ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް
24 ޖުލައި 2026 | ހުކުރު 17:53މިއަހަރުގެ ޖުލައި 16 އާ ހަމައަށް ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހޭދަ މިދިޔަ އަހަރާ އަޅާބަލާއިރު 16 އިންސައްތަ ދަށްވެފައިވާއިރު، ބަޖެޓުން މުސާރަ އާއި ޕެންޝަނަށް 8,008.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ. ޖުލައި 16 ގެ ނިޔަލަށް ދައުލަތަށް 22.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ނަމަވެސް، ޚަރަދުތައް މަތިވުމުގެ ސަބަބުން 1.5 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ވަނީ ކުރިމަތިވެފައި. ދައުލަތުން ދޫކޮށްފައިވާ ސެކިއުރިޓީޒްގެ ޖުމްލަ އަދަދު މިހާރު ވަނީ 97.3 ބިލިއަން ރުފިޔާއަށް އަރާފައި.

ކެބިނެޓް ބައްދަލުވުމަކަށް ރައީސް މުއިއްޒު ވަޑައިގަންނަވާއިރު ހުރިހާ މިނިސްޓަރުން އިސްތިގުބާލުގައި ކޮޅަށް ތެދުވެ | ރައީސް އޮފީސް
މިއަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުގެ 87 އިންސައްތައަކީ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި 21,362.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. އެގޮތުން މުސާރަ އާއި ޕެންޝަނަށް 8,008.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި އިދާރީ ޚަރަދުތަކަށް 13,283.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މީގެ ތެރޭގައި ސަބްސިޑީއަށް ހޭދަކުރި 3,129.9 މިލިއަން ރުފިޔާ އާއި އާސަންދައަށް ހޭދަކުރި 1,183.2 މިލިއަން ރުފިޔާ ހިމެނެ އެވެ.
ކުރާ ކެޕިޓަލް ޚަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 3,152.4 މިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށެވެ. އެގޮތުން ބިމާއި އިމާރާތް ކުރުމުގެ މަޝްރޫއުތަކަށް 1,030.0 މިލިއަން ރުފިޔާ އަދި އެހެނިހެން އިންފްރާސްޓްރަކްޗާ ވަސީލަތްތަކަށް 1,752.0 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން މިހާތަނަށް ޖުމްލަ 3,161.5 މިލިއަން ރުފިޔާ ޚަރަދު ކުރި ނަމަވެސް ހުސްވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ޕީ.އެސް.އައި.ޕީ ގެ ޚަރަދުތައް ވަނީ 16 އިންސައްތަ ދަށަށް ގޮސްފަ އެވެ.
ދައުލަތުގެ އޮފީސްތަކުން ބަޖެޓް ބޭނުންކޮށްފައިވާ މިންވަރަށް ބަލާއިރު، އެންމެ ބޮޑު ބަޖެޓެއް ހޭދަކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުންނެވެ. އެ މިނިސްޓްރީން 2,715.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން 2,212.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މީގެ އިތުރުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން 1,825.5 މިލިއަން ރުފިޔާ އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން 1,393.5 މިލިއަން ރުފިޔާ ބަޖެޓުން ބޭނުންކޮށްފައިވެ އެވެ.
ދައުލަތުގެ ދަރަނީގެ ހާލަތަށް ބަލާއިރު، 2026 ޖުލައި 13 ގެ ނިޔަލަށް ސަރުކާރުން ދޫކޮށްފައިވާ ސެކިއުރިޓީޒްގެ ޖުމްލަ އަދަދު ހުރީ 97,346.3 މިލިއަން ރުފިޔާގަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އެތެރޭގެ މާލީ އިދާރާތަކަށް ދައްކަންޖެހޭ 95,804.3 މިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ޓްރެޜަރީ ބިލްގެ ގޮތުގައި ހުރި 44,852.4 މިލިއަން ރުފިޔާ އާއި ޓްރެޜަރީ ބޮންޑުގެ ގޮތުގައި ހުރި 28,614.9 މިލިއަން ރުފިޔާ ހިމެނެ އެވެ. ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ބޮންޑުގެ އަދަދަކީ 1,542.0 މިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 22,979.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ ހަފުތާގެ މާލީ ތަފާސްހިސާބުތަކުގައި ބުނެފައިވެ އެވެ. މި މުއްދަތުގައި ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 24,515.0 މިލިއަން ރުފިޔާގަ އެވެ. މިއާއެކު ދައުލަތުގެ ބަޖެޓުން އަހަރުގެ މިހާތަނަށް 1,535.3 މިލިއަން ރުފިޔާގެ ޑެފިސިޓެއް ނުވަތަ ދަރަނި އިތުރުވެފައިވާކަން ފާހަގަކުރެވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އާމްދަނީ އިތުރުވި ނަމަވެސް ޚަރަދުތައް އިތުރުވެފައިވާލެއް ނިސްބަތުން މަތިކަން ފާހަގަކުރެވެ އެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެގޮތުން ޓެކްސްގެ ގޮތުގައި 17,621.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 9,674.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ގޮތުގައި ލިބުނު 6,680.0 މިލިއަން ރުފިޔާ ހިމެނެ އެވެ. މީގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 4,917.7 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.9 އިންސައްތަ ދަށްވުމެކެވެ. މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 438.8 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.









