"އަހަރެން ސައުދީ ޝާހީ އާއިލާ އަށް ހަޖޫ ޖެހުމުން އަހަރެންގެ ފޯނު ހެކް ކޮށް އަހަރެންގެ ގައިގައި ތަޅައިގަތް"
ލަންޑަނުގައި ދިރިއުޅޭ ޔޫޓިއުބަރު ޣާނިމް އަލް މަސާރީރު ސައުދީ ޝާހީ އާއިލާ އާ ދެކޮޅަށް ވީޑިއޯ ނެރުމުން، ޕެގަސަސް ހެކިންގް ޓޫލް ބޭނުން ކޮށްގެން އޭނާގެ ފޯނު ހެކްކޮށް، ފާރަލައި، ހަމަލާދީ އޭނާ އަށް އަނިޔާ ކުރި. ހައިކޯޓުން ސައުދީ އަރަބިއްޔާ އިން ބަދަލުގެ ގޮތުގައި 3 މިލިއަން ޕައުންޑް ދެއްކުމަށް އަމުރުކޮށްފައިވޭ. މި ހާދިސާތަކުގެ ސަބަބުން އޭނާ ނަފްސާނީ ގޮތުން ބަލިކަށި ވެ، ތިން އަހަރު ވަންދެން އެއްވެސް ވީޑިއޯއެއް އާންމެއް ނުކުރޭ.

"ދަ ޣާނިމް ޝޯ" ގެ ޔޫޓިއުބް ޗެނަލް ސަބްސްކްރައިބް ކޮށްފައިވާ މީހުންގެ އަދަދު 600,000 އަށް އަރާ. | ސްކްރީން އިމޭޖް
ސަތޭކަ މިލިއަނަށްވުރެ ގިނަ ވިއުސް ހޯދާފައިވާ ޔޫޓިއުބަރު ޣާނިމް އަލް މަސާރީރަކީ އޭނާގެ މަގުބޫލުކަން ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ފަރާތެކެވެ.
ލަންޑަނުގެ ވެމްބްލީ ގައި ހުންނަ އޭނާގެ ފްލެޓުގައި ހުރެގެން، ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާ އަށް ފާޑުކިޔައި، ބައެއް ފަހަރު ހަޖޫ ޖަހަމުންދިޔަ މި ކޮމީޑިއަން ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފަ އެވެ. ނަމަވެސް އޭނާ އަށް ސަޕޯޓުކުރާ މީހުންގެ އިތުރުވަމުން ދިޔަ އިރު، ނުފޫޒުގަދަ ދުޝްމަނުންތަކެއް ވެސް އޭނާ ވަނީ އުފައްދާފަ އެވެ.
އަލް މަސާރީރަށް އެންމެ ފުރަތަމަ ފާހަގަވީ އޭނާގެ ފޯނަށް އާދަޔާ ހިލާފު ބަދަލުތަކެއް އަންނަން ފެށިކަމެވެ. ފޯނު ވަރަށް ބޮޑަށް ލަސްވެ، ބެޓެރީ ވަރަށް އަވަހަށް ހުސްވާން ފެށީ އެވެ.
އޭގެ ފަހުން، ލަންޑަނުގެ އެކި ސަރަހައްދުތަކުން އެއް ބަޔަކު ތަކުރާރުކޮށް އޭނާއަށް ފެންނަން ފެށިއެވެ. ސައުދީ ސަރުކާރަށް ތާއީދުކުރާ ކަމަށް ބެލެވޭ ބަޔަކު މަގުމަތިން އޭނާ ހުއްޓުވައި، ފުރައްސާރަކޮށް، އޭނާގެ ވީޑިއޯ ނަގަން ފެށި އެވެ. ނަމަވެސް އޭނާ ހުންނަ ތަން އެމީހުންނަށް އަބަދުވެސް އެނގެނީ ކިހިނެއް ހެއްޔެވެ؟
އޭނާގެ ފޯނު ބޭނުންކޮށްގެން އޭނާއަށް ފާރަލަމުންދާ ކަމުގެ ބިރު އަލް މަސާރީރަށް ހީވިއެވެ. ސައިބަރ ތަޖުރިބާކާރުން ފަހުން ކަށަވަރުކޮށްދިން ގޮތުގައި، އޭނާއަކީ، ދުނިޔޭގައި ނަން މަޝްހޫރު "ޕެގަސަސް" ހެކިންގް ޓޫލް ބޭނުންކޮށްގެން ފާރަލަމުންދިޔަ ޝިކާރަ އެކެވެ.
