ސައީދަށް ޕީއެންސީ އެކްޓިވިސްޓަކު ފޮނުވާ ސިޓީ
މި ސަރުކާރު ގެނައުމަށް މަސައްކަތްކުރި ސަޕޯޓަރަކު އިގްތިސާދީ ވަޒީރު މުހައްމަދު ސައީދަށް ފޮނުވި މި ސިޓީގައި، ގައުމުގެ ހާލަތު ގޯސްވަމުންދާއިރު އަދިވެސް ކުރީ ސަރުކާރުގެ ބޮލުގައި ކަންކަން އެޅުވުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ. އަދި ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދި، އިގްތިސާދީ މަޝްރޫއުތަކުން ނަތީޖާ ނުފެންނާތީ އާންމުންގެ ނުރުހުން އިންތިހާއަށް އޮތްކަން މި ސިޓީގައި ފާހަގަކޮށްފައިވެއެވެ.


އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު. | ރައީސް އޮފީސް
ސައީދަށް.
ސައީދު ފިނިފެންމަލަށް ކިތަންމެ ލޯބި ކުރިނަމަވެސް ތިޔަ އުޅުއްވާ ގޮތަކުން އޭގެ ގުލްދަސްތާތަކަކުން ވެދުން ކުރާކަށް މިފަހަރަކު ނެތީމެވެ. ކިތަންމެ ހިތްޕުލާ ނުވިއަސް ދެން ކުރާނެ ކަމެއް ނެތެވެ.
ސައީދޫއެވެ. މަށަކު މިސިޓީ މިފޮނުވަނީ ކޮންމެހެން ފޮނުވާ ހިތަކުން ނޫނެވެ. އަދި ކިއެއް ހެއްޔެވެ. މީކީ މަ ކުރާހިތްވާވެސް ކަމެއް ނުމެ ނޫންމެއެވެ. އަދި މިކަމުން ދެރަލިބޭނީ މަށާ، މަގޭ ޖާނުދީގެން ގެނައި މުއިއްޒުގެ ސަރުކާރަށް ކަންވެސް އަހަރެން ގަބޫލު ކުރަމެވެ.
އެކަމަކުވެސް ސައީދޫއެވެ. އޭރުވެސް ނުކުތީ ގައުމުގެ ހައްގުގައެވެ. ކޮންމެހެން މަ ނިސްބަތްވި ޕާޓީ މީހަކަށް ވެރިކަން ހޯދައިދޭކަށް ނޫނެވެ. ހަމަ އެބީދައިން މިހާރު ސައީދަށް މި ސިޓީ މިފޮނުވަނީވެސް ގައުމުގެ ހައްގުގައެވެ. މަށާ ސައީދުވެސް ލޯބިވާ އަހަރެމެންގެ ޕާޓީ ރޫހު އިހަށް އެއް ފަރާތް ކޮށްފައެވެ.
ސައީދޫއެވެ. މިހާރު ތިޔަ ދަނީ ތަންކޮޅެއް މައްޗަށް ކަމަށް މަށަށް ހީވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެކަމަކު ކުޑައިކޮށް މަޑުކޮށްލައިގެން މިހުރީ އަމިއްލައަށް ތައްކަތު ވެދާނެ ކަމަށް ހީކޮށްގެންނެވެ. އެކަމަކު މިހާރު ހަނުހިމޭނުން ހުރެވޭވަރަށްވުރެ ބޮޑުވީމާ އިހަށް ރީތިކޮށް އަންގާލަނީއެވެ. މިއީ ހެޔޮއެދޭ މީހަކުދޭ ނަސޭހަތެއް ކަމަށް ބެލިއްޔާ ވަރަށް އުފާވާނެއެވެ. އެނޫން ގޮތަކަށް ދެކެންޏާ މިއީ ދޭ އިންޒާރެއްކަމަށް ހީކުރިއަސް މަށަކު ފަރުވާލެއް ނެތެވެ.
