އުމްރާގެ އަޅުކަން އަދާކުރުމަށް އެއް އަހަރުތެރޭ ސައުދީ އަށް އެތައް ފަހަރަކު ދަތުރު ކުރެވޭ ހާއްސަ ވިސާއެއް ތައާރަފްކޮށްފި
މި ވިސާ ދޫކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެކި ފަހަރު މަތިން ސައުދީ އަށް އެތެރެ ވެވޭނެ. ނަމަވެސް މެދެ ނުކެނޑި އުމްރާވެރިންނަށް ތިބެވޭނީ 90 ދުވަހުގެ މުއްދަތަކަށް


އުމްރާގެ އަޅުކަން އަދާ ކުރުމަށް ގޮސް ތިބި އުމްރާވެރިންތަކެއް | ސޯޝަލް މީޑިއާ
ސައުދީ އަރަބިއްޔާ އަށް އުމްރާގެ އަޅުކަން އަދާ ކުރުމަށް އެއް އަހަރު ތެރޭ އެކި ފަހަރު މަތިން އެތެރެވެވޭ ހާއްސަ ވިސާއެއް، ސައުދީގެ މިނިސްޓްރީ އޮފް ހައްޖާއި އުމްރާ އިން ތައާރަފު ކޮށްފި އެވެ.
މިނިސްޓްރީގެ އިއުލާނުގައި ބަޔާން ކޮށްފައިވާ ގޮތުގައި މި ވިސާ ފޯރުކޮށްދިނުމުގެ މަގުސަދަކީ އުމްރާވެރިންނަށް ލުއި ފަސޭހަ ކޮށްދީ، ސައުދީ ވިޝަން 2030 އަދި "ޕިލްގްރިމް އެކްސްޕީރިއަންސް ޕްރޮގްރާމް"ގެ ލަނޑު ދަނޑިތައް ހާސިލު ކުރުމަށެވެ.
މި ވިސާ ދޫކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެކި ފަހަރު މަތިން ސައުދީ އަށް އެތެރެ ވެވޭނެ އެވެ. ނަމަވެސް މެދެނުކެނޑި އުމްރާވެރިންނަށް ތިބެވޭނީ 90 ދުވަހުގެ މުއްދަތަކަށެވެ.
ހަމައެއާ އެކު ސައުދީ އަށް އެތެރެވުމުގެ ކުރިން މިނިސްޓްރީ އިން ތައާރަފް ކޮށްފައިވާ "ނުސުކް" އެޕްލިކޭޝަން މެދުވެރިކޮށް ހުއްދަ ހޯދަން ޖެހޭނެ އެވެ. ހުއްދަ ލިބުމާ އެކު އެ ޕްލެޓްފޯމް މެދުވެރިކޮށް ހިދުމަތްތަކުގެ ޕެކޭޖެއް ގަންނަން ޖެހޭނެ ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.
މީގެ އިތުރަށް ކޮންމެ ދަތުރެއް ނިންމައި ފުރައިގެން ދިޔުމުން ވިސާ ޑީއެކްޓިވޭޓްވެ، އަންނަ ދަތުރަށް ބޭނުންވާ ޝަރުތުތައް އުމްރާވެރިޔާ ހަމަ ކުރުމުން އަލުން އެކްޓިވޭޓް ވާނެ ކަމަށް މިނިސްޓްރީ އިން ނެރެފައިވާ އިއުލާނުގައި ވަނީ ބަޔާންކޮށްފައި އެވެ.
ނަމަވެސް، މި ވިސާގެ ދަށުން ހައްޖު މޫސުމުގެ ދުވަސްވަރު އެތެރެ ނުވެވޭ ގޮތަށް ވަނީ ހަމަޖައްސާފައި އެވެ. އެއީ ހައްޖާއި އުމްރާ މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި ކޮންމެ ހިޖުރީ އަހަރެއްގެ ޒުލްގައިދާ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޒުލްހިއްޖާ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މި ވިސާ މެދު ކަނޑާލާނެތީ އެވެ.
މިނިސްޓްރީ އިން ބަޔާން ކޮށްފައިވާ ގޮތުގައި މި ވިސާގެ ސަބަބުން އުމްރާވެރިންނަށް ދަތުރު ރާވަން ފަސޭހަވެ، ޑިޖިޓަލް އަދި އޮޕެރޭޝަނަލް ހިދުމަތްތައް ދަތުރު ތެރޭގައި އިތުރަށް ހަރުދަނާ ވެގެންދާނެ އެވެ.
ރާއްޖެ އިން އުމްރާގެ މާތް އަޅުކަމަށް ދަތުރުކުރާ މީހުން ދަނީ އިތުރު ވަމުންނެވެ. މި ޖުލައި މަހުގެ ޗުއްޓީއާ ދިމާކޮށް އެކި އުމްރާ ގްރޫޕް ތަކާއެކު 4000 އަށް ވުރެ ގިނަ މީހުން ސައުދީ އަށް ގޮސްފައިވާ ކަމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފައި އެވެ.









