Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދިވެހިރާއްޖެ-އެމެރިކާ

އެމެރިކާއިން އިންޑިއާ ކަނޑުގެ ސަރަހައްދަށް ނުފޫޒު ފޯރުވަން ވަންނަ ދޮރާއްޓަކަށް ތިލަފުށި ބަނދަރު ހަދަނީބާ؟

23 ޖުލައި 2026 | ބުރާސްފަތި 15:53

ތިލަފުށީ ބަނދަރު މަޝްރޫއަށް އެމެރިކާގެ މަތީ ފަންތީގެ ވަފުދުތަކުން ޒިޔާރަތްކޮށް އެމެރިކާ ސަރުކާރުން ޝައުގުވެރިކަން ފާޅުކުރަމުންދާއިރު، މިއީ އިންޑިއާ ކަނޑުގައި އެ ގައުމުގެ ނުފޫޒު ފުޅާކުރުމަށް ގެންގުޅޭ އިސްތިރާތީޖީ ސިޔާސަތުގެ ދަށުން ހިނގާ ކަމެއް ކަމަށް ލަންކާގެ ނޫހަކުން ބުނެފި. އެމެރިކާއިން ދަނީ ވިޔަފާރި އުމްރާނީ ވަސީލަތްތަކާއި، ތަރައްގީގެ ފައިނޭންސް އަދި ކަނޑުގެ ސަލާމަތީ ކަންކަން މެދުވެރިކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެގައުމުގެ ނުފޫޒު ފުޅާކުރެވޭނެ ގޮތްތައް ބަލަމުން.

ރާއްޖެ އެމްވީ | 23 ޖުލައި 2026 | ބުރާސްފަތި 15:53
ތިލަފުށީގެ ބަނދަރުގައި މުދާ އުފުލާ ބޯޓަކުން ކާގޯ ބާލަނީ

ތިލަފުށީގެ ބަނދަރުގައި މުދާ އުފުލާ ބޯޓަކުން ކާގޯ ބާލަނީ | އެމްޕީއެލް

ތިލަފުށީގައި ތަރައްގީކުރާ ވިޔަފާރި ބަނދަރަކީ އެމެރިކާ އިން އިންޑިއާކަނޑުގެ ސަރަހައްދަށް ނުފޫޒު ފޯރުވުމަށް ބޭނުންކޮށްފާނެ ހަތިޔާރަކަށް ހެދުމުގެ ފުރުސަތު އޮތް ތަނެއް ކަމަށް ސްރީލަންކާގެ މަޝްހޫރު ނޫހަކުން ބުނެފި އެވެ. 

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރިއަށް ގެންދާ ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަކީ، މާލޭގެ ކޮމާޝަލް ހާބަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، މުދާ އުފުލުމާއި ބަލްކް ކާގޯގެ މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކޮށް، ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ވިޔަފާރީގެ ނިޒާމު ޒަމާނީކުރުމަށް ހިންގާ މަޝްރޫއެކެވެ. އަހަރަކު 400,000 ޓީއީޔޫ (20 ފޫޓުގެ ކޮންޓެއިނަރު) އުފުލުމުގެ ގާބިލުކަން ހުންނާނެހެން ފަރުމާކޮށްފައިވާ މި މަޝްރޫއުގެ ސަބަބުން، މާލޭ ވިޔަފާރި ބަނދަރުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލާ އުޅަނދުފަހަރުގެ މަސައްކަތްތައް އަވަސްވެ، މުދާ އުފުލުމުގެ ޚަރަދު ކުޑަވެގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ސްރީލަންކާގެ މަޝްހޫރު ނޫހެއްކަމަށްވާ ޑެއިލީ މިރާ ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، ދެކުނު އޭޝިއާގެ ގައުމުތަކާއެކު ކަނޑުގެ ސަރަހައްދުގެ ގުޅުންތައް ބަދަލުކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތިލަފުށީ ބަނދަރު މަޝްރޫއަށް އެ ގައުމުން ވަނީ ބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފަ އެވެ. އެ ގޮތުން އެމެރިކާގެ ޚާރިޖިއްޔާގެ އިސް އޮފިޝަލުން ރާއްޖެ އަށް ޒިޔާރަތް ކުރައްވާ އެތަނުގެ މަސައްކަތްތައް ބައްލަވާފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ ގޮތުން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފަތުރެއްގައި، އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޕޯލް ކަޕޫރު ވަނީ ތިލަފުށީ ބަނދަރުގެ މަސައްކަތްތައް ބައްލަވާލައްވާފަ އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މި ބަނދަރަކީ މުސްތަގުބަލުގައި ބައިނަލްއަގުވާމީ ވިޔަފާރީގެ މުހިންމު ލޮޖިސްޓިކްސް އަދި މުދާ ބަހާ މަރުކަޒަކަށް ވެގެންދާނެ ތަނެކެވެ.