"އެއީ އަހަންނަށް ގަބޫލުކުރަން ވެސް ދަތިވި ކަމެއް. އެމީހުންނަށް އަހަރެން ހުރި ތަން ފެނޭ. ފޯނުގެ ކެމެރާ ހުޅުވާލެވޭ. މައިކްރޯފޯން ޖައްސައިގެން ދައްކާ ވާހަކަ އަޑުއެހޭ،" އަލް މަސާރީރު ބީބީސީ އަށް ކިޔައިދިނެވެ. "އެމީހުން އަތުގައި އަހަރެންގެ ހުރިހާ ޑޭޓާއެއް، ފޮޓޯތަކެއް، ހުރިހާ އެއްޗެއް ހުރޭ."
ހަ އަހަރު ދުވަހުގެ ގާނޫނީ ހަނގުރާމައަކަށް ފަހު، ލަންޑަނުގެ ހައިކޯޓުން ހޯމަ ދުވަހު ވަނީ މިކަމުގެ ޒިންމާ ސައުދީ އަރަބިއްޔާ އިން އުފުލަންޖެހޭނެ ކަމަށް ނިންމައި، ބަދަލުގެ ގޮތުގައި އަލް މަސާރީރަށް 3 މިލިއަން ޕައުންޑަށް ވުރެ ގިނަ ފައިސާ (4.1 މިލިއަން ޑޮލަރު) ދެއްކުމަށް އެ ގައުމުގެ މައްޗަށް އަމުރުކޮށްފަ އެވެ.
އަލް މަސާރީރުގެ އައިފޯން ހެކްކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. އެއީ ނޫސް އިދާރާތަކަކުން ފޮނުވި "ޚާއްސަ މެންބަރޝިޕް އޮފާތަކެއް" ކަމަށް ދައްކައިގެން ފޮނުވި ތިން މެސެޖެއްގައި ހިމެނޭ ލިންކުތަކަށް އޭނާއަށް ފިތާލެވުމާ ގުޅިގެންނެވެ.
މީގެ ސަބަބުން އޭނާ އަށް ފާރަލުމާއި، ފުރައްސާރަކުރުން ކުރިމަތިވެ، އެ އަހަރުގެ އޮގަސްޓް މަހު ލަންޑަނުގެ މެދުތެރޭ ސަރަހައްދެއްގައި އޭނާއަށް ހަމަލާދީ މާރާމާރީ ހިންގި އެވެ.
ކޯޓަށް ހުށަހެޅުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި، ބިދޭސީ ދެމީހަކު އަލް މަސާރީރާ ދިމާކޮށް، ސައުދީ ޝާހީ އާއިލާއާ ބެހޭގޮތުން ވާހަކަދައްކަން އޭނާއަކީ ކާކުތޯ ސުވާލުކޮށް ހަޅޭއްލެވިއެވެ. އަދި އޭނާގެ މޫނުމަތީގައި ތަޅައި، އަނިޔާކުރަން ފެށި އެވެ.
މަގުމަތިން ދިޔަ މީހުން އެކަމުގެ ތެރެއަށް ވަދެ އޭނާ ސަލާމަތްކުރުމުން، އެ ދެމީހުން އެތަނުން ދިޔައީ އޭނާއަކީ "ގަތަރުގެ އަޅެއް" ކަމަށް ބުނެ، އޭނާއަށް "ފިލާވަޅެއް ދޭނެ" ކަމަށް ބުނެ އިންޒާރު ދެމުންނެވެ.
