އީރާން އާއެކު ކުރި މަޝްވަރާތަކުން މާލީ މަންފާ ހޯދުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތު އެމެރިކާގެ ނައިބު ރައީސް ދޮގުކުރައްވައިފި
ޑްރޮޕް ސައިޓް ނިއުސް އިން ބުރާސްފަތި ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސްވިޒަލެންޑުގައި ބޭއްވި މަޝްވަރާ ތަކުުގައި އީރާން އިން ވޭންސް އަށް މެސެޖު ފޮނުވައި، ކުޝްނާ އާއި ވިޓްކޮފް މަޝްވަރާ ތަކުގައި ބައިވެރިވާ ފަރާތްތަކުގެ ހައިސިއްޔަތުން ނުރަނގަޅު ފައިދާތަކެއް ނަގަމުން ގެންދާ ކަމަށް ބުނެފައިވޭ


އެމެރިކާާގެ ނައިބު ރައީސް ޖޭޑީ ވޭންސް | ގެޓީ އިމޭޖަސް
އީރާން އާއެކު އެމެރިކާާ އިން ކުރިއަށް ގެންދިޔަ މަޝްވަރާތަކުން މާލީ މަންފާ ހޯދުމަށް، އެމެރިކާގެ މަންދޫބުން ކަމަށްވާ ޖެރާޑް ކުޝްނާ އާއި ސްޓީވް ވިޓްކޮފް މަސައްކަތް ކުރެއްވި ކަމަށް ކުރާ ތުހުމަތު، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ދޮގު ކުރައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމެރިކާގެ ނައިބު ރައީސް ވޭންސް ވިދާޅުވެފައި ވަނީ، އެއީ މުޅިން ދޮގު ތުހުމަތުތަކެއް ކަަމަށެވެ. އަދި ވިޓްކޮފް އާއި ކުޝްނާ އަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިތުބާރު ހޯއްދަވާފައިވާ ބޭފުޅުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވޭންސް ވިދާޅުވީ ކުޝްނާ އާއި ވިޓްކޮފް ވިޔަފާރީގެ ފައިދާ ހޯދަން، ނުވަތަ މާލީ މަންފާ ތަކެއް ހޯދަން މަސައްކަތް ކުރާ ކަމުގެ ތުހުމަތަކީ އެއްގޮތަކަށް ވެސް ހަގީގަތަކަށް ނުވާނެ ކަމަށެވެ. ވޭންސް އެހެން ވިދާޅުވީ ހުރްމުޒް ލެޓާ ނަމަކަށް ކިޔާ އެކްސް އެކައުންޓަކުން ކޮށްފައިވާ ޕޯސްޓަށް ރައްދު ދެއްވަމުންނެވެ.
ޑްރޮޕް ސައިޓް ނިއުސް އިން ބުރާސްފަތި ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސްވިޒަލެންޑުގައި ބޭއްވި މަޝްވަރާ ތަކުުގައި އީރާން އިން ވޭންސް އަށް މެސެޖު ފޮނުވައި، ކުޝްނާ އާއި ވިޓްކޮފް މަޝްވަރާތަކުގައި ބައިވެރިވާ ފަރާތްތަކުގެ ހައިސިއްޔަތުން ނުރަނގަޅު ފައިދާތަކެއް ނަގަމުން ގެންދާ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް ވޭންސް ވިދާޅުވެފައި ވަނީ އެފަދަ މެސެޖެއް ދުވަހަކު ވެސް ލިބިފައި ނުވާ ކަމަށާއި، އެ ސަރަހައްދުގައި ސުލްޙަ އާއި ކުރިއެރުން ހޯދުމަށް ކުޝްނާ އާއި ވިޓްކޮފް ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
އެމެރިކާގެ ނައިބު ރައީސް ވޭންސް މިހެން ވިދާޅުވެފައި ވަނީ، ހަނގުރާމަ ނިންމުމަށް އެމެރިކާ އިން ކުރަމުން އައި މަސައްކަތްތައް ހުއްޓުވުމަށް އިސްރާއީލް އިން ނުފޫޒު ފޯރުވާފައިވާ ކަމަށް ވިދާޅުވިތާ ގަޑިއިރުތަކެއް ފަހުންނެވެ.
ކުޝްނާ އާއި ވިޓްކޮފް އަށް ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވައި ވަރުގަދަ ރައްދެއް ވޭންސް ދެއްވާފައިވާއިރު، އެ ދެ ބޭފުޅުންނަކީ ޓްރަމްޕްގެ ވަރަށް އަރިސް ދެ ބޭފުޅުންނެވެ. ކުޝްނާ އަކީ ޓްރަމްޕްގެ ދަނބިދަރި އެވެ. އަދި ވިޓްކޮފް އަކީ ޓްރަމްޕްގެ ޒަމާންވީ ރަޙުމަތްތެރިޔެކެވެ.
ވޭންސް ވިދާޅުވެފައި ވަނީ މެދު އިރުމަތީގެ ސަރަހައްދުގައި ސުލްޙަ ޤާއިމު ކުރުމަށް އެމެރިކާ އިން ކުރަމުން އަންނަ މަސައްކަތް ތަކުގައި ކުޝްނާ އާއި ވިޓްކޮފް ވެސް މުހިންމު ދައުރެއް އަދާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
މަސްދަރު: ރޮއިޓާސް