މި ޒިޔާރަތަށްފަހު ކަޕޫރު ވިދާޅުވީ، ތިލަފުށީ ބަނދަރު މަޝްރޫއުގައި ރާއްޖެއާއެކު މަސައްކަތްކުރުމަށާއި، ރާއްޖޭގެ އިގްތިސާދީ ފުރުސަތުތައް ފުޅާކުރުމަށް އެމެރިކާއިން އުންމީދުކުރާ ކަމަށެވެ.

ތިލަފުށީ ބަނދަރު މަޝްރޫއު ކުރިއަށްދާ ސަރަހައްދަށް ޒިޔާރަތްކުރެއްވުމަށްފަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ކަޕޫރު ވިދާޅުވީ، ތިލަފުށީ ބަނދަރު މަޝްރޫއުގައި ދިވެހިރާއްޖެއާއެކު މަސައްކަތްކުރުމަށާއި، ރާއްޖޭގެ އިގުތިސާދަށް ދިގުމުއްދަތުގެ ކުރިއެރުން ހޯދައިދިނުމަށް ހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށް އެމެރިކާއިން އުންމީދުކުރާ ކަމަށެވެ.

އެމެރިކާގެ އޮފިޝަލުންގެ ބޮޑު ވަފުދަކާ އެކު ކަޕޫރު ކުރެއްވި މި ދަތުރުފަތުރުގައި އޭނާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި، އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދުގެ އިތުރުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއާ ބައްދަލުކުރައްވާފަ އެވެ.

އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތް އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް، ޕޯލް ކަޕޫރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވަނީ. މި ބައްދަލުކުރެއްވުން އޮތީ 2026 ޖޫން 24 ވީ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި.

އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތް އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް، ޕޯލް ކަޕޫރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވަނީ. މި ބައްދަލުކުރެއްވުން އޮތީ 2026 ޖޫން 24 ވީ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި. | ރައީސް އޮފީސް

ކަޕޫރުގެ ޒިޔާރާތާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ އިގްތިސާދީ ތަރައްގީއާއި، އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ފަދަ ދެ ގައުމުން އިސްކަންދޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެމެރިކާއިން ޝައުގުވެރިވާކަން އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފާހަގަކުރެއްވި ކަމަށެވެ. މިކަމަށްޓަކައި ރައީސް މުއިއްޒު ޝުކުރު އަދާކުރައްވައި ވިދާޅުވީ، އިގްތިސާދު ސިންދަފާތު ކުރުމަށް އެހީތެރިވެދޭނެ ތަރައްގީގެ މަޝްރޫއުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

ކަޕޫރުގެ މި ޒިޔާރަތުގެ ކުރިން، މިދިޔަ މޭ މަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒްގެ ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ނިކޯލް ޗުލިކް ވެސް ވަނީ މި މަޝްރޫއު ބައްލަވާލައްވާފަ އެވެ. ޗުލިކްގެ ދަތުރުފަތުރުގައި އެމްޕީއެލްގެ އިސްވެރިންނާ ބައްދަލުކުރައްވައި، މިހާރު ބޭނުންކުރަމުންދާ މާލޭގެ ކޮމާޝަލް ހާބަރާއި ތިލަފުށީގައި ބަނދަރު ތަރައްގީކުރާ ސަރަހައްދަށް ޒިޔާރަތްކުރެއްވި އެވެ. އޭނާވެސް ވަނީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން ޝައުގުވެރިވާކަން ފާހަގަ ކުރައްވާފަ އެވެ.

ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ޗުލިކް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ އިސްވެރިންނާ ބައްދަލުކުރައްވައި، ތިލަފުށީގައި ކުރިއަށްދާ މަޝްރޫޢާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެ ރަށަށް ޒިޔާރަތްކުރެއްވި. މި ޒިޔާރަތަކީ ތިލަފުށީގެ މަޝްރޫޢާ ގުޅޭ މަޢުލޫމާތު އޮޅުންފިލުވުމުގެ އިތުރުން، ރާއްޖޭގެ މުހިންމު އިންފްރާސްޓްރަކްޗަރ ނުވަތަ އަސާސީ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި ދިވެހިރާއްޖެއާއެކު ބައިވެރިވެވޭނެ ފުރުޞަތުތައް ދެނެގަތުމަށް ކުރެއްވި ޒިޔާރަތެއް.

ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ޗުލިކް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ އިސްވެރިންނާ ބައްދަލުކުރައްވައި، ތިލަފުށީގައި ކުރިއަށްދާ މަޝްރޫޢާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެ ރަށަށް ޒިޔާރަތްކުރެއްވި. މި ޒިޔާރަތަކީ ތިލަފުށީގެ މަޝްރޫޢާ ގުޅޭ މަޢުލޫމާތު އޮޅުންފިލުވުމުގެ އިތުރުން، ރާއްޖޭގެ މުހިންމު އިންފްރާސްޓްރަކްޗަރ ނުވަތަ އަސާސީ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި ދިވެހިރާއްޖެއާއެކު ބައިވެރިވެވޭނެ ފުރުޞަތުތައް ދެނެގަތުމަށް ކުރެއްވި ޒިޔާރަތެއް. | އިންސްޓަގްރާމް

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޕްރިންސިޕަލް ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ ޗުލިކް ތިލަފުއްޓަށް ޒިޔާރަތް ކުރައްވަނީ

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޕްރިންސިޕަލް ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ ޗުލިކް ތިލަފުއްޓަށް ޒިޔާރަތް ކުރައްވަނީ | އިންސްޓަގްރާމް

ޑެއިލީ މިރަރ ގައި ބުނެފައިވަނީ، މި އިތުރުވަމުންދާ ޑިޕްލޮމެޓިކް ގުޅުންތަކަކީ، އިންޑޯ-ޕެސިފިކް ސިޔާސަތުގެ ދަށުން އިންޑިއާ ކަނޑުގެ މުހިންމު ސަރަހައްދުތަކުގައި އޮންނަ ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ވޮޝިންގޓަނުން ގެންގުޅޭ ފުޅާ އިސްތިރާތީޖީގެ ބައެއް ކަމުގަ އެވެ. އަދި އެމެރިކާއިން މިހާރު ހަމައެކަނި އަސްކަރީ މަރުކަޒުތަކަށް ބަރޯސާވުމުގެ ބަދަލުގައި، ސަރަހައްދީ ގުޅުންތައް ވަރުގަދަކުރުމަށާއި ކަނޑުގެ މުހިންމު މަގުތައް ރައްކާތެރިކުރުމަށްޓަކައި، ވިޔަފާރި ބަނދަރުތަކާއި ލޮޖިސްޓިކްސް އުމްރާނީ ވަސީލަތްތަކަށް ދަނީ ބޮޑު ސަމާލުކަމެއް ދެމުން ކަމަށެވެ.

ދިވެހި ސަރުކާރުން ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ބަދަލުކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ޑިޒައިން އަދި ސާވޭގެ މަސައްކަތް މިދިޔަ ފެބްރުއަރީ މަހު އެމްޕީއެލް އިން ހަވާލުކުރީ ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީއެޗްއީސީ) އަށެވެ. "ލޯކަލް ހާބަރ ރިލީފް ޕްރޮޖެކްޓް" ގެ ނަމުން ނަންދެވިފައިވާ މި ފިޔަވަހީގެ ދަށުން 650 މީޓަރުގެ ކީ-ވޯލްއަކާއި، 125 މީޓަރުގެ ޖެޓީއެއްގެ އިތުރުން، އެކްސް-ރޭ ސްކްރީނިންގ ވަސީލަތްތަކާއި، މުދާ އުފުލާ އޮޓޮމޭޓެޑް ނިޒާމުތަކާއި ބޮންޑަޑް ވެއަރހައުސްއެއް ބިނާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިހިނގާ ޖުލައި މަހުގެ 20 ވަނަ ދުވަހު އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލްގެ މަސައްކަތް އެމްޕީއެލް އިން ވަނީ ޗައިނާގެ ހަމަ އެކުންފުންޏާ ހަވާލު ކޮށްފަ އެވެ. ސީ.އެޗް.އީ.ސީ އާއެކު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ މުދާ އުފުލާ ކޮންޓޭނަރ ބޯޓުފަހަރަށް ޚާއްސަ، 14.6 މީޓަރު ފުން މިނުގެ 375 މީޓަރު ދިގު ކީ-ވޯލްއެއް ހެދުމާއި، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތަކުގައި ބޭނުންކުރާ މުދާ އުފުލާ އުޅަނދުފަހަރަށް ޚާއްސަ 5 މީޓަރުގެ ފުން، 820 މީޓަރުގެ ދިގު ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުން ހިމެނެ އެވެ.