ހައިކޯޓުގެ ފަނޑިޔާރު އެ ހަމަލާ ސިފަކުރެއްވީ ކުރިން ރާވައިގެން ދީފައިވާ ހަމަލާއެއްގެ ގޮތުގައެވެ. އަދި ހަމަލާދިން މީހުންގެ ތެރެއިން އެކަކު އިއަރޕީސް އެއް ބޭނުން ކުރަމުން ދިޔަކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
މި ހަމަލާ އާއި ހެކްކުރުމުގެ އަމަލަކީ "ސައުދީ އަރަބިއްޔާގެ ސަރުކާރުން ނުވަތަ އެ ގައުމުގެ އެޖެންޓުންގެ އިރުޝާދުގެ ދަށުން ހިންގާފައިވާ ކަމެއް ކަމަށް ބެލެވޭނެ ވަރުގަދަ ހެކި އެބަހުރި" ކަމަށް ފަނޑިޔާރު ޖަސްޓިސް ސައިނީ ހުކުމުގައި ވިދާޅުވި އެވެ.
"ސައުދީ ސަރުކާރަށް އަމާޒުކޮށް އޭނާ ކިޔަމުން ދިޔަ ފާޑު ހުއްޓުވުމުގެ ސާފު މަސްލަހަތާއި ބޭނުން ސައުދީ އަރަބިއްޔާއަށް އޮތްކަން އެނގެން އެބައޮތް،" ފަނޑިޔާރުގެ ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.
އެ ހަމަލާ އަށް ފަހު ވެސް އޭނާއަށް ކުރިމަތިވި ފުރައްސާރަތައް ހުއްޓުމަކަށް ނައެވެ. 2019 ވަނަ އަހަރު، ކެންސިންގްޓަންގެ ކެފޭއެއް ގައި އަލް މަސާރީރު އިންދާ ކުޑަކުއްޖަކު އޭނާގެ ކައިރިއަށް ގޮސް، ސައުދީ ރަސްގެފާނު ސަލްމާނަށް ތައުރީފުކޮށް ލަވަޔެއް ކިޔައިދިނެވެ.
މި ހާދިސާ ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކުރުމުން، އެއީ ވަރަށް ބޮޑަށް ވައިގައި ހިފި ވީޑިއޯއަކަށް ވެގެންދިޔަ އެވެ. އަދި ސައުދީ އަރަބިއްޔާގެ ދައުލަތުގެ ޓީވީން ވެސް އެ ވީޑިއޯ ދެއްކި އެވެ.
ހަމަ އެ ދުވަހު، ހުޅަނގު ލަންޑަނުގެ ރެސްޓޯރެންޓަކުން އޭނާ ނުކުތް ވަގުތު މީހަކު އޭނާގެ ކައިރިއަށް ގޮސް، "ކަލޭގެ ދުވަސްތައް ގުނެމުންދަނީ" ކަމަށް ބުނެ އިންޒާރު ދިނުމަށްފަހު އެތަނުން ދިޔައެވެ.
އަލް މަސާރީރަކީ ސައުދީ އަރަބިއްޔާއަށް އުފަން މީހެއް ނަމަވެސް، އޭނާ އިނގިރޭސިވިލާތުގައި ދިރިއުޅޭތާ 20 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އޭނާ އެންމެ ފުރަތަމަ އިނގިރޭސިވިލާތައް ދިޔައީ ޕޯޓްސްމައުތުގައި ކިޔެވުމަށެވެ.
އޭނާ އަކީ މިހާރު އިނގިރޭސި ރައްޔިތެކެވެ. އޭނާ ދިރިއުޅެނީ ވެމްބްލީގަ އެވެ. ނަމަވެސް، ކުރިން ކުރިމަތިވި ހަމަލާއަށްފަހު، ލަންޑަނުގެ މެދުތެރޭގެ ސަރަހައްދުތަކަށް ދިއުމަކީ އަދިވެސް އޭނާ ބިރުގަންނަ ކަމަކަށްވާތީ، ދިރިއުޅޭ ހިސާބާ މާ ދުރަށް ނުދާކަމަށް އޭނާ ބުނެ އެވެ.
