އައްޑޫ ސިޓީގެ އިހްތިސާސުން ސަވާހިލި ވަކިކުރުމަކީ އެ ސިޓީގެ ތަރައްގީއަށް ހުރަސްއެޅުމަށް ހިންގާފައިވާ ހަޑިހުތުރު އަމަލެއް: އެމްޑީޕީ
24 ޖުލައި 2026 | ހުކުރު 16:47އައްޑޫ ސިޓީގެ އިހްތިސާސުން ސަވާހިލި ވަކިކުރުމަކީ ލާމަރުކަޒީ ގާނޫނާ ހިލާފަށް، ކައުންސިލާއި ރައްޔިތުންގެ މަޝްވަރާއެއް ނެތި ސަރުކާރުން ނިންމި ނިންމުމެއް ކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި. އެ ޕާޓީން ބުނީ މިއީ އެ ސިޓީގެ ތަރައްގީގެ ޕްލޭނަށް ހުރަސްއެޅުމަށް ހިންގި އަމަލެއް ކަމަށާއި، ކައުންސިލްތަކުގެ ގާނޫނީ ބާރުތަކަށް ސަރުކާރުން އިހުތިރާމް ކުރަންޖެހޭނެ ކަމަށް


ސަވާހެލި، އައްޑޫ ސިޓީ | ގޫގުލް އާރތް
އައްޑޫ ސިޓީގެ އިހްތިސާސުން ސަވާހިލި ވަކިކުރުމަކީ އެ ސިޓީގެ ތަރައްގީއަށް ހުރަސްއެޅުމަށް މި ސަރުކާރުން ހިންގާފައިވާ ހަޑިހުތުރު އަމަލެއް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.
އެމްޑީޕީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ރަށްތަކާ ސިޓީތަކުގެ އިހްތިސާސް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ އިންތަކުގެ ތެރޭގައި ބޭނުންކުރުމަށް ކަމަށެވެ. އަދި އެ ބާރު ބޭނުންކުރަންވާނީ އެ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ މަޝްވަރާއާއި އެކުގައި ކަމުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.
ބޮޑު އަޣުލްބިއްޔަތަކުން އާ ދައުރަކަށް އިންތިހާބުވި ސިޓީ ކައުންސިލުން، އައްޑޫސިޓީގެ ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރަމުންދާ ދަނޑިވަޅެއްގައި، އައްޑޫ ސިޓީ ކައުންސިލާއި، އަދި އައްޑޫ ރައްޔިތުންގެ އެއްވެސް މަޝްވަރާއެއްނެތި އެ ސިޓީގެ އިހްތިސާސްގައިވާ ސަވާހިލި ކައުންސިލްގެ އިހްތިސާސް އިން ވަކި ކުރުމަކީ ރައީސް މުއިއްޒު ލާމަރުކަޒީ ގާނޫނުގެ މަގުސަދާ ހިލާފަށް، އަދި އައްޑޫ ރައްޔިތުންގެ ނިންމުމާ ދެކޮޅަށް، އަދި އައްޑޫ ތަރައްގީއަށް ހުރަސްއެޅުމަށް ހިންގާފައިވާ ހަޑިހުތުރު އަމަލެއް ކަމަށް ދެކޭ ކަމަށް އެމްޑީޕީން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލާޒިމްކުރާ އެންމެ މުހިއްމު އެއް ކަމަކީ، ރައްޔިތުންނާ މަޝްވަރާކޮށް ފަސް އަހަރު ދުވަހަށް އެކުލަވާލާ ތަރައްގީ ޕްލޭނާއި، އިހްތިސާސުގައިވާ ބިންބޭނުން ކުރާނެ ގޮތުގެ ބިނާވެށި ޕްލޭން އެކުލަވާ ފާސްކޮށް ހިންގުން ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. އަދި ރައީސް މުއިއްޒުގެ ވެރިކަމަށް ތިން އަހަރުވެގެންދާއިރު ރާއްޖޭގެ ރަށްތަކުގެ ތަރައްގީއަށާއި، ވަކިން ހާއްސަކޮށް އައްޑޫ ސިޓީއަށް އެއްވެސް އެދެވޭ ތަރައްގީއެއް ގެނެސްދެވިފައި ނުވިޔަސް، ރައްޔިތުންގެ މަޝްވަރާއާއެކު އައްޑޫ ސިޓީ ކައުންސިލްއިން ވޭތުވެދިޔަ ފަސް އަހަރު، ރައްޔިތުން ގަބޫލުކުރާފަދަ މަސައްކަތްތަކެއް ކޮށްދީފައިވާކަން، ނިމިދިޔަ ކައުންސިލް އިންތިހާބުގެ ނަތީޖާއިން ސާފުކޮށް ފެންނަން އެބަ އޮތް ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.