ތިލަފުށީ މަޝްރޫއުގައި ޗައިނާއާއި އެމެރިކާގެ ޝައުގު މިހާ ބޮޑުވުމުން ހާމަވަނީ، އިންޑިއާ ކަނޑުގެ އުމްރާނީ ވަސީލަތްތަކާ ގުޅޭގޮތުން އުފެދިފައިވާ ވާދަވެރިކަން ކަމަށް ރިޕޯޓުގައިވެ އެވެ. ބެއިޖިންގް އިން އިންޖިނިއަރިންގ އަދި އިމާރާތްކުރުމުގެ ދާއިރާއިން މުހިންމު ދައުރެއް އަދާކުރަމުންދާއިރު، ވޮޝިންގޓަނުން މަސައްކަތް ކުރަމުންދަނީ ޑިޕްލޮމެޓިކް ގުޅުންތަކާއި، އިންވެސްޓްމަންޓް ޕާޓްނަޝިޕްތަކާއި، ސަޕްލައި-ޗެއިންގެ ގުޅުންތަކުގެ ޒަރީއާ އިން އެ ގައުމުގެ ނުފޫޒު ފުޅާކުރުމަށް މަސައްކަތް ކުރަމުން ކަމަށް ވެސް ޑެއިލީ މިރަރ އިން ބުނެފައިވެ އެވެ.

ދިވެހިރާއްޖެއަށް އޮތް އެންމެ ބޮޑު އިސްކަމަކީ، އިގްތިސާދު ސިންދަފާތުކޮށް ދިގުމުއްދަތުގެ ކުރިއެރުން ހޯދުމަށްޓަކައި ތިލަފުއްޓަކީ ޒަމާނީ ވިޔަފާރި ބަނދަރަކަށް ހެދުމެވެ. ނަމަވެސް، ދުނިޔޭގެ ބޮޑެތި ބާރުތަކުން މިފަދަ މުހިންމު ތަންތަނަށް ދޭ ސަމާލުކަން އިތުރުވަމުންދާއިރު، ރާއްޖޭގެ ބަނދަރުތަކަކީ ހަމައެކަނި ވިޔަފާރި ވަސީލަތްތަކެއްގެ ގޮތުގައި ނުބެލެވޭ ކަމަށާއި، ކޮލަމްބޯއާއި އިންޑިއާ ކަނޑުގެ އެހެން މަރުކަޒުތަކެކޭ އެއްފަދައިން، ތިލަފުއްޓަކީ ވެސް އިގްތިސާދީ ތަރައްގީއާއި، ކަނޑުގެ ސަލާމަތާއި، ޖިއޯޕޮލިޓިކަލް ވާދަވެރިކަން ބައްދަލުވާ މުހިންމު ތަނަކަށް ދަނީ ވަމުން ކަމަށް އެ ނޫހުގައިވާ ލިޔުމުގައިވެ އެވެ. މިއީ އަމިއްލަ މިނިވަންކަން ދަމަހައްޓަމުން އިންވެސްޓްމަންޓް ހޯދުމަށް މަސައްކަތްކުރާ ކުދި ގައުމުތަކަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށް އެ ރިޕޯޓުގައި ވަނީ ސިފަކޮށްފަ އެވެ.

