ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ 2 ދުވަސް، ސަބަބު ސާފެއް ނޫން!
ވަކި ސަބަބެއް އެންގުމެއް ނެތި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވާތީ، އެމްޑީޕީގެ މެންބަރުންނާއި އާންމު ރައްޔިތުންގެ ފާޑުކިޔުން އަމާޒުވެއްޖެ. މަޖިލީހުގެ ގަވާއިދާ ޚިލާފަށް ޖަލްސާތައް ނުބާއްވާ މައްސަލައިގައި މެންބަރުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މަސައްކަތްތައް ހުއްޓިފައިވާތީ މަޖިލީހުގެ ރައީސްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައި


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން | ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ބާއްވާފައިނުވާއިރު، ޖަލްސާ ބާއްވާފައިނުވާ ސަބަބެއް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެ އެވެ.
މިއީ ވަކި ސަބަބެއް އެންގުމެއް ނެތި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާ ދޫކޮށްލި ދެވަނަ ދުވަހެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، ހަފުތާގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހަކީ މަޖިލީހުގެ ޖަލްސާތައް ބާއްވަންޖެހޭ ދުވަސްތަކެއް ނަމަވެސް، އިއްޔެއާއި މިއަދު ވެސް މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފައެއް ނުވެ އެވެ. މިކަމާ ގުޅިގެން މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެފައިވަނީ، ޖަލްސާތައް ނުބާއްވާ ވަކި ސަބަބެއް މަޖިލީހުގެ އިދާރާއިން ވެސް އެ މެންބަރުންނަށް އަންގާފައިނުވާ ކަމަށެވެ. މަޖިލީހުގެ ޖަލްސާތައް ނުބާއްވަނީ ކޮން ސަބަބަކާ ހުރެކަން ސާފުނުވާތީ ބައެއް މެންބަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ސަބަބާއި ދެން އެންމެ އަވަހަށް މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ދުވަހެއް ހޯދުމަށް މި ނޫހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ގުޅުމުން އޭނާ ފޯނަށް ޖަވާބުނުދެއްވަ އެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާ ތަމްސީލުކުރައްވާ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ، ޖަލްސާތައް ނުބާއްވާ ސަބަބެއް މަޖިލީހުގެ އިދާރާއިން އެ ބޭފުޅުންނަށް އަންގަވާފައިނުވާ ކަމަށެވެ. ކުޑޫ ވިދާޅުވީ، ޖަލްސާތައް ދެން އެންމެ އަވަހަށް ވެސް ފަށާނީ އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ކަމަށް ނުރަސްމީ މަސްދަރަކުން އޭނާ އަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެއްވެސް ސަބަބަކާ ނުލައި މަޖިލީހުގެ ޖަލްސާތައް ނުބާއްވާތީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން އަންނަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެ އިތުރުން ކޮމިޓީ ބައްދަލުވުންތައް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށްނުދާ ކަމަށާއި، ކޮމިޓީ ބައްދަލުވުންތައް ކެންސަލްކުރުމުގެ އިތުރުން މަޖިލީހުގައި ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރިއަށްނުދާކަން އެ މެންބަރުން އަބަދު ވެސް ފާހަގަކުރެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބޮޑެތި އަދަދުތަކުން މުސާރަ ލިބޭއިރު މަޖިލީހުގައި އެންމެ އެކަށީގެންވާ ގޮތެއްގައި މަސައްކަތްތައް ކުރިއަށްނުދާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިސް ފާހަގަކުރެވިގެން ގޮސްފައިވަނީ އަބަދު ވެސް ޖަލްސާތައް ކެންސަލްކުރާ އަދި މަޖިލީހުގައި އެންމެ އެދެވޭ މަސައްކަތްތަކެއް ނުކުރެވޭ ޖަލްސާއެއްގެ ގޮތުގަ އެވެ.