ރަށެއް ނުވަތަ ސިޓީއެއްގެ ތަރައްގީ ޕްލޭނާއި ބިނާވެށި ޕްލޭނެއް އެކުލަވާލުމަށް ފަހު، އެ ޕްލޭންތަކަށް އެއްވެސް ބަދަލެއް ގެންނަންވާނީ ރައްޔިތުންންގެ މަޝްވަރާއާއި އެކުގައި ކަމަށް ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައި އޮތުމުގެ މާނައަކީ، ރަށެއް ނުވަތަ ސިޓީއެއްގެ އިހްތިސާސްއަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރަކީ ހިތުހުރި ގޮތަކަށް ބޭނުންކުރެވޭނެ ބާރެއްނޫންއެމްޑީޕީ
ކައުންސިލްތަކަކީ ވަކި ގާނޫނީ ޝަހުސެއްކަމާއި، އަމިއްލައަށް ކަންކަން ރާވާ ހިންގޭނެ ގާނޫނީ ޖާގައާއި ބާރު ކައުންސިލްތަކަށް ފަހި ކޮށްދީފައިވާއިރު، ރައްޔިތުންގެ ސާފު އަޣުލަބިއްޔަތުން އިންތިހާބުވެފައި އޮތް އައްޑޫ ސިޓީ ކައުންސިލުގެ ނިންމުންތަކަށް ސަރުކާރުން ބޯލަނބައި، ލާމަރުކަޒީ ޤާނޫނަށް ފުރިހަމައަށް އިހުތިރާމްކޮށް، ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްގީ ގެނައުމުގައި، ރައީސް މުއިއްޒުގެ ނާގާބިލު ސަރުކާރުން ހުރަހަކަށް ނުވުމަށް އެ ޕާޓީއިން ވަނީ ގޮވާލާފަ އެވެ.
އައްޑޫ ސިޓީގެ އިހްތިސާސުން ސަވާހިލި ވަކިކޮށްފައިވަނީ އެ ރަށް އެންޓަޓެއިންމަންޓް އެންޑް ރެކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރާނެ ބަޔަކު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކޮށް، އެ މަސައްކަތަށް ބީލަމަށް ހުޅުވާލާފައިވަނިކޮށެވެ. އެ ރަށް އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކުރަން ނިންމީ ފަތުރުވެރިކަމުގެ ބޭނުމަށް އެ ރަށް ބޭނުންކުރުމަށް ކަމަށް ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެ ގަރާރުގައި ފާހަގަކޮށްފައެއް ނުވެ އެވެ.
އައްޑޫ ސިޓީގެ ތަރައްގީއަށް މުހިންމު މަޝްރޫއެއް ހިންގުމަށް ކައުންސިލުން ރާވާފައިވަނިކޮށް، ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނެތި ސަރުކާރުން މިގޮތަށް ރަށްތައް އަތުލުމަކީ ރަށްރަށުގެ އިގްތިސާދީ ކުރިއެރުމަށް އެޅޭ ބޮޑު ހުރަހެއް ކަމަށް ބުނެ އާންމުން ދަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.