އިންވެސްޓްމަންޓްތަކާއި ޑިޕްލޮމެޓިކް ސަމާލުކަން ލިބެމުންދިޔަ ނަމަވެސް، ދެކުނު އޭޝިއާގެ ގައުމުތަކުން އެމެރިކާގެ ކަނޑުގެ އިސްތިރާތީޖީގެ ފަހަތުގައިވާ އަސްލު މަގްސަދުތަކާ މެދު ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމަށާއި، ވޮޝިންގޓަނުން ގިނަފަހަރަށް އިސްކަންދެނީ އެމެރިކާގެ ޖިއޯޕޮލިޓިކަލް މަސްލަހަތަށް ކަމަށް ރިޕޯޓުގައިވެ އެވެ. އެއީ ވާދަވެރި ބާރުތަކުގެ ނުފޫޒު ކުޑަކުރުމަށާއި، އެ ގައުމުގެ ކަނޑުގެ ލޮޖިސްޓިކްސް ރައްކާތެރިކުރުމަށެވެ. ބޮޑު ބާރެއްގެ އިސްތިރާތީޖީ މަގްސަދުތަކުގެ ނުފޫޒު މިފަދަ ނިންމުންތަކަށް ފޯރުމުން، ގައުމުތަކުގެ އަމިއްލަ ނިންމުންތައް ނިންމުމަށް ދަތިތަކާ ކުރިމަތިވާ ކަމަށް ރިޕޯޓުގައިވެ އެވެ. ދަރަނިން ސަލާމަތްވުމަށާއި ދެމެހެއްޓެނިވި ކުރިއެރުމަށް މަސައްކަތްކުރާ ތަރައްގީވަމުން އަންނަ ގައުމުތަކަށް، ހުޅަނގުގެ ސަލާމަތީ އެޖެންޑާތަކާ އެއްގޮތަށް އަމަލުކުރުމަށް ޕްރެޝަރު ކުރިމަތިވެ، ގައުމުގެ އަސްލު ބޭނުންތަކާ ނުގުޅޭ ސިޔާސަތުތަކެއް ކަނޑައަޅަން މަޖުބޫރުވާ ކަމަށް މި ލިޔުމުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، ސަލާމަތީ ކަންކަމަށް ބިނާކޮށް ކުރިއަށްގެންދާ މިފަދަ ގުޅުންތަކުގެ ސަބަބުން، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަކީ ބޮޑެތި ބާރުތަކުގެ ވާދަވެރިކަމުގެ މައިދާނަކަށް ވުމުގެ ބިރު އޮންނަ ކަމަށާއި ވިޔަފާރި ބަނދަރުތަކާއި ލޮޖިސްޓިކްސް މަރުކަޒުތަކަކީ ދުނިޔޭގެ ވާދަވެރިކަމުގައި ބޭނުންކުރާ ވަސީލަތްތަކެއްގެ ގޮތުގައި އެމެރިކާއިން ދެކޭނަމަ، ވަކި ފަރާތަކަށް ނުޖެހި ތިބި ގައުމުތައް ވެސް މި ޖިއޯޕޮލިޓިކަލް ހަމަނުޖެހުންތަކުގެ ތެރެއަށް ވަދެގެންދާނެ ކަމަށް ބުނެފައިވެ އެވެ. އިގްތިސާދީ ގޮތުން ގުޅިގެން މަސައްކަތްކުރުމުގެ ބަދަލުގައި، ދެކުނު އޭޝިއާގެ ކަނޑުގެ ދޮރާށިތަކަކީ ވާދަވެރި ބާރުތައް ހުއްޓުވުމަށް ބޭނުންކުރާ ހަތިޔާރަކަށް ހެދުމުން، ސަރަހައްދީ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހުރިހާ ބާރުތަކާއެކު ހަމަހަމަ ގުޅުމެއް ބޭއްވުމަށް ބޭނުންވާ ކުދި ގައުމުތަކަށް، މިފަދަ ވާދަވެރިކަމެއްގެ ތެރެއަށް ވަނުމަކީ ދިގުމުއްދަތުގެ ސަލާމަތާއި ނުތަނަވަސްކަމަށް މަގުފަހިވާނެ ކަމެއް ކަން ވަނީ ފާހަގަ ކޮށްފަ އެވެ.

ބަނދަރުތަކާއި ލޮޖިސްޓިކްސް ނެޓްވޯކްތަކަކީ އިގްތިސާދީ ކުރިއެރުމަށް މުހިންމު ތަންތަނަށް ވީނަމަވެސް، އިންޑިއާ ކަނޑުގެ ނުފޫޒު ހޯދުމަށް މަސައްކަތްކުރާ ގައުމުތަކަށް މިއީ ވަރަށް މުހިންމު ތަންތަނުގެ ގޮތުގައި ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ. ކުދި ގައުމުތަކަށް އޮތް ގޮންޖެހުމަކީ، އިންވެސްޓްމަންޓްތައް ހޯދައި ތަރައްގީއައިގެން ކުރިއަށްދާއިރު، މި މަޝްރޫއުތަކަކީ ޖިއޯޕޮލިޓިކަލް ވާދަވެރިކަމުގެ ހަތިޔާރަކަށް ވިޔަނުދީ، ގައުމީ މަސްލަހަތު އިސްކުރާ މަޝްރޫއުތަކަކަށް ހެދުން ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

