ލޯނު ދައްކަން ހުންނަ ފައިސާ ރައީސް މުއިއްޒު ހަރަދު ކުރައްވަނީ ލެގަސީ ޕްރޮޖެކްޓުތަކަށް، ނަމަވެސް ނަތީޖާއެއް ނުފެނޭ: ޝާހިދު
26 ޖުލައި 2026 | އާދީއްތަ 06:22ދައުލަތުގެ ދަރަނި ދެއްކުމަށް ހުރި ފައިސާ، ނަތީޖާއެއް ނުފެންނަ "ލެގަސީ ޕްރޮޖެކްޓުތަކަށް" ސަރުކާރުން އިސްރާފުކުރަމުންދާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި. މީގެއިތުރުން، އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ބޭނުމަށް ވަޒީފާތައް ބެހުމަށްފަހު، މިހާރު މުވައްޒަފުން ވަކިކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝާހިދު ފާހަގަކުރެއްވި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި އިންޓަވިއު | ރާއްޖެ އެމްވީ
ލޯނު ދައްކަން ހުންނަ ފައިސާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރަދު ކުރައްވަނީ ލެގަސީ ޕްރޮޖެކްޓުތަކަށް ކަމަށާއި، ނަމަވެސް ނަތީޖާއެއް ނުފެންނަ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުގައި ޝާހިދު ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުރަން ޖެހޭނީ އަތްފޯރާ މިންވަރުން ކަމަށެވެ. އަދި ހަމަ އެކަނި ނަމެއް އުފެއްދުމަށް ހިންގާ "ލެގަސީ ޕްރޮޖެކްޓުތައް" ހުއްޓާލުމަށް ޝާހިދު ގޮވާލެއްވި އެވެ.
ރާއްޖެ ދަރަނިވެރިވެފައިވާ މިހާލަތުގައި ކުރަންވީ ކަމަކީ ފުށިދިއްގަރު ފަޅަށް ވެލި އެޅުންތޯ ސުވާލު އުފައްދަވައި ޝާހިދު ވިދާޅުވީ، ފުށިދިއްގަރު ހިއްކުމަށް ހަރަދުވި ފައިސާގެ ގޮތުގައި އެކި އަދަދުތައް އުޅޭކަމަށާއި މިކަން މިހެން ވަނީ ސަރުކާރުން މައުލޫމާތު ހާމަނުކުރާތީ ކަމަށެވެ.
ހިއްކާފައި ހުރި ބިންތައް އެބަހުރި، ﷲގެ ރަހުމަތްފުޅުން ހިކި ބިން ހުރި ބޮޑެތި ރަށްރަށް ރާއްޖޭގައި އެބަހުރި، ހިކިފައި ހުރިތަންތަނަށް ހަރަދު ކުރެވުނު ނަމަ ރައްޔިތުންނަށް މި ފަސް އަހަރު ތެރޭގައި ލިބޭ ލުއި މާ ބޮޑުވޭތާ ލޯނު ދައްކަން ހުރި ފައިސާ މި ހަރަދު ކޮށްލެވެނީ މި ދަންނަވާ ކަހަލަ ލެގަސީ ޕްރޮޖެކްޓުތަކަށްއަބްދުﷲ ޝާހިދު
ޝާހިދު އިތުރަށް ވިދާޅުވީ، ލެގަސީ ޕްރޮޖެކްޓުތައް ހިންގުމުގެ ބަދަލުގައި އެ ފައިސާ ލޯނު ދައްކަން ހަރަދު ކުރާނަމަ މައްސަލައެއް ދިމާ ނުވާނެ ކަމަށެވެ.
މީގެއިތުރުން ލޯނު ދައްކަންވެފައި އޮއްވާ ސަރުކާރުން އިންތިހާބުތަކާއި ދިމާކޮށް ވަޒީފާ ބަހަމުން ދިޔަކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، މަޖިލިސް އިންތިހާބާ ދިމާކޮށް ރަށްރަށަށް ސަރުކާރުގެ އިސް މީހުން ގޮސް ވަޒީފާގެ ޗިޓު ދޫކުރަމުން ގެންދިޔަ ކަމަށެވެ. އަދި މިހާރު ވަޒީފާއިން މީހުން ވަކި ކުރާ ވާހަކަ ދައްކަން މާ ލަސްވެއްޖެ ކަމަށް ޝާހިދު ވިދާޅުވި އެވެ.









