެއް މެންބަރުން ވެސް ވަނީ މަގާމުން އިސްތިއުފާދެއްވާފަ އެވެ. މި މައްސަލައާ ގުޅިގެން ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައި ވަނިކޮށް، މިކަމާ ގުޅޭ މައުލޫމާތު ހާމަކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ދީ، މެނޭޖުމަންޓުން މިއަދު ވަނީ މެމޯއެއް ވެސް ނެރެފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި، ގިނަ ބައެއްގެ ކަންބޮޑުވުންތަކާ އެކު ވެސް، ޕެންޝަން އޮފީހުގެ އައު ބޯޑާއި ލީޑަރޝިޕުން އަންނަނީ މިއަދުގެ ވަގުތެއްގައި މި މުއާމަލާތް ނިންމުމަށް ފަހުގެ މަސައްކަތްތައް ކުރަމުންނެވެ.
ޕެންޝަން ފަންޑުން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ޓީ-ބިލުތަކެއް ވިއްކާލައިގެން ލިބޭ ފައިސާ ސަރުކާރުން ވިއްކާ، ދިގު މުއްދަތުގެ ބޮންޑަކަށް އިންވެސްޓުކުރަން އެ ފަންޑުން މިދިޔަ އަހަރުގެ ތެރޭގައި ހިންގަން އުޅުނު މުއާމަލާތް ކުރިއަށް ގެންދަން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައި ޕެންޝަން އޮފީހުގެ ތިން މުވައްޒަފަކު މަގާމުން އިސްތިއުފާދެއްވުމަކީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް އާންމުންނަށް ކަމުނުދާ ކަމުގެ އަލިގަދަ ހެއްކެކެވެ.