ރިޕޯޓުގައި ބުނެފައިވަނީ ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" (ބީއާރުއައި) ގެ ފުޅާ އުމްރާނީ ވަސީލަތްތަކާއި، މެދުއިރުމަތީގެ ނުރައްކާތެރި ހާލަތާ ގުޅިގެން، އެމެރިކާއިން ދަނީ ދެކުނު އޭޝިއާގައި ގެންގުޅޭ ކަނޑުގެ އިސްތިރާތީޖީ އަލުން މުރާޖައާ ކުރަމުންނެވެ. ވޮޝިންގޓަނުން މިހާރު ވަނީ ފިނި ހަނގުރާމައިގެ ދުވަސްވަރު ގެންގުޅުނު، ހަމައެކަނި ވަކިވަކި އަސްކަރީ މަރުކަޒުތަކަށް ބަރޯސާވުމުގެ ސިޔާސަތު ދޫކޮށްލާފަ އެވެ. އޭގެ ބަދަލުގައި މިހާރު ގެންގުޅެނީ އިގްތިސާދީ ގުޅުންތަކާއި، އެކި ގައުމުތަކާއެކު ގުޅިގެން މަސައްކަތްކުރުމުގެ އާ ސިޔާސަތެއްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ހަމައެކަނި އަސްކަރީ މަރުކަޒުތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، އެމެރިކާއިން ދަނީ ވިޔަފާރި އުމްރާނީ ވަސީލަތްތަކާއި، ތަރައްގީގެ ފައިނޭންސް އަދި ކަނޑުގެ ސަލާމަތީ ކަންކަން މެދުވެރިކޮށް ސަރަހައްދީ ނުފޫޒު ފުޅާކުރަމުންނެވެ. މިފަދަ ގުޅުންތަކުގެ ސަބަބުން ކުރިއެރުމުގެ ފުރުސަތުތައް ލިބުނު ނަމަވެސް، ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތު ގެންގުޅޭ ގައުމުތަކުގެ މެދުގައި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ގައުމުގެ މުހިންމު ވަސީލަތްތަކަކީ ބޮޑެތި ބާރުތަކުގެ ވާދަވެރިކަމުގެ މައިދާނަކަށް ވިޔަނުދީ، އިންވެސްޓްމަންޓާއި ތަރައްގީގެ ފައިދާ ހޯދުން ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

އެމެރިކާއިން ދަނީ ސްރީލަންކާގެ ކޮލަމްބޯ ބަނދަރާއި ރާއްޖޭގެ ތިލަފުށީ ބަނދަރު ފަދަ މުހިންމު ވިޔަފާރި ވަސީލަތްތަކާ ގުޅުން ގާއިމުކޮށް، ދެކުނު އޭޝިއާގައި އެ ގައުމުގެ ކަނޑުގެ އިސްތިރާތީޖީ ވަރުގަދަކުރަމުން ކަމަށް މި ރިޕޯޓުގައި ބުނެފައިވެ އެވެ. 

މި ސިޔާސަތުގެ ދަށުން އެމެރިކާގެ މައިގަނޑު އަމާޒަކަށް ދިވެހިރާއްޖެ ވަނީ ވެފަ އެވެ. މަތީފަންތީގެ ވަފުދުތައް ވަރަށް ގާތްގާތުގައި ޒިޔާރާތްކުރާއިރު ބޭރުފުށުން މިއީ އިގްތިސާދީ އެއްބާރުލުން އިތުރުކުރުމުގެ ދަތުރެއްގެ ގޮތުގައި ދެއްކި ނަމަވެސް، މިއީ އިންޑިއާ ކަނޑުގެ އެންމެ މުހިންމު އެއް ބަނދަރުގެ މުސްތަގުބަލު ބައްޓަންކުރުމުގައި ބައިވެރިވުމަށް ވޮޝިންގޓަނުން ގެންގުޅޭ އިސްތިރާތީޖީ ވިސްނުމެއްކަން ދަނީ ހާމަވަމުންނެވެ.

ތިލަފުށިރާއްޖެ-އެމެރިކާ

އިތުރަށް ކިޔާލަން

20 ޖުލައި 2026

ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ބޮޑު އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލް ކުރެވުނީ ހޯމަ ދުވަހުގެ ހެނދުނު!