އުމުރުން 45 އަހަރުގެ މި ޔޫޓިއުބަރު އަރަބި ބަހުން ވާހަކަދައްކާ ދުނިޔޭގައި މަޝްހޫރުވީ، ސައުދީ ވެރިންނަށް، ހާއްސަކޮށް ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ފާޑުކިޔައި އޭނާ ތައްޔާރުކުރާ ވީޑިއޯތަކުންނެވެ.
އަލް މަސާރީރުގެ މަޖާ އަދި ބައެއް ފަހަރު ސައުދީ ސަރުކާރަށް ހަރުކަށި ފާޑުކިޔުންތަކުގެ ވީޑިއޯތައް ވަރަށް ބޮޑަށް ވައިގައި ހިފާފައިވާއިރު، ޖުމްލަ 345 މިލިއަނަށް ވުރެ ގިނަ ވިއުސް އޭނާގެ ވީޑިއޯތަކަށް ލިބިފައިވެ އެވެ.
ހެކްކުރުމާއި ހަމަލާދިނުމުގެ ހާދިސާތަކަށް ފަހު، އަލް މަސާރީރުގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު ގެއްލި، އޭނާ ވަނީ ނަފްސާނީ ބަލިމަޑުކަމާއި ބިރުވެރިކަމުގެ ތެރެއަށް ވެއްޓިފަ އެވެ. ކުރިން ވަރަށް މަޖާ އަދި ފާޅުގައި ވާހަކަދައްކައި އުޅުނު މި ޝަހުސިއްޔަތު ބީބީސީ އާ ވާހަކަދައްކަން އެއްބަސްވި ނަމަވެސް، އޭނާ ހުރީ ވަރަށް ބޮޑަށް ޖެހިލުންވެފައި ކަމަށް ބީބީސީ އިން ރިޕޯޓު ކޮށްފައިވެ އެވެ. އަދި އޭނާގެ މޫނު އެއްކޮށް ދައްކާކަށް ބޭނުމެއް ނުވިއެވެ.
ވޭތުވެދިޔަ ތިން އަހަރު ދުވަހު އޭނާ އެއްވެސް ވީޑިއޯއެއް އާންމުކޮށްފައެއް ނުވެއެވެ. އޭނާ ބުނާ ގޮތުގައި ކޯޓުން އޭނާ ކާމިޔާބު ހޯދި ނަމަވެސް، އޭނާގެ އަޑު ކަނޑުވާލުމުގައި ސައުދީ ސަރުކާރުން ވަނީ ކާމިޔާބު ހޯދާފަ އެވެ.
"އަހަންނަށް ލިބުނު ގެއްލުމުގެ ބަދަލު އެއްވެސް މިންވަރެއްގެ ފައިސާއަކުން ނުދެވޭނެ،" އޭނާ ބުންޏެވެ. "ހެކްކުރުމުގެ އެ ހާދިސާގެ ސަބަބުން އަހަރެން މުޅިން ބަދަލުވެއްޖެ. އަހަރެން މިއީ ކުރިން އުޅުނު ޣާނިމެއް ނޫން."
އަލް މަސާރީރުގެ ފޯނު ޕެގަސަސް ސްޕައިވެއަރ ބޭނުންކޮށްގެން ހެކްކޮށްފައިވާކަން ކަށަވަރުކޮށްދިނީ ޔުނިވަރސިޓީ އޮފް ޓޮރޮންޓޯގެ ސިޓިޒަން ލެބްގެ ތަޖުރިބާކާރުންނެވެ. އެ ލެބުން ލަންޑަނަށް އެނަލިސްޓަކު ފޮނުވައިގެން ކުރި ތަހުގީގަށްފަހު ނިންމީ، މި ހެކްކުރުމުގެ ފަހަތުގައި އޮތީ ސައުދީ އަރަބިއްޔާ ކަމަށް ބެލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
ޕެގަސަސް އަކީ އިޒްރޭލުގެ އެން.އެސް.އޯ ގްރޫޕުން އުފައްދާފައިވާ، ހެކިންގް ޓޫލްއެކެވެ. އެ ކުންފުނިން ބުނާ ގޮތުގައި އެމީހުން މި ސޮފްޓްވެއަރ ވިއްކަނީ ހަމައެކަނި ސަރުކާރުތަކަށް، ޓެރަރިސްޓުންނާއި ކުށްވެރިން ހޯދުމަށް އެހީތެރިވުމަށެވެ.