ސައީދޫއެވެ. އަހަރެމެން އިބުރާހީމްމެން ބޭލީ އެއަށްވުރެ މޮޅުގޮތެއް ހޯދާށެވެ. އެއަށްވުރެ ރަނގަޅުގޮތް ގައުމަށް ހޯދާން ވެގެންނެވެ. މުއިއްޒު އޭރު ވިދާޅުވި ބަސްފުޅު މިއަދުވެސް މަގޭ ކަންފަތުގައި ވަރަށް ރީތިކޮށް ހަރުލާފައި އެބަހުއްޓެވެ. "ކަންކުރާނެ ގޮތުގެ ޕްލޭން ތަކާއި އެކަންކަމަށް ބޭނުންވާ ފައިސާ ހުރީ ހަމަޖެހި ނިމިފައިކަމަށް" ވިދާޅުވި ވިދާޅުވުމެވެ. ބޭނުންވަނީ ހަމައެކަނި ވެރިކަން އެކަނިކަމަށް ބުނީތީ މަށާ މަގޭ ވަންހަ ޖެހޭ އެންމެނާ ތަންގަނޑު މީހުންނަށް ވަސްވާސްދީގެން އެމީހުންވެސް ނެރުނީ އިބުރާހީމް ބަދަލުކޮށް މުއިއްޒު ގެންނާށެވެ.
ސައީދޫއެވެ. އޭގެ ފަހުން މިހާރު ދައުރު މެދުން ނެއްޓި ދައުރު ހަމަވުމާ ދިމާލަށް ދަނީއެވެ. އެކަމަކު ސައީދުމެން ތިޔަތިބެނީ އަދިވެސް "ކުރީ ސަރުކާރު، ކުރީ ސަރުކާރު" ކިޔާލަ ކިޔާލައެވެ.
ސައީދޫއެވެ. އަހަރެމެން ވެރިކަމާ ހަވާލުވީކީ ކުރީ ސަރުކާރު ބުނެގެނެއް ނޫނެވެ. އަދި އެމީހުނަށް ތާއީދުކުރި މީހުން ބުނެގެނެއްވެސް ނޫންމެއެވެ. އެއާ ޚިލާފަށް އެމީހުނަށް ނުވެގެންނެވެ. ރައްޔިތުން ގާތު އާދޭސްކޮށް ވޯޓު ހޯދައިގެން މީގެ ތެރެއަށް ބޯ ކޮއްޕާލީ އަހަރެމެންނަށް ވާނެއޭ ކިޔާފައެވެ. އިބުރާހީމާ، އޭރުގެ ކުރީގެ ސަރުކާރުތަކުން ނަގާފައި އޮތް ލޯނުތައްވެސް ދައްކަން ޖެހޭނެކަން އެނގިތިބެގެން އެކަންކަން މެނޭޖް ކުރެވޭނެ ކަމަށް ބުނެ ނުލާހިކު ފޮނި ކަނޑަމުންނެވެ. އިގްތިސޯދު އޮތް ހާލަތު އެނގޭ ކަމަށާއި ކިތަންމެ ހާލެއްގައި އޮތަސް ނަގާ ކޮޅަށް ޖަހައި، ބައިތުލް މާލު ދެގުނަ ކުރާނަމޭ އަހަރެމެން އަޑުގެ ކޮޅަށް ގޮވާ ނެގީމެވެ. މަހުގެ އަގު 20 ރުފިޔާ އަށްވުރެ ދަށްވިއަކަ ނުދޭނެ ކަމަށާއި ތަކެތީގެ އަގު ބޮޑުވިޔަ ނުދީ އަތްފޯރާ ފަށުގައި ބަހައްޓާނަމޭ އަހަރެމެން މޭގައި އަތްޖަހާފައި ބުނީމެވެ. އާސަންދަ ދޭނީ ހަމައެކަނި އިންޑިޔާ ލަންކާއިން ނޫންކަމަށާއި ތައިލެންޑާ ހަމައަށްވެސް ފޮނުވާ ހުރިހާ ހަރަދެއް ބަލަހައްޓާނަމޭ އަހަރެމެން ނުބުނަމު ހެއްޔެވެ. އިންޑިޔާއިން ފަޑުއްކަ ބޭސް ގެނައުމުގެ ބަދަލުގައި ރައްޔިތުންނަށް ދޭނީ ޔޫރަޕުގެ މޮޅު ބޭހޭ ކިޔާ ނެގީ ސައީދުމެން ބުނެގެން އަހަރެމެންނެވެ.