20 ޖުލައި 2026
ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ބޮޑު އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލް ކުރެވުނީ ހޯމަ ދުވަހުގެ ހެނދުނު!
09 ޖުލައި 2026

ސައީދަށް ޕީއެންސީ އެކްޓިވިސްޓަކު ފޮނުވާ ސިޓީ

09 ޖުލައި 2026
ސައީދަށް ޕީއެންސީ އެކްޓިވިސްޓަކު ފޮނުވާ ސިޓީ
04 ޖުލައި 2026

އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު އެމެރިކާގެ ރައީސް އަށް ތަހުނިޔާ ފޮނުއްވައިފި

04 ޖުލައި 2026
އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު އެމެރިކާގެ ރައީސް އަށް ތަހުނިޔާ ފޮނުއްވައިފި
10 ޖޫން 2026

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުމާކުރި ލެގޫން ކްލީނިންގ ވެސެލް، "ސާސޭ ސީ ސްކައުޓް" ރަސްމީކޮށް އިފްތިތާހުކޮށްފި

10 ޖޫން 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުމާކުރި ލެގޫން ކްލީނިންގ ވެސެލް، "ސާސޭ ސީ ސްކައުޓް" ރަސްމީކޮށް އިފްތިތާހުކޮށްފި
26 މާރިޗު 2026

ރާއްޖެ އިން އެމެރިކާގެ ވައިގެ ސިފައިންނާ ގުޅިގެން ތަމްރީނުތަކެއް ބޭއްވުމަށް ތައްޔާރުވަނީ

26 މާރިޗު 2026
ރާއްޖެ އިން އެމެރިކާގެ ވައިގެ ސިފައިންނާ ގުޅިގެން ތަމްރީނުތަކެއް ބޭއްވުމަށް ތައްޔާރުވަނީ
24 މާރިޗު 2026

ޓްރަމްޕްގެ މަންދޫބު ސާޖިއޯ، ފޮރިން މިނިސްޓަރު ޚަލީލް އާއި ޑިފެންސް މިނިސްޓަރު ޣައްސާންއާ ބައްދަލު ކުރައްވައިފި

24 މާރިޗު 2026
ޓްރަމްޕްގެ މަންދޫބު ސާޖިއޯ، ފޮރިން މިނިސްޓަރު ޚަލީލް އާއި ޑިފެންސް މިނިސްޓަރު ޣައްސާންއާ ބައްދަލު ކުރައްވައިފި
23 މާރިޗު 2026

ޓްރަމްޕްގެ މަންދޫބު ސާޖިއޯގެ ދަތުރު ރާއްޖެ އިން ސިއްރު ކޮށްގެން އުޅުމަށް ފަހު، ނޫސްވެރިން ސުވާލު ކުރުމުން ރާއްޖޭގައި އޭނާ ހުންނެވި ކަަމަށް ސަރުކާރުން އެއްބަސްވެއްޖެ

23 މާރިޗު 2026
ޓްރަމްޕްގެ މަންދޫބު ސާޖިއޯގެ ދަތުރު ރާއްޖެ އިން ސިއްރު ކޮށްގެން އުޅުމަށް ފަހު، ނޫސްވެރިން ސުވާލު ކުރުމުން ރާއްޖޭގައި އޭނާ ހުންނެވި ކަަމަށް ސަރުކާރުން އެއްބަސްވެއްޖެ
19 މާރިޗު 2026

ޓްރަމްޕްގެ ޚާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެ ވަޑައިގަންނަވަނީ

19 މާރިޗު 2026
ޓްރަމްޕްގެ ޚާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެ ވަޑައިގަންނަވަނީ
19 ފެބުރުއަރީ 2026

އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ލަންކާ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

19 ފެބުރުއަރީ 2026
އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ލަންކާ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި
05 ފެބުރުއަރީ 2026

މި އަހަރުގެ ނިޔަލަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިމެނޭކަމަށް ބުނި ނަމަވެސް އެކަން ނުވެ އަންނަ އަހަރަށް އައު ތާރީހެއް މުއިއްޒު ދެއްވައިފި

05 ފެބުރުއަރީ 2026
މި އަހަރުގެ ނިޔަލަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިމެނޭކަމަށް ބުނި ނަމަވެސް އެކަން ނުވެ އަންނަ އަހަރަށް އައު ތާރީހެއް މުއިއްޒު ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް