މަސްވެރިކަމުގެ ސިނާއަތް ހީނަރުވީ ކުރީ ސަރުކާރުން ވަޒީފާތައް ބަހާލުމުން ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މި ސަރުކާރުން އިންތިހާބާ ދިމާކޮށް އެތައް ބަޔަކަށް ވަޒީފާ ދީފައިވޭ!
24 ޖުލައި 2026 | ހުކުރު 15:49ސަރުކާރުގެ ކުންފުނިތަކަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ ސިނާއަތްތައް ފުޅާކުރުމަށް ރައީސް މުއިއްޒު ބާރުއަޅުއްވާއިރު، ކުންފުނިތަކުގެ މުވައްޒަފުން މަދުކުރަން ނިންމުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާއިރު، ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރާ އަދަދު އިތުރުވަމުންދާތީ އިދިކޮޅު ފަރާތްތަކުންނާއި އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.


"ނޭޝަން ޗެޓް"ގެ ޕްރޮގްރާމެއްގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް
މަސްވެރިކަމުގެ ސިނާއަތް ހީނަރުވީ މިދިޔަ އެމްޑީޕީ ސަރުކާރުން ފެނަކަ ކޯޕަރޭޝަން ފަދަ ކުންފުނިތަކުން، އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާ ދިނުމުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށްގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނީ ޕްރައިވެޓް ސެކްޓަރު މިހާރަށް ވުރެ ބޮޑަށް ފުޅާކޮށްގެން ކަމަށެވެ. ހުރިހާ ރައްޔިތުން ސަރުކާރުގެ ވަޒީފާތަކަށް ބަރޯސާވެއްޖެނަމަ، ޕްރައިވެޓް ސެކްޓަރު ހުއްޓި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ވެސް ހީނަރުވެގެންދާނެކަން އެމަނިކުފާނު ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން މަސްވެރިކަމުގެ ސިނާއަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުން ފެނަކަ ފަދަ ކުންފުނިތަކުން ރަށްރަށުގެ ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާ ދިނުމުގެ ސަބަބުން، މަސްވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ ވަޒީފާތަކަކީ އެންމެ ފަސޭހަ މަގު ކަމަށް ބެލެވިފައި އޮންނަ އާދަ ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އޭގެ ތެރޭގައި ކުންފުނިތައް "ރައިޓް ސައިޒް" ކޮށް، ހަރުދަނާ ވޯކްފޯސްއެއް ބިނާކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން، ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ ޒުވާނުންނަށް އެކިކަހަލަ ފުރުސަތުތައް ފަހިކޮށްދިނުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިމޭރުމުން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ފެނަކަ އާއި އާރްޑީސީ ފަދަ ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުންނަށް ވަޒީފާ ދީފައިވެ އެވެ. ނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު، ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ ނަމުގައި ކުންފުނިތަކުގައި މަސައްކަތްކުރާ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ މައްސަލައިގައި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ މި ސަރުކާރަށް އަމާޒުވެފަ އެވެ.
ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާއިރު، މިނިސްޓްރީތަކާއި ސަރުކާރުގެ އެކި އިދާރާތަކަށް އައްޔަންކުރާ ސިޔާސީ މުވައްޒަފުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ. މިފަދަ ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކަށް 25،000 އާއި 50،000 ރުފިޔާއާ ދެމެދުގެ ބޮޑެތި މުސާރަތައް ދެމުންދާއިރު، އޭގެ ތެރޭގައި އެއްވެސް މަސައްކަތެއް ނެތި ގޭގައި ތިބޭ ފަރާތްތައް ހިމެނޭ ކަމަށް ބުނެ ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރައްވާނެ ކަމުގެ ވައުދާއެކުގައި ނަމަވެސް، މިހާތަނަށް 2,000 އަށްވުރެ ގިނަ މީހުން ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި އެ މީހުންގެ ތައުލީމީ ފެންވަރާ މެދު ވެސް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރުމަށް ސަރުކާރުން ނިންމާފައިވާއިރު މިއީ 14,000 އަށްވުރެ ގިނަ މުވައްޒަފުން ކަމަށް ބުނެ އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ނެރުނު ސާކިއުލާއެއްގައި، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ކަމަށް ބުނެ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަށް ވަނީ އަންގައިފަ އެވެ. މީގެ އިތުރުން، އެޗްޑީސީ އާއި ފެނަކަ ފަދަ ބޮޑެތި ކުންފުނިތަކުން ހަތަރު މަސްދުވަހުގެ މުސާރަ ދިނުމަށް ފަހު އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.