ސައީދޫއެވެ. އެކަމަކު މިއަދު ތިޔަ ކިޔާން ފެށީ މުޅިން އެހެން ލަވައެކެވެ. ތިޔަ ގޮވަނީ އެހެން ގޮވެލި ފައްޗެކެވެ. ސައީދު ބުނެގެން މަޖީލީހުގެ ބޮޑު މެޖޯރިޓީ ދިނީމާ މިއަދު ތިޔަ ބުނަނީ ޑޮލަރުގެ އަގު ތިރި ނުވެގެން އުޅެނީ އެމްޑީޕީގެ ސަރުކާރު ތަކާ ހެދި ކަމަށެވެ. ގެނައި ސައޫދީ ޕްރިންސް ދިން މަލްޓި މިލިއަން ޑޮލަރުގެ ވާހަކަ ދެއްކުން ތިޔަވަނީ ހުއްޓާލާފައެވެ. އެތާއެޅި ބިންގާ އަދިވެސް އެހުރީ ފެންނާށެވެ. ފޮނިކަނޑާފައި އުފެއްދި މޮޅު ޑިވެލޮޕްމަންޓް ބޭންކުން ޚިދުމަތެއް ލޯނެއް ނުދީ މިލިއަނުން ޚަރަދު ކުރާތާ ވީ ދުވަހެއް ވީއެވެ. އެތަނަށް ގެނައި ދެވަނަ މީހާވެސް މުސާރަކޮޅު ނަގައިގެން އެދިޔައީ އެނބުރި ގައުމަށެވެ. ސައީދުމެން ބުނެގެން އަހަރެމެން މިތިބީ އަތްޖަހާލަ ޖަހާލައެވެ. ބިލިއަނުން ޑޮލަރު ލިބޭނެއޭ ސައީދު ބުނި ބަންކަރިންނަށް ގެނައި ބޯޓު ފެނުނީ ބާ ދަގަނޑަށް ތިލަފުށީ ގޮނޑުދޮށަށް ދޫކޮށްލާފައި އޮއްވައެވެ.
ސައީދޫއެވެ. ހެޔޮނުވާނެއެވެ. ދެން ހުއްޓާލާށެވެ. މިހާރު ފުދިއްޖެއެވެ. މީހުންގަނޑު އެއޮށް އުތުރި އަރަނީއެވެ. މިހާރު މަގެއްގައި ހިނގާލާ ދެމީހަކު އެއްވެލާ ތާކަށް ބޮލެއް ކޮއްޕާލެވެންވެސް ނެތެވެ. ސައީދުމެން ފިނިކޮޓަރީގައި އަރާމުގައި ތިއްބަސް ވޯޓުދިން ރައްޔިތު މީހާ ގާތު އުޅެން ޖެހެނީ އަހަރެމެންނެވެ. އެމީހުން އެހެރަ ދޭ ލާނަތާއި ގޮވާ ކުނިހުތުރު އަޑުއިވޭނީ އަހަރެމެންނަށް ތާއެވެ.
ސައީދޫއެވެ. އިތުރަކަށް ދިގުކުރާކަށް ނެތީމެވެ. އިހުބަހަކާ ފަހަކަށްވެސް މަ ބުނާނީ ތިޔަ ލަވަ ބާވެއްޖެ ކަމަށެވެ. އިތުރަށް މަތިއޮމާންކުރަން ނޫޅެ އަވަހަށް ތިޔަކަމުން ދުރުވާން އުޅޭށެވެ. ފެތުނު އޮޑީގެ ރިޔާ ދަށުނުވެ ސަލާމަތްވާން އުޅޭހެން ރައްޔިތުންވެސް އެތިބީ އެފިކުރުގައެވެ. އިތުރަކަށް ދެން ތިޔަ ގޮވެލި ފައްޗެއް އަޑުއަހާނެ ބަޔަކު މިހާރަކު ނެތެވެ. ދެން ރަނގަޅުވާނީ އިތުރަށް ތިޔަދަމާ ހާސަރުތައް ދެން ނުދަމާ މަމެންނަކަށް މިކަމެއް ނުވިއޭ ބުނިއްޔާއެވެ. ވަރަށް ސަލާމެވެ.




