ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ބޮޑު އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލް ކުރެވުނީ ހޯމަ ދުވަހުގެ ހެނދުނު!
ތިލަފުށީ ކުނިގޮނޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ 10 ގަޑިއިރުގެ މަސައްކަތުން ކަމަށް އެމްއެންޑީއެފުން ބުނެ. މި ހާދިސާ ހިނގަން މެދުވެރިވީ ގޮނޑުގައި ހުރި އަލިފާން ބާރު ވަޔާއެކު ފެތުރުމުން ކަމަށް ބެލެވޭއިރު، އަލިފާން އެއްކޮށް ނިއްވާލުމުގެ މަސައްކަތް ދަނީ ކުރަމުން


ތިލަފުށީ ކުނިގޮނޑުގައި އަލިފާން ރޯވެ އަނދަނީ | މޯލްޑިވްސް ޕޮލިސް ސާރވިސް
ކ. ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ހޯމަ ދުވަހު އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ އާދިއްތަ ދުވަހުގެ ރޭ 22:20 ހާއިރު ކަމަށެވެ.
މި މައުލޫމާތު ލިބުމުން، ތިލަފުށީ ފަޔަރ ސްޓޭޝަނާއި، މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރި ކަމަށެވެ.
އެގޮތުން އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާ ވަރަށް ކޮންޓްރޯލް ކުރެވިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 08:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް އަލިފާނުގެ އަސަރު ހުރުމުން ފަޔަރފައިޓަރުން ދަނީ އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި ރޯވެފައިވަނީ ކުނިގޮނޑެއްގައި ކަމުން އެއްކޮށް އަލިފާން ނިއްވާލުމަށް އިތުރު ވަގުތު ހޭދަވާނެކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މި ހާދިސާ ހިނގަން މެދުވެރި ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް މިއީ ބައެއްގެ ސަބަބުން ހިނގިކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ބޮޑަށް ބެލެވެނީ ގޮނޑުގައި އާންމުކޮށް ރޯވެފައި ހުންނަ އަލިފާން، ބާރު ވަޔާއި އެކު އިތުރަށް ފެތުރުނީ ކަމަށެވެ.
ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، އާދިއްތަ ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫ، ކަޅިދިރިމާގޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ވަނީ ނިއްވާލާފަ އެވެ. އަދި އާދިއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ލ.ފޮނަދޫ ކުރިގަމު އަވަށުގައި ހައުސިންގ ޔުނިޓް އަޅާ ސަރަހައްދު ވަލުތެރޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވެ އެވެ.
މިފަހަކަށް އައިސް މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ އެކި ރަށްތަކުގައި އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު ވަނީ އިތުވެފަ އެވެ.









