މައުލޫމާތު ހާމަކުރަން އައި ސަރުކާރުގެ އަސްލު ސިފަ
މައުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، އާރްޓީއައިތަކަށް ޖަވާބު ނުދީ ހިފަހައްޓާތީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ރައީސް އޮފީސް ޖޫރިމަނާކޮށްފައެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ފަދަ އަސާސީ މައުލޫމާތުތައް ސިއްރުކޮށް، ނޫސްވެރިންގެ ސުވާލުތަކަށް ސީދާ ޖަވާބު ނުދޭތީ ސަރުކާރުގެ ހާމަކަން ބޮޑު މިންވަރާމެދު މިހާރު ވަނީ ސުވާލު އުފެދިފައި


ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުން | ރައީސް އޮފީސް
ރިޔާސީ އިންތިޚާބުގެ ކެންޕޭނުގައި "ރައްޔިތުންގެ ބޯ ކާލުމަށް" އެންމެ ގަދައަށް ދެއްކި ވާހަކައަކީ ފޮރުވާނެ އެއްޗެއް ނުބާއްވާނެ ވާހަކަ އެވެ. ހިންގާނީ ދެފުށް ފެންނަ ސަރުކާރެއް ކަމަށެވެ. ޚާއްސަކޮށް އޭރުގެ ސަރުކާރުން އިންޑިޔާއާއެކު އަޑި ނޭނގޭ ޑީލުތައް ހަދާފައިވާކަމަށް ބުނެ އެފަދަ އެއްވެސް އެއްޗެއް ގައުމީ ސަލާމަތަށްޓަކާ އޭ ބުނެ ހާމަނުކޮށް ނުބާއްވާނެ ކަމަށެވެ.
މި މޭރުމުން ދެއްކި ވާހަކަތަކުގެ ކަށަވަރުކަން ދޭން، ދެން ދެއްކި އެއް ވާހަކައަކީ ނޫސްވެރިން ވެސް މައުލޫމާތޫ ނުލިބިގެން އުޅެން ނުޖެހޭނެ ކަމަށެވެ. "މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އާރުޓީއައި ވެސް ހުށަހަޅަން ނުޖެހޭނެ ކަމަށް" ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އެހެން ވިދާޅުވެފައިވީނަމަވެސް، އެމަނިކުފާނު ދެއްކެވި ވާހަކަފުޅާއި ކަން ކުރައްވަމުން ގެންދަވާ ގޮތާ މުޅިންހެން މިވަނީ ޚިލާފް ވެފަ އެވެ. އޭރުގެ ސަރުކާރުން ހާމަކުރިވަރާ ގާތައް ވެސް ކަންކަން ހާމައެއް ނުކުރެ އެވެ. މުޅިން ވެސް ގައުމީ ސަލާމަތާއި ދޭދޭ ގައުމުތަކުގެ މެދުގެ މަސްލަހަތު ހިފެހެއްޓުމަށެވެ. ކުޑަމިނުން އާދައިގެ ކަންކަން ވެސް އޮންނަނީ ސިއްރެއްގެ ގޮތުގަ އެވެ. އެންމެ މިސާލަކުން ސަރުކާރުގެ ސިއްރުވެރިކަން ހުރި މިންވަރު ދެނެގަނެވެ އެވެ. އަދި އަދަށް ވެސް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ހަގީގީ އަދަދުންނެވެ. ކުރިން ރައީސް އޮފީހުގެ ވެބްސައިޓްގައި ހުންނަ އެ މައުލޫމަތު ވެސް މިހާރު އެ ވަނީ ސިއްރު އެއްޗެއްގެ ގޮތުގައި ފޮރުވާފަ އެވެ.
އާރުޓީއައި ހުށަހަޅަން ނުޖެހޭނެ ކަމަށާއި ހުށަނޭޅިއަސް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ބުނި ސަރުކާރުން ހުށަހަޅާ އާރުޓީއައިތަކަށް ޖަވާބު ނުދީ ހިފެހެއްޓުމުގައި ވެސް މިވަނީ މެކުހަށް ޖަހާފައެވެ. އޭގެ ތެރެއިން ވެސް އެންމެ އަރާ ހުރީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހެވެ. މިހާތަނަށް މައުލޫމާތު ފޯރުކޮށް ނުދީގެން ރައީސް އޮފީސް ޖޫރިމަނާކުރަން ޖެހުނު ސަރުކާރަކީ ވެސް މި ސަރުކާރެވެ.
އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ނުވަތަ އާރްޓީއައި ޤާނޫނު މިސްޔޫސް ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ.
އާހިދު އެހެން ވިދާޅުވީ ރާއްޖެޓީވީން ރައީސް އޮފީހާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމުގަ އެވެ. އެ އަޑުއެހުމުގައި އައިކޮމްއިން ވަނީ ރައީސް އޮފީހުން ތަކުރާރުކޮށް ކޮމިޝަނަރުގެ ޒިންމާތަކަށް ހުރަސް އަޅަމުންދާތީ އެ އޮފީސް 2000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ. އެގޮތުން ރައީސް އޮފީސް ޖޫރިމަނާ ކޮށްފައިވަނީ އާރްޓީއައި ޤާނޫނުގެ 67 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުންނެވެ.
އައިކޮމްއިން ރައީސް އޮފީސް ޖޫރިމަނާ ކުރީ އާރްޓީއައިތަކަށް އޮންނަ މުއްދަތުގައި ޖަވާބު ނުދީ އޮތުމުން ހުށަހެޅިފައިވާ ޝަކުވާތައް ބެލުމަށްފަހު އެކަންކަން ރަނގަޅު ކުރަން ދިން މުއްދަތުގައި ވެސް ރައީސް އޮފީހުން ޤާނޫނުގައިވާ ގޮތަށް އަމަލުކޮށްފައިނުވާތީ އެވެ.
އެކަމާ ގުޅޭގޮތުން އާހިދު ވިދާޅުވީ، ރައީސް އޮފީހުން ބާއްވާ އެކިއެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި އާރްޓީއައި ހުށަހަޅާ ފަރާތްތައް ކުށްވެރިކޮށް ވާހަކަ ދައްކަމުންދާ ކަމަށާއި، އާރްޓީއައި ހުށަހަޅަނީ ޤާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެންކަމަށް ބުނަމުންދާ ކަމަށެވެ.
އެހެންނަމަވެސް، ހަގީގަތުގައި މި ޤާނޫނު މިސްޔޫސް ކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަން އާހިދު ފާހަގަ ކުރެއްވި އެވެ.
މިއީ އާރުޓީއައި ހުށަނޭޅިއަސް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި މުއިއްޒާއި މުއިއްޒުގެ ސަރުކާރުގެ އަސްލު ސިފަ އެވެ.
ދެން އޮތީ ނަމެއްގައި ފޯރުކޮށްދޭން ސަރުކާރުން ލޯމައްޗަށް ދައްކަމުންދާ ކުލަނެތް މަންޒަރުތަކެވެ. މަޖިލީހާ ހަމައިން ފަށާނަމެވެ. ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ވަޒީރުންނާ ކުރެވޭ ސުވާލު ގަޑިތަކުގައި މެންބަރުން ކުރައްވާ ސުވާލުތަކަށް ވަޒީރުން ދެއްވަނީ ދެއްވާނެ ޖަވާބެކެވެ. އޭގެން އެނގޭ އެއްޗެއް ކުރާ ސުވާލުގެ އަސްލު ޖަވާބެއް ނޯވެ އެވެ. އެކަމަކު މަޖިލީހުގެ ސުޕަރ މެޖޯރިޓީ މުއިއްޒުގެ ޕީއެންސީގެ މެންބަރުންގެ އަތުގައި އޮތުމުން ކުރެވޭނެ ކަމެއް ނެތެވެ.
މައުލޫމާތު ފޯރުކޮށްދިނުމުގެ ނަމުގައި ރައީސް އޮފީހުގައި ރައީސް މުއިއްޒާއި ކެބިނެޓް ވަޒީރުން ބާއްވާ ޕްރެސް ކޮންފަރެންސްތަކުގައި ވެސް ހަމަ އެހާލަތެވެ. ކުރާ ސުވާލުތަކަށް ބޭރުބޭރުން ހިތުހުރި ވާހަކައެއް ދައްކަވާފައި ނިންމަވާލައްވަނީ އެވެ. ހަމަ އެބީދައިން ރައީސް އޮފީހުގެ ތަރުޖަމާނު ވެސް ކަންކުރައްވަނީ ހަމަ އެގޮތަށެވެ. އެނގޭ އެއްޗެއް ލިބޭ ޖަވާބެއް ސުވާލުތަކަކަށް ނޯވެ އެވެ.
ދެން އޮތީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ރައީސް ބާއްވާނެ ކަމަށް ވިދާޅުވި ނޫސްވެރިންގެ ބައްދަލުވުމެވެ. ބޮޑު ނަގުލަށްގޮސް މިހާރު އެވީ އެ ބައްދަލުވުން ކެންސަލް ކުރާތާ ތިން ހަފުތާ އެވެ. އޭގެ ބަދަލުގައި ދައުލަތުގެ ޓީވީ މެދުވެރިކުރައްވާ ތަފާތު ނަންނަމުގައި ސަރުކާރު ޕްރޮމޯޓު ކުރުމަށާއި އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވުމުގައި ޚުދު ރައީސް މުއިއްޒު އެ ގެންދަވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ކޮންމެއަކަސް ހާމަކުރަން އައި ސަރުކާރުގެ އަސްލު ސިފަ މިދަނީ ހާމަވަމުންނެވެ. މުއިއްޒު އޭރު ދެއްކެވި ވާހަކަފުޅުތައް މިވަނީ ކަނޑުގައި އަޅާލި ރޮނގެއްފަދަ އެއްޗަކަށެވެ. އެ ވައުދުތައް އެދަނީ ރުކަށް އެރި މީހާގެ ނަދުރަށް ވަމުންނެވެ. ވެރިކަމަށް ވަޑައިގަންނަވަން ދެއްކިވި ވާހަކަތަކާއެކު، ވެރިކަމަށް ވަޑައިގަނެވުނީމާ އެވަނީ މުޅިން ބަދަލުވެފަ އެވެ. އަނެއްކާ ވެސް މިފެންނަނީ ހާމަކުރަން އައި މުއިއްޒުގެ އަސްލު ސިފަ އެވެ.