ނަމަވެސް، ސިޓިޒަން ލެބުން ވަނީ ސިޔާސީ މީހުންނާއި، ނޫސްވެރިންނާއި، އަދި އަލް މަސާރީރު ފަދަ ސަރުކާރާ ދެކޮޅު ފަރާތްތަކުގެ ފޯނުތަކުން މި ސޮފްޓްވެއަރ ފެނިފައިވާކަން ހާމަކޮށްފަ އެވެ.
އަލް މަސާރީރު އެންމެ ފުރަތަމަ ސައުދީ އަރަބިއްޔާއާ ދެކޮޅަށް ދައުވާ ކުރަން އުޅުމުން، އެ ގައުމުން ބުނީ 1978 ވަނަ އަހަރުގެ 'ސްޓޭޓް އިމިއުނިޓީ އެކްޓް' ގެ ދަށުން އެ ގައުމަށް ގާނޫނީ ރައްކާތެރިކަން ލިބިގެންވާ ކަމަށެވެ.
ނަމަވެސް، 2022 ވަނަ އަހަރު ކޯޓުން ނިންމީ މި މައްސަލައިގައި ސައުދީ އަރަބިއްޔާ އަށް އެފަދަ ރައްކާތެރިކަމެއް ނުލިބޭނެ ކަމަށެވެ. އޭގެ ފަހުން، ކޯޓުގެ އެއްވެސް މަރުހަލާއެއްގައި އެ ގައުމުން ބައިވެރިވެފައެއް ނުވެ އެވެ.
"ސައުދީ އަރަބިއްޔާ އިން ދިފާއުގައި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވޭ، އަދި ކޯޓުގެ ގިނަ އަމުރުތަކާ ވަނީ ހިލާފުވެފައި. މި ދައުވާގައި އެ ގައުމުން ބައިވެރިވާނެ ކަމަކަށް ނުބެލެވޭ،" ހައިކޯޓުގެ ފަނޑިޔާރު ވިދާޅުވިއެވެ.
ކޯޓުން ނިންމާފައިވަނީ ޖުމްލަ 3,025,662.83 ޕައުންޑް ބަދަލުގެ ގޮތުގައި ދިނުމަށެވެ. ނަމަވެސް ސައުދީ އަރަބިއްޔާ އިން މި ފައިސާ ދައްކާނެ ކަމެއް އަދި ސާފެއް ނޫނެވެ.
މިކަމާ ގުޅޭގޮތުން ބީބީސީން ލަންޑަނުގައި ހުންނަ ސައުދީ އެމްބަސީއަށް ގުޅުމުން އެއްވެސް ޖަވާބެއް ދީފައެއް ނުވާ ކަމަށް ބީބީސީ އިން ރިޕޯޓު ކޮށްފައިވެ އެވެ.
އަލް މަސާރީރު ބުނީ ކޯޓުގެ ހުކުމް ތަންފީޒުކުރުމަށް އޭނާ ސާބިތުވެ ހުންނާނެ ކަމަށާއި، ބޭނުންވެއްޖެ ނަމަ ބައިނަލްއަގުވާމީ ކޯޓުތަކަށް ވެސް ދާނެ ކަމަށެވެ. ނަމަވެސް، މި ހެކްކުރުމުގެ ސަބަބުން އޭނާގެ ދިރިއުޅުން ބަދަލުވެގެންދިޔަ ގޮތުގެ ބަދަލު އެއްވެސް މިންވަރެއްގެ ފައިސާއަކުން ނުލިބޭނެ ކަމަށް އޭނާ ތަކުރާރުކޮށް ބުންޏެވެ.
މަސްދަރު: ބީބީސީ





